ކ. މާލެ
|
2 ފެބްރުއަރީ 2018 | ހުކުރު 12:04
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ އެކު ބަންޑާރަނައިބު މުހައްމަދު އަނިލް
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ އެކު ބަންޑާރަނައިބު މުހައްމަދު އަނިލް
ޓްވިޓަރ
ސުޕްރީމް ކޯޓް
ސުޕްރީމް ކޯޓު އަމުރަށް 13 ގަޑިއިރު، ތަމްފީޒު ކުރަން ސަރުކާރުން ޖަދަލު ކުރަނީ
އަމުރާ ހިލާފުވުމުން ޖިނާއީ ދައުވާ ކުރެވޭނެ
ގާނޫނުގެ ބާރު ކަނޑުވާނުލުމަށް ދަނީ ގޮވާލަމުން
ތަންފީޒު ކުރުމަކީ ސިފައިންނާއި ފުލުހުންނަށް ވާޖިބެއް: އިދިކޮޅު

ޝަރުއީ ކޯޓުތަކުގެ ބަދަލުވެރި ފަރާތް، އަދި އަދުލު އިންސާފު ގާއިމު ކުރުމުގެ އެންމެ މަތީ ފަރާތް ކަމަށްވާ ސުޕްރީމް ކޯޓުން ނެރުނު އަމުރަށް 13 ގަޑިއިރު ވެގެންދިޔައިރު ވެސް، އެ ކޯޓު އަމުރު ތަންފީޒު ކުރަން ސަރުކާރުން ޖަދަލު ކުރަން ފަށައިފިއެވެ.

ހައްޔަކޮށް، ހުކުމް ތަންފީޒު ކުރަމުންދާ ކުށްވެރިން މިނިވަން ކުރުމަށާއި މަޖިލީހުގެ ގޮނޑީގެ މައްސަލާގައި އުފެދިފައިވާ ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށް ސުޕްރީމް ކޯޓުން އަމުރު ކުރީ ބުރާސްފަތި ދުވަހުގެ ރޭ 10:30 އެހާކަންހާއިރުއެވެ. އަމުރަށް 13 ގަޑިއިރު ވެގެންދިޔައިރު ވެސް އެ އަމުރު ތަންފީޒު ކުރާނެ ކަމަށް ނުބުނެ، ސަރުކާރުން ދަނީ ހުއްޖަތު ދައްކަމުންނެވެ.

ބަންޑާރަނައިބު މުހައްމަދު އަނިލް ބުރާސްފަތި ދުވަހުގެ ރޭ ވިދާޅުވެފައި ވަނީ އަމުރުގައި ހިމެނޭ ގިނަ ކަންތަކަކީ ދައުލަތުގެ ބަންޑާރަނައިބަށް ރައްދުވާ ކަންކަންތައް ކަމަށާއި ނަމަވެސް މިހާތަނަށް އެ އަމުރާ ބެހޭ ސައްހަ ކަމެއް ނޭނގެ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މަޝްވަރާކުރެއްވުމަށް ކުރެއްވި މަސައްކަތް ކާމިޔާބުވެފައި ނުވާ ކަމަށް އޭރު ވިދާޅުވެފައި ވެއެވެ. އެ ނިއުސް ކޮންފަރެންސަށް ފަހު ސުޕްރީމް ކޯޓުން ވަނީ އެއީ ސައްޚަ އަމުރެއްކަން ސާބިތުކޮށްދިނުމުގެ ގޮތުން ފަސް ފަނޑިޔާރުންގެ ސޮއިކުރައްވާފައިވާ އަމުރު އަލުން ވެބްސައިޓަށް އަޕްލޯޑްކޮށްފައެވެ.

ސުޕްރީމް ކޯޓުން އަމުރު ކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ފުލުހުން ބުނެފައި ވަނީ ސުޕްރީމް ކޯޓު އަމުރު ތަންފީޒު ކުރާނެ ކަމަށެވެ. ނަމަވެސް ފުލުހުންގެ ރަސްމީ ޓްވިޓާ އެކައުންޓުން އެގޮތަށް ޓްވީޓްކޮށްފައި ވަނިކޮށް، ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފު ވަނީ މަގާމުން ވަކިކުރައްވާފައެވެ. 

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ސަރުކާރުން ދެކޮޅު ހަދަމުންދާތީ، ގުޅިފައިވާ ޕާޓީތަކުން ބުނަމުންދަނީ އަމުރާ ދެކޮޅު ހަދާ ސަރުކާރުގެ އިސް ބޭފުޅުންނާ މެދު ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ. ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަކީ ސިފައިންނާއި ފުލުހުންގެ މައްޗަށް ވާޖިބެއް ކަމަށް ވެސް ގުޅިފައިވާ ޕާޓީތަކުން ވަނީ ބުނެފައެވެ. އަދި މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުމާ މެދު މަޝްވަރާކޮށްފައި ނުވާ ކަމަށާއި އެންމެ މަތީ ކޯޓުން ހުކުމް ކުރުމުން އެއަށް މަޝްވަރާކުރުމެއް ނޯންނާނެ ކަމަށެވެ. އޮންނާނީ ތަންފީޒުކުރުން ކަމަށް ވެސް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ. 

ސުޕްރީމް ކޯޓުން ކުރި އަމުރު ތަންފީޒު ކުރުމަށް ބާރު އަޅާފައި ވަނީ ދިވެހި ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހާއި ސިފައިންނާއި ފުލުހުންނާއި ކަމާބެހޭ އެންމެހާ މުއައްސަސާތަކުގެ މައްޗަށެވެ. އަމުރުގައި ބުނެފައިވާ ގޮތުން އެ އަމުރު ތަންފީޒު ކުރުމަށް ހުރަސް އަޅައި، ނުވަތަ ފަރުވާ ކުޑަކޮށްފި ނަމަ، ޖިނާއީ ތަހުގީގު ހިންގައި ފިޔަވަޅު އަޅަންޖެހޭނެއެވެ.

"މި އަމުރާ ހިލާފަށް އެއްވެސް މިންވަރަކަށް އަމަރުކޮށްފި ނަމަ ނުވަތަ ހުރަސް އަޅައިފި ނަމަ، ނުވަތަ ފަރުވާކުޑަކޮށްފި ނަމަ އެފަދަ ކޮންމެ މައްސަލައެއް ވަކިން ބަލައި ތަހުގީގުކޮށް ޝަރީއަތަށް ހުށަހެޅުމަށް ދިވެހިރާއްޖޭގެ ޕްރޮސެކިއުޓާ ޖެނަރަލްގެ މައްޗަށް އަންގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން އަމުރުކޮށްފީމެވެ،" ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް