ކ. މާލެ
|
8 ފެބްރުއަރީ 2018 | ބުރާސްފަތި 11:10
ސިފައިންނާ ފުލުހުން: މިހާރު ކުއްލި ނުރައްކަލުގެ ހާލަތުގައި
ސިފައިންނާ ފުލުހުން: މިހާރު ކުއްލި ނުރައްކަލުގެ ހާލަތުގައި
މުހައްމަދު ޝަރުހާން
ކުއްލި ނުރައްކަލުގެ ހާލަތު
ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރި ސަބަބު
އާޒިމާ ވިދާޅުވީ ސިޓީ ހަވާލު ނުކުރެވިގެން ކަމަށް
އަނިލް ވިދާޅުވީ ދުސްތޫރީ ކަމެއް ކަމަށް
ރައީސް ޔާމީން ވިދާޅުވީ ފަނޑިޔާރުންގެ މައްސަލަތަކެއް ބެލުމަށް ކަމަށް

ޤައުމަކަށް ކުއްލި ނުރައްކަލުގެ ޙާލަތެއް އައުމަކީ ނުވަތަ ގެނައުމަކީ އާދައިގެ ކަމެއް ނޫނެވެ. ރާއްޖޭގައި މިހާރު ޢަމަލް ކުރަމުންދާ ޤާނޫނު އަސާސީ ލިޔުނުއިރު އެކަމަށް ވަރަށް ބޮޑަށް ބަލާފައިވެއެވެ. އެކަން ކުރެވޭގޮތާއި ކުރަން ޖެހޭނެ ގޮތް ވަނީ ސާފު ސަރީޙަ އިބާރާތުން ބުނެފައެވެ. ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރުމާ ގުޅޭގޮތުން ޤާނޫނު އަސާސީގެ 253 ވަނަ މާއްދާގައި ބުނެފައިވަނީ "ޤުދުރަތީ ކާރިޘާއެއް، ނުވަތަ ނުރައްކާތެރި ބަލިމަޑުކަމެއް، ނުވަތަ ހަނގުރާމައެއް، ނުވަތަ ޤައުމީ ސަލާމަތައް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިވެއްޖެނަމަ ނުވަތަ ބޭރުގެ ޙަމަލާއެއް ކުރިމަތިވެދާނެކަމުގެ ބިރު ހީވެއްޖެނަމަ ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ނުވަތަ ކަނޑައެޅޭ ވަކި ސަރަހައްދެއްގައި ނުވަތަ ސަރަހައްދު ތަކުގައި ތިރީސް ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރުމުގެ ބާރު ރައީސުލް ޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށެވެ.

އެހެންނަމަވެސް ކުއްލި ނުރައްކަލުގެ ހަލަތު އިއުލާން ކުރުމަށް ރައީސް ނެރުއްވި ޤަރާރު އިއްވަމުން ރައީސުލް ޖުމްހޫރިއްޔާ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރ އާއިޝަތު އާޒިމާ ޝުކޫރު ވިދާޅުވި ސަބަބު ތަކުގެ ތެރޭގައި ޤާނޫނު އަސާސީގައި ބުނާ ފަދަ އެއްވެސް ހާލަތެއް ވިދާޅުވެފައެއް ނުވެއެވެ. އެކަން ކުރެއްވި ސަބަބެއްގެ ގޮތުގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒް ނުކުރުމަށް ސަރުކާރުން ދައްކަމުން ދިޔަ ވާހަކަތައް ހިމެނޭ ސިޓީތައް ބަލައި ނުގަތުން ކަމަށެވެ.  

"އަމުރާ ގުޅިގެން ހުރި ކަންކަން ދެންނެވުމަށް އުއްތަމަ ފަނޑިޔާރަށް މިއަދު 5 ފެބްރުއަރީ 2018 ވަނަ ދުވަހު އަހުރެން 4 ސިޓީއެއް ރައްދު ކުރުމަށް ކުރި މަސައްކަތައް ހުރަސްއަޅައި، އެސިޓީތައް ބަލައިނުގަތުމުގެ ސަބަބުން މިމައްސަލަތަކަށް ޙައްލެއް ހޯދުމަށް ކުރި މަސައްކަތަށް ހުރަސްއެޅިފައިވާތީއާއި އަދި ދިވެހި ދައުލަތުގެ އެކިއެކި މުއައްސަސާތަކަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ދިވެހި ދައުލަތުގެ މިނިވަންކަމާ ސިޔާދަތަށް ގެއްލުންވާ ކަމަށް ޤަބޫލް ކުރެވޭތީއާއި ދިވެހި ދައުލަތުގެ ޤާނޫނީ ވަކީލުން ކަމުގައިވާ ބަންޑާރަނައިބާއި ޕްރޮސެކިއުޓަރ ޖެނެރަލް މިމައްސަލަތައް ޙައްލުކުރުމަށް ކުރައްވާފައިވާ މަސައްކަތައް ވެސް އެދެވޭ އިޖާބައެއް އުއްތަމަފަނޑިޔާރުގެ ކިބައިން ދީފައި ނުވާތީ މަތީގައިވާ ކަންކަމަށް ރިއާޔަތް ކުރާއިރު މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫން އަސާސީގެ 8 ވަނަ މާއްދާއިން ކަނޑައަޅައި އިސްތިޤްރާރް ކޮށްފައިވާ  ޤާނޫނު އަސާސީގެ ސިޔާދަތު ގެއްލި ދައުލަތުގެ ކަމާބެހޭ މުއްއައްސަސާތަކަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތައް ނުރައްކަލެއް ފޯރާފާނޭ ކަމަށް ޤަބޫލް ކުރެވޭ ހިސާބަށް ކަންކަން ގޮސްފައިވުމުން އަދި މިކަންކަމަކީ އޭގެ ޒާތުގައި ދިވެހިރާއްޖޭގެ ދުސްތޫރީ އޮނިގަނޑު ފުނޑުފުނޑުވެ މުޅި ދައުލަތް ޤާނޫނު އަސާސީން ބޭރުވެ އެދުސްތޫރުގައި ކަނޑައެޅިފައިވާ ގޮތާ ޚިލާފަށް ހިންގުމަށް އޮތް ފުރުސަތެއް ކަމުގައިވެ މިކަމުގެ ސަބަބުން ޤައުމުގެ ސަލާމަތަށް ނުރައްކާ ވެދާނޭ ކަމަށް އަހުރެންނަށް ޤަބޫލް ކުރެވުނު ހިނދު، އަދި ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި މިހާރުން މިހާރަށް ފިޔަވަޅު އެޅުމަށް ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުން  އަހުރެންނަށް މަޝްވަރާ ލިބިދީފައިވީ ހިނދު ދިވެހި ޤައުމުގެ މިނިވަންކަމާ ޤައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމަށް ދުސްތޫރީ އޮނިގަނޑު ރައްކާތެރިކޮށްދިނުމަކީ ދިވެހިދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން އަހުރެންނަށް މަތިކޮށްފައިވާ ޒިންމާއަކަށް ވީހިނދު މަތީގައިވާ ސަބަބުތަކަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫން އަސާސީގެ 253 ވަނަ މާއްދާއަށް ރިއާޔަތްކޮށް ދިވެހިރާއްޖޭގެ ވެރިރަށް މާލެއާ އަދި މިމައްސަލައާ ގުޅިގެން ޤާނޫނާ ޚިލާފް ޢަމަލް ހިންގާކަމަށް ތުހުމަތު ކުރެވޭ ފަރާތެއް ނުވަތަ ފަރާތްތަކެއް ތިބިތަނެއް ހިމެނޭގޮތުން ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރުމަށް ނިންމައި މިހިނދުން ފެށިގެން 15 ދުވަހަށް ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރަން" ކަމަށެވެ.

އާޒިމާ އެހެން ވިދާޅުވިއިރު ބަންޑާރަނައިބު މުހައްމަދު އަނިލް ވިދާޅުވީ އަދި މުޅިން އެހެން ވާހަކައެކެވެ. އަނިލް ވިދާޅުވީ ދުސްތޫރީ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ ޤައުމީ ސަލާމަތައް ނުރައްކާ ވެދާނެތީ ކަމަށެވެ.

"އެޤަރާރުގައި ވާ ފަދައިން މިއަދުގެ މިހާލަތައް އައިއިރު  ދުސްތޫރީ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވެ، ދިވެހިރާއްޖޭގެ ރައްޔިތުންގެ ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ޙާލަތެއް ވަނީ ކުރިމަތިވެފަ. މިހާލަތުން އަރައިގަތުމަށްޓަކައި ކުރަން ޖެހޭ މުހިއްމު މަސައްކަތް ދިވެހިދައުލަތުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކުން ކުރަމުން ގެންދާނަން. މިހާލަތަށް އައުމަށްޓަކައި ނުވަތަ މިހާލަތަށް ދިއުމަށްޓަކައި މެދުވެރިވި ކަންކަން ތަހުގީގް ކޮށް އެކަންކަމާ ގުޅޭގޮތުން ޤާނޫނީ ނިޒާމްގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި މިހާލަތުގައި ބަޔާންކޮށްފައިވާ މިންގަނޑުގެ ތެރެއިން ކަމާބެހޭ މުއައްސަސާތަކުން ކުރަމުން ގެންދާނެ." އަނިލް ވިދާޅުވިއެވެ.

މިވާހަކަފުޅުން ވެސް ޤައުމަށް ދިމާވި ޤާނޫނު އަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރެވޭނެ ކަމަށް ބުނާ ސަބަބެއް ބަޔާން ވެފައިވާ ކަމަކަށް ޤާނޫނީ ވަކީލުން ވިދާޅެއް ނުވެއެވެ. އެއާ ޚިލާފަށް ފާހަގަ ކުރެވުނީ ތަހުގީގެއް ހިންގުމަށް އަޅަން ޖެހޭ ފިޔަވަޅެއްގެ ގޮތުގައި އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ޙާލަތެއް ކަމަށެވެ.

މި ދެބޭފުޅުންގެ ވާހަކަފުޅަށް ފަހު ޤައުމާ މުޚާތަބު ކުރައްވާ ރައީސް ޔާމީން ވިދާޅުވީ މުޅިން އެހެން ވާހަކަފުޅެކެވެ. އެމަނިކުފާނު ވިދާޅުވީ ފަނޑިޔާރުންތަކެއްގެ ރިޝްވަތުގެ ވާހަކައެވެ. ފަނޑިޔާރުން ބައްލަވައިގަންނަވަން އުޅުއްވި ފްލެޓްތަކެއްގެ ވާހަކައާއި އެ ރިޝްވަތުގެ ސަބަބުން އެފަނޑިޔާރުން ކުރިން ގެންގުޅުއްވި ވިސްނުން ބަދަލު ކުރަން ޖެހުނީތޯ ބައްލަވަން ބޭނުންފުޅުވި ކަމަށެވެ. ރައީސް ޔާމީނާ ކުރިން އޮންނަ ގާތްކަން ކެނޑުނު ކަމަށާއި ބައްދަލުކުރައްވަން ވަޑައިގަންނަވަން އެދުމުން އެކަމަށް ދެކޮޅު ހެއްދެވި ސަބަބު ތަހުގީގް ކުރުމަށް ކަމަށެވެ. ފަނޑިޔާރުންގެ މައްސަލަތައް ބަލައި ޖަވާބުދާރީ ކުރުވުމަށް ކަމަށެވެ.

"ދައުލަތުން ރައީސުލް ޖުމްހޫރިއްޔާ ފޮނުވި އަމުރުތައް ފޮނުވާފައި އަޅުގަނޑު މަސައްކަތް ކުރިން ޢަބްދުﷲ ސަޢީދާ ވާހަކަ ދައްކަން. އަޅުގަނޑު ދެންނެވިން ޢަބްދުﷲ ސައީދަށް 12 ޖަހާއިރު އަޅުގަނޑާ ބައްދަލު ކޮށްލައްވަން ވަޑައިގެންނެވުމަށް. އެއީ ކަންކަން ހައްލުކުރެވޭތޯ ބަލަން. ވަޑައެއް ނުގެންނެވި. އެއްވެސް ގުޅުމެއް ނެތް. އެހެން ނަމަވެސް ކަންހިނގާ އުސޫލަކަށް ވާން ޖެހޭނީ އަޅުގަނޑު ފޮނުވާ ސިޓީތައް އެމައްސަލަތައް ފައިސަލާ ނުކުރައްވާ ވެސް އެހެން އަމުރުތަކެއް ނެރުއްވަމުން ގެންދެވިދާނެ. އެއިން ލިބޭނީ އަނެއްކާވެސް ދިވެހިރާއްޖެއަށް އިތުރު އުނދަގޫތައް. އެހެންކަމަށްވާނަމަ ދިވެހިރާއްޖޭގެ ޤާނޫނީ އުސޫލު ދަމަހައްޓާނެ އެއްވެސް އިސްވެރިއެއް އެއްވެސް މުއައްސަސާއަކު ނުހުންނަވާނެ" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވިއިރު މިވީހާތަނަށް ސުޕްރީމް ކޯޓުން ނެރުއްވި އެއްވެސް ހުކުމަކަށް ނުވަތަ އެއްވެސް އަމުރަކާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކަށް ބައްދަލުކޮށް އެހުކުމް ނުވަތަ އެއަމުރު ބަދަލު ކޮށްފައެއް ނުވެއެވެ. އަދި އެފަދަ އަމުރެއް ތަންފީޒް ނުކޮށް ދޫކޮށް ލުމުގެ ފުރުސަތެއް ވެސް ދީފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް