ކ. މާލެ
|
10 ފެބްރުއަރީ 2018 | ހޮނިހިރު 18:17
ޕީޕީއެމުން ބޭއްވި ޖަލްސާއެއްގެ ތެރެއިން
ޕީޕީއެމުން ބޭއްވި ޖަލްސާއެއްގެ ތެރެއިން
ރައީސް އޮފީސް
ޕީޕީއެމް ޕްރެސް
ޕީޕީއެމުން ހަރަކާތްތައް ބާއްވަނީ ބަންޑާރަ ނައިބުގެ ލަފާގެ މަތިން: ޕީޕީއެމް
ޕީޕީއެމުން ހަރަކާތްތައް ހިންގާއިރު ސިފައިންނާއި ފުލުހުން ދަނީ ސެކިއުރިޓީ ބަލަހައްޓަމުން
އިދިކޮޅު ފަރާތްތަކުން ހަރަކާތް ހިންގުމަށް ފުލުހުން ދަނީ ހުރަސް އަޅަމުން
އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތައް ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުންކޮށްފައިވޭ

ސަރުކާރު ހިންގާ ޕީޕީއެމްއިން ހަރަކާތްތައް ހިންގަނީ ދައުލަތުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ ލަފާފުޅުގެ މަތިން ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ޕީޕީއެމް އޮފީހުގައި ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނިކޮށް، އަދި އެއްވެ އުޅުމުގެ މިނިވަންކަން ހިފަހައްޓާފައި ވަނިކޮށް، ޕީޕީއެމުން ހިންގާ ހަރަކާތްތައް ހިންގަނީ ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ ލަފާފުޅުގެ މަތިން ކަމަށެވެ. 

އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ފަރާތްތައް ވެސް އެއްވެ އުޅޭ ކަމަށާއި އިދިކޮޅު ފަރާތްތަކުގެ އެއްވުންތަކަށް ފުލުހުން ހުރަސް އަޅަނީ އެ މީހުން ގާނޫނާ ހިލާފު އަމަލުތައް ހިންގާތީ ކަމަށެވެ. އިދިކޮޅު މީހުން ގާނޫނާ ހިލާފަށް ކުރަނީ ކޮންކަމެއް ކަމެއް އަބްދުއްރަހީމް ވިދާޅެއް ނުވެއެވެ.

މިމަހުގެ ފަސް ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ ގަރާރުގައި ބައެއް ހައްގުތައް ވެސް ހިފަހައްޓާފައި ވެއެވެ. އެގޮތުން އެއްވެ އުޅުމުގެ މިނިވަންކަން ހިފަހައްޓަފައިވަނިކޮށް، ސަރުކާރު ހިންގާ ޕީޕީއެމުން ދަނީ ކޮންމެ ދުވަހު އަދި ކޮންމެ ރެއަކުހެން އިވެންޓްތައް ބާއްވަމުންނެވެ. ގިނަ އިވެންޓްތަކުގައި ސަރުކާރުންގެ އިސްވެރިންގެ އިތުރުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. އަދި އެ އެއްވުންތަކާއި އިވެންޓްތައް ބާއްވަމުން ގެންދާއިރު، ސިފައިންނާއި ފުލުހުންގެ އެއްބާރުލުން ޕީޕީއެމްއަށް ދަނީ ލިބެމުންނެވެ.

ނަމަވެސް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުންތައް ބޭއްވުމަށް ފުލުހުންގެ ފަރާތުން ޖެއްސުން ކުރުންތައް ކުރިމަތި ކުރުވަމުންދާއިރު، އެއްވުންތައް ރޫޅާލުމުގައިވެސް ވަރަށް ބޮޑަށް އަނިޔާވެރި އަމަލުތައް ފުލުހުންގެ ފަރާތުން ދަނީ ފެންނަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް