ކ. މާލެ
|
10 ފެބްރުއަރީ 2018 | ހޮނިހިރު 21:27
ގާނޫނީ ވަކީލު މައުމޫން ހަމީދު
ގާނޫނީ ވަކީލު މައުމޫން ހަމީދު
އަވަސް
މައުމޫން ހަމީދު
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ބައެއް ހައްގުތަކާއި ގާނޫނުތައް ހިފެހެއްޓިފައި އޮތުމަކީ ފުލުހުން އާ ގަވާއިދުތަކެއް ވުޖޫދަށް ގެންނަން ޖެހޭ ކަމެއް ނޫން: މައުމޫން ހަމީދު
މައުމޫން ހަމީދު ވަނީ ފުލުހުންނަށް ކުއްލި ނުރައްކަލުގެ ހާލަތުގައި ކަންކަން އޮންނަށް ޖެހޭ ގޮތް އޮޅިފައިވާ ކަމަށް ހީފުޅުވާ ކަމަށް ވިދާޅުވެފައި

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ބައެއް ހައްގުތަކާއި ގާނޫނުތައް ހިފެހެއްޓިފައި ނުވަތަ ސަސްޕެންޑް ކުރެވިފައި އޮތުމަކީ، ދިވެހި ފުލުހުން އާ "ގަވާއިދުތަކެއް" ވުޖޫދަށް ގެންނަން ޖެހޭ ކަމެއް ނޫން ކަމަށް ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.

މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައި އިތުރަށް އޭނާ ވިދާޅުވީ ދިވެހި ފުލުހުންނަށް ކުއްލި ނުރައްކަލުގެ ހާލަތުގައި ކަންކަން އޮންނަން ޖެހޭ ގޮތް އޮޅިފައިވާ ކަމަށް ހީފުޅުވާ ކަމަށެވެ.

މައޫމޫން ހަމީދު މިހެން ވިދާޅުވިއިރު ހައްޔަރު ކުރެވިފައިވާ ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދުގެ ވަކީލު އަދި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ހޮނިހިރު ދުވަހުގެ މެންދުރު ފަހު ވިދާޅުވީ އޭނާ ހުންނެވީ ހަސަން ސައީދާ ފުލުހުން ސުވާލުކުރާތީ ދޫނިދޫގައި ކަމަށާއި އަދި ކުއްލިއަކަށް މިއަދު އަމަލު ކުރަމުން ދަނީ އާ ގަވާއިދަކަށް ކަމަށާއި، އެގޮތުން ހުރެވޭނީ އެންމެ ވަކީލަކަށް ކަމަށް އަންގާފައިވާ ކަމަށެވެ. ޝަމީމް ވަނީ އެއީ ޣައިރުގާނޫނީ ކަމެއް ކަމަށް ސިފަ ކުރައްވާފައެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދަކީ ޖުޑީޝަރީގެ އެންމެ އިސް އިދާރީ މުވައްޒަފެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ އަމުރު ނެރުމަށް ފަހުއެވެ. އޭގެ ފަހުގައި ފުލުހުން ވަނީ އެގެއިން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް އެގެއިން ފުލުހުން އެފައިސާ ހޯދި ކަމަށް ބުނީ އެގެއަށް އޭގެ ކުރިން ފުލުހުން ވަދެ ބަލާ ފާސްކޮށްފައި ވަނިކޮށް ކަމަށާއި، އެހެން ކަމުން އެއީ ފުލުހުން އޭނާ ފްރޭމް ކުރުމަށް އެގޭގައި އެމީހުން އަމިއްލައަށް ބެހެއްޓި އެއްޗެއްކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ. އެ ފައިސާ ފެނުނު ކަމަށް ފުލުހުން ބުނަނީ އޭނާ ނިދާ އެނދުގެ ގޮދަޑި ދަށުންނެވެ.

ހަސަން ސައީދު ހައްޔަރުކޮށްފައި ވަނީ ކުއްލި ހާލަތުގައި ލިބިދޭ ބާރުގެ ދަށުން ފުލުހުން ކޯޓު އަމުރަކާ ނުލައި، އޭނާ ހައްޔަރު ކުރުމަށް ކުރިން ނެރުނު އަމުރު ސުޕްރީމް ކޯޓުން އޭގެ ކުރިން ބާތިލްކޮށްފައި ވަނިކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް