ކ. މާލެ
|
1 ފެބްރުއަރީ 2018 | ބުރާސްފަތި 15:31
ކުރީގެ ނައިބުރައީސް އަޙުމަދު އަދީބް ޢަބްދުލްޤަފޫރު
ކުރީގެ ނައިބުރައީސް އަޙުމަދު އަދީބް ޢަބްދުލްޤަފޫރު
މުހައްމަދު ޝަރުހާން
އަދީބުގެ ސިއްހީ ހާލަތު
އަދީބުގެ ލޮލުގެ އޮޕަރޭޝަނެއް ކުރުމަށް ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ދިއުމަށް ޑޮކްޓަރުން ލަފާދީފި
ގްލްކޯމާގެ ހާލަތު ވަނީ ގޯސްވެފައި
ރާއްޖެއިން ބޭރުން ގްލްކޯމާ ސްޕެޝަލިސްޓަކަށް ދެއްކުމަށް ލަފާދެއްވި
ޑޮކްޓަރަށް ދެއްކީ 6 މަސް ފަހުން

އެކި މައްސަލަތަކުގައި 33 އަހަރަށް ވުރެ ގިނަ ދުވަހަށް ޖަލަށް ލާފައިވާ ކުރީގެ ނައިބުރައީސް އަޙުމަދު އަދީބް ޢަބްދުލްޤަފޫރުގެ ލޮލުގެ ހާލަތު އިންތިހާއަށް ގޯސްވެ، ލޮލުގެ އޮޕަރޭޝަނެއް ކުރުމަށް ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ދިއުމަށް ޑޮކްޓަރު ލަފާ ދެއްވައިފިއެވެ.

ޑޮކްޓަރުން އެފަދަ ލަފައެއް ދެއްވިކަން ހާމަކުރެއްވީ، އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައެވެ.

ރާއްޖެއެމްވީ އާއި ވާހަކަ ދައްކަވަމުން ނަޝްވާ ވިދާޅުވީ، އަދީބްގެ ލޮލަށް ޖެހިފައިވާ ގްލްކޯމާ އިތުރަށް ގޯސްވެފައިވާ ކަމަށާއި، އެކަން ހާމަވީ އަދީބްގެ ލޯ އެންމެ ފަހުން ޑޮކްޓަރަށް ދެއްކިތާ ހަމަސްފަހުން ބުރާސްފަތި ދުވަހުގެ ހެނދުނު އަލުން ޑޮކްޓަރަށް ދެއްކުމުން ހެދި ޓެސްޓްތަކުން ކަމަށެވެ.

އާއިލީ ބައްދަލުވުމަށް ފަހު އަދީބް އާއި ހަވާލާދެއްވާ ނަޝްވާ ވިދާޅުވީ، އަދީބްގެ ލޮލުގެ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށާއި، ރާއްޖެއިން ބޭރުން ގްލްކޯމާ ސްޕެޝަލިސްޓަކަށް ދައްކައި، ލޮލުގެ އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރު ލަފާދެއްވި ކަމަށެވެ.

ނަޝްވާ ވިދާޅުވީ، ބުރާސްފަތި ދުވަހު އަދީބް ޑޮކްޓަރަށް ދެއްކުމުން ދިން ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތް އާއިލާ އާއި ވަކީލުން މިހާރު ކުރަމުންދާ ކަމަށެވެ.

2015 ވަނަ އަހަރުގެ އޮކްޓޯބަރ މަހު އަދީބް ހައްޔަރު ކުރީއްސުރެ، އަދީބްއަށް ސިއްޙީ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާއިރު، އޭގެ ތެރޭގައި ލޮލުގެ އެކި މައްސަލަތަކާއި، އެތެރެހަށީގައި ސިސްޓް އުފެދުން ހިމެނެއެވެ. އަދީބްގެ އެތެރެހަށީގައި އުފެދިފައިވާ ސިސްޓްތައް ކެންސަރަށް ބަދަލުވުމުގެ ފުރުޞަތު އޮތުމުން، އެމަނިކުފާނު ކެންސަރަށް ސްކްރީން ކުރުމަށް މީގެ ދެ އަހަރުކުރިން ޑޮކްޓަރުން ވަނީ ލަފާ ދެއްވާފައެވެ.

ކެންސަރަށް ސްކްރީން ކުރުމަށް ޑޮކްޓަރުން ލަފާ ދެއްވި ނަމަވެސް، އެ ޓެސްޓްތައް ހެދުމަށް ރާއްޖެއިން ބޭރަށް ދިއުމުގެ ފުރުޞަތު ސަރުކާރުން އަދީބަށް ދީފައެއް ނުވެއެވެ.

އަދީބްގެ ބޭސްފަރުވާގެ ޙައްޤަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށް ބުނެ، ސިޔާސީ ބޭފުޅުންނާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޖަމުޢިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް