ކ. މާލެ
|
10 ފެބްރުއަރީ 2018 | ހޮނިހިރު 18:28
ކުރީގެ ނައިބުރައީސް އަޙުމަދު އަދީބް: މާފުށްޓަށް ބަދަލުކުރިކަމަށް ބުނިފަހުން އަދީބުގެ ހަބަރެއް ނުވާކަމަށް ވަކީލުން ބުނޭ
ކުރީގެ ނައިބުރައީސް އަޙުމަދު އަދީބް: މާފުށްޓަށް ބަދަލުކުރިކަމަށް ބުނިފަހުން އަދީބުގެ ހަބަރެއް ނުވާކަމަށް ވަކީލުން ބުނޭ
މުހައްމަދު ޝަރުހާން
އަޙުމަދު އަދީބު
ސަރުކާރުން ވަނީ އަދީބު ފޮރުވާފައި: ވަކީލުން
ސުޕްރީމް ކޯޓުން ވަނީ އަދީބު ދޫކޮށްލުމަށް ޙުކުމްކޮށްފަ
ތަންފީޒީ އިދާރާތަކުން ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކޮށްފައެއް ނުވޭ
ޙުކުމާއި އެކު އަދީބު މާފުއްޓަށް ބަދަލުކުރިކަން އާއިލާއަށް ވަނީ އަންގާފަ

ސަރުކާރުން ކުރީގެ ނައިބުރައިސް އަޙުމަދު އަދީބް ޢަބްދުލްޤަފޫރު ފޮރުވާފައިވާ ކަމަށް އެމަނިކުފާނުގެ ވަކީލުން ބުނެފިއެވެ.

އަދީބުގެ ވަކީލުންގެ ޓީމުން ހޮނިހިރު ދުވަހު ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 01/SJ-SC/2018 ކޯޓު އަމުރުގެ ދަށުން އަދީބު މިނިވަން ކުރުމަށް 1 ފެބުރުއަރީ 2018 ގައި އަމުރު ކުރި ފަހުން، ސަރުކާރުން އަދީބު ފޮރުވާފައިވާ ކަމަށެވެ. އަދި އެ ދުވަހުގެ ފަހުން އަދީބާއި ގުޅޭ ޚަބަރެއް ވެފައިވަނީ، އެމަނިކުފާނު މާފުށްޓަށް ބަދަލުކުރެވުނުކަން އެންގުމަށް ކަރެކްޝަންސްއިން ކުރި ކުރު ފޯނު ކޯލަކުން ކަމަށެވެ. އަދި އޭގެ ފަހުން، އަދީބުގެ ޢާއިލާއަށް ވެސް އަދި އެމަނިކުފާނުގެ ވަކީލުންނަށް ވެސް އެމަނިކުފާނާއި ގުޅޭ އެއްވެސް ޚަބަރެއް ލިބިފައެއް ނުވާ ކަމަށް ވެސް ވަކީލުންގެ ބަޔާނުގައި ވެއެވެ.

އަދީބުގެ ވަކީލުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އަދީބާއި ވަކީލުންނާއި ބައްދަލުވެވޭނެ ގޮތް ހަމަޖައްސައިދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި ތަކުރާރުކޮށް އެދުނު ނަމަވެސް ހޮނިހިރު ދުވަހާއި ހަމައަށް ވެސް އެކަން ހަމަޖައްސައިދީފައި ނުވާ ކަމަށެވެ. އަދި ބައްދަލުވުން ހަމަޖައްސައި ނުދޭ ސަބަބެއް ވެސް ބަޔާންކޮށްފައެއް ނުވާކަން ވަކީލުން ވަނީ ހާމަކޮށްފައެވެ.

އަދީބު މާފުށްޓަށް ބަދަލުކުރެވުނު ފަހުން، މި ބިންމަތިން އެއްވެސް ޙައްޤެއް ލިބިގެންނުވާ ކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާކަން ހާމަކުރައްވައި ވަކީލުން ވިދާޅުވީ، ދިވެހިރާއްޖޭގެ އެންމެހައި ފަރުދުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ހުވާކޮށްގެން ހުރި ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވުމަކީ ވަކީލުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި، ބޭއިންސާފު ,ސިޔާސީ ޝަރީޢަތްތަކަކުން އަދީބުގެ މައްޗަށް ކުށްތަކެއް ސާބިތުވެ ޙުކުމް ކުރެވިފައިވީ ނަމަވެސް، އަދީބަށް ވެސް ލިބިދޭންޖެހޭ ޙައްޤުތައް ދިވެހިރާއްޖޭގެ ދުސްތޫރާއި، ބަންދުގައި ތިބޭ މީހުންގެ ޙައްޤުތައް ބަޔާންކޮށްދޭ ޤާނޫނުތަކުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކަމަށެވެ.

މި ބަޔާނުގައި ވަކީލުން ވަނީ، ޤާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިހުރި އެ ހަމަތަކަށް ގޮންޖައްސަވައި، އަދީބަށް އެއްވެސް ޙައްޤެއް ލިބިގެންނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ދަނޑިވަޅެއްގައި، އަދީބުގެ އެއްވެސް ޚަބަރެއް ނުވުމާއި، ވަކީލުންނާ ބައްދަލު ވިޔަނުދިނުމާއި، އަދި ފޯނުން ވެސް ވާހަކަ ދެއްކޭނޭ ގޮތް ހަމަޖައްސައި ނުދީ، ވަކީލުންނަށް އަދީބާއި ބެހޭ އެއްވެސް މަޢުލޫމާތެއް ނުދޭތީ އެކަމާ އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ބަޔާނުގައި އަދީބުގެ ވަކީލުން ވަނީ، އަދީބާއިމެދު ސަރުކާރުން ޢަމަލު ކޮށްފައިވަނީ ކިހިނެތްކަން ނޭނގޭއިރު، އެކަން ބަލައި ޙަޤީޤަތް ހޯދުމަށް ދިވެހިރައްޔިތުންނާއި، ދައުލަތުގެ މުއައްސަސާތަކާއި، ބައިނަލްޢަޤުވާމީ ޖަމާޢަތްތަކުން ބާރުއަޅައި އެހީތެރިވެދިނުމަށް ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް