ކ. މާލެ
|
10 ފެބްރުއަރީ 2018 | ހޮނިހިރު 23:11
ރައީސް ޔާމީން
ރައީސް ޔާމީން
ރާއްޖެއެމްވީ
ގާސިމް އިބްރާޙިމް
ރައީސް ޔާމީން ހިފައި ހައްޔަރުކުރަން ގާސިމް ގޮވާލައްވައިފި
ރައީސް ޔާމީން ގާނޫނާ ހިލާފު އަމަލުތަކާއި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ކަމަށް ގާސިމް ތުހްމަތުކުރެއްވި
ބޮޑު ދުވަހެއް އަންނާނެ
ރައީސް ކުފުރުވެފައިވާ ކަމަށް ވެސް ގާސިމް ތުހްމަތުކުރެއްވި

ރައީސް ޔާމީން ހިފައި ހައްޔަރުކުރަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ވީޓީވީއަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނައުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް، މިހާރު ރައީސް ޔާމީން ގާނޫނާ ހިލާފު ވެފައި ކަމަށެވެ. އަދި އެ މަނިކުފާނު ކުފުރުވެފައިވާ ކަމަށާއި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ކަމަށް ވެސް ގާސިމް ތުހްމަތުކުރެއްވެވި އެވެ.  އެގޮތުން، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބެއްސެވި ފައިސާއަކީ ރައީސް ޔާމީންގެ ފައިސާ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވާ ކަަމަށް ގާސިމް ވިދާޅުވި އެވެ.  

ރައީސް ޔާމީން އަމަލުކުރައްވަނީ ކޮން ގޮތަކަށްކަން ދިވެހި ރައްޔިތުންނަށާއި ފުލުހުންނަށާއި ސިފައިންނަށް ވެސް އެނގޭ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި ގޮތްދޫނުކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިޔަސް، ގާނޫނުގެ ކުރިމަތީގައި ގޮތް ވެސް ދޫކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިޔާސީ ލީޑަރުންނާއި 12 މެމްބަރުން މިނިވަންކުރަން ސުޕްރީމް ކޯޓުން ކުރި އަމުރު ތަންފީޒުނުކޮށް، ސުޕްރީމް ކޯޓްގެ ފަނޑިޔާރުން ހިފައި ހައްޔަރުކޮށްފައިވާއިރު ގާސިމް ވިދާޅުވީ ރައީސް ޔާމީނަށް އަދި "ބޮޑު ދުވަހެއް އަންނާނެ" ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލަކަށް ގާސިމް ވަޑައެއް ނުގަންނަވަ އެވެ. 

ގާސިމް ޖަލަށް ހުކުމްކޮށް، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އެމަނިކުފާނުގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ޖަލަށް ލާފައިވާއިރު، ގާސިމް ވިދާޅުވީ "ފުރާނަ ދުއްވާލިޔަސް، ފުރާނަ ދަންދެން ހުންނާނީ ދިވެހި ރައްޔިތުންގެ ހައްގުގައި" ކަމަށެވެ. އަދި ދިވެހި ފުލުހުނާއި ސިފައިންނަށް އެހީތެރިވާ، އެހީތެރިއެއްގެ ގޮތުގައި ކަމަށް ވެސް އެނާ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް