ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރަން ޖެހުނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ޖަވާބުދާރީ ކުރެވޭނެ އިތުރު ގޮތެއް ނެތުމުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރެއްވުމާ ގުޅޭ ގޮތުން އަންގާރަ ދުވަހު ގައުމާ މުޚާތަބު ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދާ ގުޅޭ ގޮތުން ހުށަހެޅުނު މައްސަލައަކީ ކިތާބީ ހެކި ހުރި ސީރިއަސް މައްސަލައެއް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އަލީ ހަމީދުގެ އަނބިަނބަލުންނާއި ދަރިކަލުންގެ ނަމުގައި ހުޅުމާލެއިން ދެ ފްލެޓެއް ގަންނަން ހުށަހަޅާފައިވާ ކަމަށާއި އަދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ނަމުގައި ވެސް ފްލެޓެއް ގަންނަން ހުށަހަޅާފައިވާ ކަމަށެވެ. އެބޭފުޅުންނަށް ފްލެޓް ބައްލަވައިގަތުމުގެ މުއްސަނދިކަން ލިބިވަޑައިގަތީ ކިހިނެއްތޯ ސުވާލު އުފައްދަމުން ރައީސް ޔާމީން ވިދާޅުވީ އެ ލިބިވަޑައިގެންނެވި މުއްސަނދިކަމާއި ފަނޑިޔާރުންގެ ވިސްނުންފުޅަށް އައި ބަދަލާ އެއްވެސް ގުޅުމެއް ވޭތީ ސަރުކާރުން ބަލަން ބޭނުންވާ ކަމަށެވެ.
ފްލެޓްގެ މައްސަލައިގައި ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދުގެ މައްސަލަ ބަލަން ކުރި މަސައްކަތަށް ސުޕްރީމް ކޯޓުން ހުރަސްއަޅާފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި، ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރުގައި ޖުޑިޝަލް ސަރވިސް ކޮމިޝަނަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ބެލުމުގެ އިހުތިސާސް ލިބިގެންނުވާ ކަމަށް ކަނޑައަޅައި ޖަވާބުދާރީކުރުވުމުގެ ފުރުސަތު ނަގާލާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި ހުކުމް ތަންފީޒުކުރައްވަމުންދާ ނުވަ ބޭފުޅެއް އެއީ "ސިޔާސީ ކުށްވެރިން" ކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ "ސިޔާސީ ކުށްވެރިންނަކީ" ގާނޫނުލް އުގޫބާތު ދަންނަ އިސްތިލާހެއް ނޫން ކަމަށެވެ. ފްލެޓް ބައްލަވައިގަންނަވަން ލިބިވަޑައިގެންނެވި މުއްސަނދިކަމާއި އެ ނުވަ ބޭފުޅުންގެ ތެރެއިން ބޭފުޅަކާ ގުޅުމެއް ވޭތޯ ތަހުގީގުކޮށް، ފަނޑިޔާރުން ޖަވާބުދާރީ ކުރުވޭނެ ގޮތް ނުވި ކަމަށާއި ޖޭއެސްސީގެ ބައްދަލުވުމެއް ބާއްވައިފި ނަމަ ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑުމުގެ އަދަބު ދީފާނެ ކަމުގެ ބިރުއޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރަން ޖެހިވަޑައިގަތީ ދައުލަތް ހިންގުމަށް އިންތިހާއަށް ދަތިވުމުން ކަމަށާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޖަވާބުދާރީކުރެވޭނެ ފުރުސަތެއް އޮތީ ހަމައެކަނި ފަނޑިޔާރުންގެ ގާނޫނު ސަސްޕެންޑްކޮށްގެން ކަމަށް ގަބޫލުކުރެވުމުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ ގާނޫނުތަކަށް ވުރެ މަތީގައި ތިބި ބޭފުޅުންތަކެއް ނޫން ކަމަށާއި އެ ބޭފުޅުން ވެސް އަމަލުކުރައްވަން ޖެހިވަޑައިގަންނަވާނީ ގާނޫނީ ތަރަހައިގެ ތެރެއިން ކަމަށެވެ.
މީގެ އިތުރުން، އެމަނިކުފާނު ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރު ބަލައިގަންނަން ސަރުކާރަށް ފަސޭހަނުވި ކަމަށާއި އެ އަމުރާ ގުޅިގެން ދައުލަތުގެ ބަންޑާރަނައިބާއި ޕްރޮސެކިއުޓަރ ޖެނެރަލް ދެކެވަޑައިގަންނަވާ ގޮތް ހިއްސާކުރުމުގެ ފުރުސަތު ވެސް ލިިބިވަޑައިނުގެންނެވި ކަމަށެވެ. މިފަދަ ހާލަތެއްގައި ގައުމުގެ މަސްލަހަތު އިސްކޮށް، ތިން ބާރު ވަކިވެފައިވާ ނިޒާމުގެ ދިފާއުގައި އެމަނިކުފާނު ނިންމެވި ނިންމެވުން ބަލައިގަނެ، ކެތްތެރިކަމާ އެކު ތިބުމަށް ރައްޔިތުންނަށް ގޮވާލެއްވިއެވެ.
ރައީސް ޔާމީން އެ ފާހަގަކުރައްވާ ފްލެޓުގެ މައްސަލައާ ގުޅިގެން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ވަނީ ހައްޔަރުކޮށްފަ އެވެ.