ކ. މާލެ
|
2 ފެބްރުއަރީ 2018 | ހުކުރު 20:07
ސުޕްރީމް ކޯޓުގެ އަމުރަށް ފަހު އިދިކޮޅު ފަރާތްތަކުން ބުރާސްފަތި ދުވަހު ބޭއްވި އުފާ ފާޅު ކުރުމުގެ އެއްވުމެއްގައި ފުލުހުން ހަރަކާތްތެރިވަނީ
ސުޕްރީމް ކޯޓުގެ އަމުރަށް ފަހު އިދިކޮޅު ފަރާތްތަކުން ބުރާސްފަތި ދުވަހު ބޭއްވި އުފާ ފާޅު ކުރުމުގެ އެއްވުމެއްގައި ފުލުހުން ހަރަކާތްތެރިވަނީ
މުހައްމަދު ޝަރުހާން
ސުޕްރީމް ކޯޓުގެ އަމުރު
ސުޕްރީމް ކޯޓުގެ ނިންމުމަށް ފުރިހަމަ އަށް އިހްތިރާމް ކުރުމަށް އދ. އިން ދިވެހި ސަރުކާރަށް ގޮވާލައިފި
އަމުރަށް ފުރިހަމަ އަށް ތަބާވުމަށް ދިވެހި ސަރުކާރަށް ގޮވާލާފައިވޭ
އަމުރާ ގުޅިގެން ރާއްޖޭގެ ހާލަތަށް އަންނަމުންދާ ބަދަލުތައް ގާތުން ބަލަމުންދާ ކަމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރުގެ އޮފީހުން ބުނޭ
ދިވެހި ސަރުކާރާއި ސިފައިންނާއި ފުލުހުންގެ އަމަލުތަކަށް ފާރަވެރިވަމުންދާ ކަމަށް އދ.ގެ ބަޔާނުގައިވޭ

ސިޔާސީ ކުށްވެރިން މިނިވަންކޮށް އެމީހުންގެ ޝަރީއަތްތައް އަލުން ފެށުމަށް އަމުރުކޮށް ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެރޭ ނެރުނު އަމުރަށް ތަބާވުމަށް އދ. އިން ދިވެހި ސަރުކާރަށް ގޮވާލައިފިއެވެ.

އދ. ގެ ހައި ކޮމިޝަނަރ ފޯ ހިއުމަން ރައިޓްސްގެ ތަރުޖަމާނު މިއަދު ނެރެފައިވާ ބަޔާނުގައި ވަނީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ސިޔާސީ ކުށްވެރިންގެ ގޮތުގައި ބައިނަލްއަޤްވާމީ މުޖުތަމައު އިން ގަބޫލް ކުރާ އިތުރު 8 ބޭފުޅަކު މިނިވަންކޮށް އެމީހުންގެ ޝަރީއަތް އަލުން ހިންގުމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމެވުމާއި، ސުޕްރީމް ކޯޓުގެ އަމުރުގައިވާ ކަންކަމަށް ފުރިހަމަ އަށް އިހްތިރާމް ކުރުމަށް ގޮވާލާ ކަމަށެވެ.

ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ސިޔާސީ މަޝްރަޚުގައި ހިނގަމުންދާ ކަންކަމާ ގުޅިގެން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހުން ކަންބޮޑުވުން ފާޅު ކުރަމުން ގެންދިޔަކަން ފާހަގަ ކުރަމުން އެބަޔާނުގައި ވަނީ، ސުޕްރީމް ކޯޓުގެ އަމުރަށް ފަހު ރާއްޖޭގެ ސިޔާސީ މަޝްރަޚުގައި ހިނގަމުންދާ ކަންކަން ގާތުން ބަލަމުންދާ ކަމަށެވެ. އެގޮތުން ހާއްސަކޮށް ދިވެހި ސަރުކާރާއި، ފުލުހުންނާއި ސިފައިން މިއަމުރާ ގުޅޭ ގޮތުން އަމަލުކުރާ ގޮތަށް ފާރަވެރިވަމުންދާ ކަމަށް އެބަޔާނުގައިވެއެވެ.

 

ރާއްޖޭގެ ހާލަތު ވަރަށް ނާޒުކުވެފައިވާ ކަމަށް ގަބޫލްކުރާ ކަން ފާހަގަ ކުރަމުން އެބަޔާނުގައި ވަނީ، ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން އުފާ ފާޅު ކުރުމަށް އިދިކޮޅު ފަރާތްތަކުން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެއްވުން ރޫޅާލުމަށް ސަލާމަތީ ބާރުތަކުން އެކަށީގެންނުވާ ބާރުގެ ބޭނުންކޮށްފައި ވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެފަދަ އެއްވުންތަކާއި އާއްމު ބައްދަލުވުންތައް ކޮންޓްރޯލް ކުރުމަށް ފިޔަވަޅު އެޅުމުގައި ފުލުހުންގެ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ގަވާއިދުތަކާއި ޕްރޮފެޝަނަލް ސްޓޭންޑަޑްތަކަށް ފުރިހަމަ އަށް އިހްތިރާމް ކުރުމަށް ދިވެހި ފުލުހުންނަށް އދ. އިން ގޮވާލާފައިވެއެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހުން ނެރެފައިވާ މިބަޔާން ނިންމާލާފައި ވަނީ، ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން އުފާ ފާޅު ކުރުމަށް ބާއްވާ އެއްވުންތަކާއި މުޒާހަރާތައް ޞުލްހަވެރިކަމާ އެކު ކުރިއަށް ގެންދިއުމަށް ގޮވާލުމަށް ފަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
3 ފެބްރުއަރީ 2018 | ހޮނިހިރު 00:50
ޕީސް ކީޕިންގ
ޕީސް ކީޕިންގ ފޯރސް ގެންންން ޖެހިދާނެ
2 ފެބްރުއަރީ 2018 | ހުކުރު 20:47
ޖަލަކީ
ޖަލަކީ ކިހާވަރެއްގެ ތަނެއްކަން އެނގޭތަ؟