ކ. މާލެ
|
8 ފެބްރުއަރީ 2018 | ބުރާސްފަތި 23:23
ރައީސް މައުމޫން
ރައީސް މައުމޫން
މިހާރު
މަގޭ ރިޕޯޓް
ބަޔަކަށް ޒައީމު ގެއްލިއްޖެ
ރައީސް މައުމޫނުގެ ތާއީދާ އެކު މަޤާމްތަކަށް އައި މީހުން ނުފެނޭ
އެމަނިކުފާނު އޮންނެވީ ޖަލުގައި
އެމަނިކުފާނަށް ވެސް ކޮޅު ބަދަލުކޮށްލެވެން އެބައޮތް

މީގެ ކުޑަދުވަސްކޮޅަކާ ހަމައަށް އެއްބަޔަކު ވަރަށް ގަދަޔަށް ޖަހާ އުޅުނު ލަވައެކެވެ. މުޅި ރާއްޖޭގައި ގުގުމި ލަވައެކެވެ. ޚާއްޞަކޮށް މިހާރުގެ ރައީސް، ރައީސް ޔާމީން 2013 ގައި ކުރެއްވި ކެމްޕޭނުގައި އެންމެ ފޯރި ނެގި ލަވައެވެ. ފޯނުތަކުގެ ރިންގް ޓޯނަށާއި މީހުން އެއްކުރުމަށް ޖަހާ އުޅުނު ފަތިވަރުތަކުގައި ވެސް ބޭނުންކުރީ ހަމަ މިލަވައެވެ.

މިއީކީ ތޯތޯ ލަވައެއް ނޫނެވެ. ކޮންމެހެން ލަވަ، ލަވަޔަކަށް ވީކީ ލަވައިގެ ޖޯޝާ ލަވައިގެ އެމުނި އެކުލެވިފައިވާ ގޮތުގެ ރީތިކަމުންނެއް ނޫނެވެ. އަދި އޭގެ މިޔުޒިކްގެ އަސަރުގަދަ ކަމަކުން  އެކަންޏެއް ވެސް ނުމެ ނޫންމެއެވެ. އެ އަށް ވުރެ ބޮޑަށް އެލަވަ ރައްދުވި ރައީސް މައުމޫނަށް މީހުން ކުރަމުން އައި ތާއީދުގެ ސަބަބުންނެވެ. އެމަނިކުފާނުގެ ރަންތިރީސް އަހަރުގެ ވާހަކަ ދައްކުވައިގެން ބަޔަކު އިންތިޚާބު ކާމިޔާބު ކުރުމަށް ލިބެމުންދިޔަ ހިތްވަރުންނެވެ. އެމަނިކުފާނުގެ ފަހަތްޕުޅުގައި ތިބި މީހުންގެ ގިނަ ކަމުންނެވެ.

ތެދެކެވެ. ބަޔަކަށް ވެރިކަމަށް އާދެވިއްޖެއެވެ. މަޖިލީހުގެ ގޮނޑިތަކުގައި އިށީނދެވިއޖެއެވެ. އާދައިގެ ރެލީ ބައިސްކަލެއް ދުއްވި މީހުންގެ ގެ 14 ބުރިއަށް ހިއްލެން ފަށައިފިއެވެ. ސައިތައްޓެއް ބޯލާނެ 4 އަނާ ވެސް ނެތް މީހުންގެ އެކައުންޓްތަކަށް މިހާރު ވަންނަ ޑޮލަރުގެ އަދަދު ގުނަނީ އެތައް މިލިއަނަކުންނެވެ. ރަށުގެ ގޮނޑުދޮށުގައި ދޮށި ހިފައިގެން ރޯ އަވީގައި އުޅުނު މީހުން އަރާ އެތިބެނީ ބޮޑެތި މާސިޑީޒްތަކުގައެވެ. އަތުން ފޮޅުލާ ވަރަށް ފަލި ޖަހައިގެން ނޫނީ ޖެހިގެން އޮންނަ ރަށަށް ނުދެވޭ މީހުން މިހާރު އެއިންނަނީ މީހާޔާ ނުބައްދަލު ބޮޑެތި ޝީޓްތަކުގައި ފްލައިޓްތަކުގެ ބިޒްނަސް ކުލާހުގައެވެ. ވަންނާނޭ ގެއެއް ނެތިގެން ކަނދު އަޅައިގެން އެއް ކޮޓަރި ގަނޑެއްގައި ޑިއުޓީ ބަހައިގެން ނިދާ އުޅުނު މީހުންގެ ނަމުގައި އެދަނީ ބޮޑެތި ފްލެޓްތައް ރަޖިސްޓްރީ ވަމުންނެވެ. އެކަމުގެ ނސީބުވެރި އެއްބަޔަކީ ކުރިން ވެސް ބުނެވުނު ގޮތަށް ރައީސް މައުމޫންުގެ މުފައްތުން އެހާހިސާބަށް އާދެވުނު މީހުންނެވެ. ޑީއާރުޕީ އާއި ޕީޕީއެމްގައި އެމަނިކުފާނުގެ ފަހަތުގައި ފަސްބައިގާ އެލިގެން ތިބި މީހުންނެވެ. އަދުރޭއެއް ނިހާނެއް ޔާމީނެއް ކިޔާނެ ކަމެއް ނެތެވެ. ހުނިޖަހާލާފައި ވަކިބަޔަކު ނަގާކަށް ވެސް ނުޖެހެއެވެ. ގިނަ މީހުންނަކީ އެމީހުންގެ އާއިލީ އައުލާދާ، އެމީހުންގެ ފޯރުންތެރިކަމުގެ އިތުރުން ލިބިފައިވާ ތައުލީމާ އުޅެވުނު ގޮތުން އެފަދަ ބައެއް މަގާމްތަކަށް ކުޑަބޭރު ވެސް އެރޭވަރުގެ ބައެއް ނޫނެވެ.

އެކަމަކު ޒަމާން ބަދަލުވެއްޖެއެވެ. ބޮޑުބޭ ވަނީ ހަމައެކަނި ހަކުރު ދޭތީއެވެ. ކެޔޮގަނޑު ކަނޑާލެވުނީމާ ގަހުގެ ބޭނުން ކެނޑި އެއްލާލައިފިއެވެ. އޭރު ރައީސް މައުމޫނުގެ ހިލަމަކަށް ބަލަން ތިބި މީހުން މިއަދު އެތިބެނީ ހަތަރުކަޅި ހަމަކޮށް ވެސް ލާން ނުކެރިފައެވެ. ޖާހާ މަންސަބު ގެއްލިދާނެތީއެވެ. ޒަޢީމޭ ބުނެ ހާލު އަހާލަން ވެސް އެތިބީ ހަމަ ސިހިސިހިއެވެ. ލިބިފައިވާ ނަފާވެރިކަން އަތުން ބީވެދާނެތީއެވެ. ޗާލާކީ ދިރިއުޅުން އަތްދަށުން ހިނގައިދާނެތީއެވެ.

އެކަމަކު މިއަދުވެސް ރައީސް މައުމޫނަށް ބައްލަވާށެވެ. ކުރިއަށް އޮތް ޖީލުތަކަށް ފިލާވަޅު ނަގައިދޭން ވެސް އެމަނިކުފާނަށް ބައްލަވާށެވެ.

ރައީސް ޔާމީނަށް ކުރެއްވި ތާއީދު އަނބުރާ ގެންދެވީ ޤައުމުގެ ކަންކަން ދާ ގޮތުން ނުހުރެވިގެންނެވެ. ކޮރަޕްޝަނާ ފަސާދަ އާއި އަނިޔާވެރިކަން އިންތިހާއަށް ބޮޑުވެ ހައްދު ފަހަނައަޅާތީއެވެ. ނޫކަށިފުރައިގެ ޒުވާން ކަމުގައި ޤައުމު އިސްލާހް ކުރައްވަން ނިކުތް ގޮތަށް އަރުވާ ޖައްސަވާފައި އެމަނިކުފާނު ނިކުންނެވީ ރައްޔިތުންގެ ޙައްޤުގައެވެ. އެންމެ 50 އަކަށް ރުފިޔާއަށް ލިބޭ އާދައިގެ ގޮނޑިގަނޑެއްގައި ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާތަކުގައި ގަޑި ދެގަޑިއިރަށް އެއިންނަވަނީ މަހުމާޖެހި ގޮނޑީގައި އިއްޒަތުގައި އިންނެވެން އޮއްވައެވެ. ދަރިފުޅު ޖަލުގެ ތޭރިތަކުގެ ފަހަތަށް ގެންދެވުމުން ވެސް ކުޑަ ދުލެއް ނުދީ ކުރިއަށް ވަޑައިގަތީ މިނޫން ދުވަހެއް އެހެން މީހުންނަށް ހޯދައި ދިނުމަށެވެ. ބަހެއް ވިދާޅު ނުވެ އެޅިހާ ބަތަކަށް ރިހަވެގެން އަދުގެ ސަރުކާރުން ޖަހާހާ ލަވައަކަށް ނައްޓަވާ ނަމަ އެމަނިކުފާނަކީ މިއަދުވެސް ލޯބި ލޯބި ތުއްތޮންބެއެވެ. އިހު ހުރި ގޮތަށް ތީމުގޭގައި ވެސް އެމަނިކުފާނަށް ދިރިއުޅުއްވެން އޮތުމަކީ ނުވާނެ ކަމެއް ނޫނެވެ. ސަރުކާރުން އެދޭ ގޮތަށް ދީލާލައިފި ނަމަ ހުރިހާ ކަމެއް މުޅިން ހައްލުވީއެވެ. ކޯޑިނޭޓަރުންނާ ބައި އެޅޭ މީހުން އެގޮވާ ކުނިހުތުރުގެ އެންމެ ލަފުޒެއް ވެސް އޭރުން އެމަނިކުފާނަށް އަޑެއް ނީވޭނެއެވެ.

ކޮންމެއަކަސް ރައީސް މައުމޫނަކީވާ އާދައިގެ ބޭފުޅެއް ނޫނެވެ. މިއަދުވެސް ހަމަ އެހިތްވަރެވެ. ގަޑިންގަޑިއަށް ބޭސް ފަރިއްކުޅުވަން ޖެހޭ ކަމާއި ދުވާލެއްގެ ވަކިވަރަކަށް ކަސްރަތު ކުރައްވަން ޖެހޭކަން އަދި އަމުދުން ވަކި އެއްޗެއް ނޫނީ ފަރިއްކުޅުވައިގެން ނޫން ގޮތަކަށް ބަލިއެންދަށް ވަދައިނުގެން އެމަނިކުފާނުގެ ހަނދާނެއް ނެތެވެ. އެއަށް ވުރެ އެމަނިކުފާނަށް މުހިއްމުވެފައި އެވަނީ ޤައުމެވެ. ރައްޔިތުންނެވެ. އިސްލާހެވެ. އުފެއްދެވި ޕާޓީގެ މޮޓޯ ދެމެހެއްޓުމެވެ. އެކަމަށްޓަކައި އިއްޒަތާއި ޤަދަރާއި ހާސްކަމެއް ނެތި ބޮޑު ހާއުފާވެރިކަން ދޫކޮށްލައްވައި ރައީސް މައުމޫން މިއަދު އެއޮންނެވީ ދެ ފޫޓް ހަ ފޫޓެއްހާ ސިމެންތި އައްޓެއް މަތީގައެވެ. ދަށުގައި ބައެއް ފަހަރަށް އަޅާލާނެ ކުނާ ގަނޑެއް ލިބުނަސް ޝުކުރުކޮށްގެންނެވެ. ރޭދުވާ ރަނގަޅަށް ނޭނގޭ އަނދިރިކަމެއްގެ ތެރޭގައެވެ.

ނޫނޭވާ ހިތްވަރުފުޅު ގަދައެވެ. ކެތްތެރިކަން އިންތިހާއެވެ. އަޅުގަނޑު ބުނާނީ ހަމަ އެންމެ ވާހަކައެކެވެ. ތިޔައީ ލާމަސީލު ނަމޫނާއެކޭއެވެ. ކުރިން ބަޔަކު ކިޔަމުން އައި މީހުން އެމީހުންގެ މުހުތާދުތައް ފުރިހަމަވީމާ މިއަދު އެލަވަ ހަނދާން ނެތުނަސް ވަރިހަމައެވެ. ތިޔައީ ޒައީމޭ މިއަދު އެމީހުން ނުކިޔަސް ވެސް މެއެވެ. ހަމަ ގައިމު ވެސް އެމީހުންނަށް ވުރެ ގިނަ މީހުން މިއަދު އެލަވަ ކިޔާނެވެ. ތިޔައީ ހަމަ ހަޤީގަތުގައި ވެސް ޤައުމު ފަޚުރުވެރިވާ ފަދަ ޒައީމެކެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް