ކ. މާލެ
|
1 ފެބްރުއަރީ 2018 | ބުރާސްފަތި 12:17
އެމްއެމްޕީއާރްސީ ޚިޔާނާތުގައި 1.22 ބިލިއަން ރުފިޔާ ވަގަށް ނަގާފައިވޭ
އެމްއެމްޕީއާރްސީ ޚިޔާނާތުގައި 1.22 ބިލިއަން ރުފިޔާ ވަގަށް ނަގާފައިވޭ
ސަން
އެމްއެމްޕީއާރުސީގެ ހިޔާނާތް
އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައިގައި 10 ކުންފުންޏަކާއި މޮހޯ އާއި އޭނާގެ ބައްޕަގެ އެކައުންޓް ފްރީޒްކޮށްފި
މޮހޯ އާއި އޭނާގެ ބައްޕައާ ގުޅުން ހުރި ކުންފުނިތަކެއް
ދައުލަތަށް ލިބެންޖެހޭ 2.5 މިލިއަން ޑޮލަރުގެ މައްސަލައިގައި
މިހާރު ވެސް 160 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން އެސްއޯއެފްގެ މައްޗަށް ހުކުމެއް އެބައޮތް

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާތަކެއްގެ މައްސަލައިގައި 10 އެކައުންޓަކާއި އަމިއްލަ ދެ މީހެއްގެ އެކައުންޓްތައް ފްރީޒްކުރަން ސިވިލް ކޯޓުން އަމުރުކޮށްފިއެވެ. 

މިދިޔަ އަންގާރަ ދުވަހު ސިވިލް ކޯޓުން ނެރުނު އަމުރުގެ ދަށުން އެކައުންޓް ފްރީޒްކޮށްފައިވާ އަމިއްލަ ދެ މީހުންނަކީ، އެމްއެމްޕީއާރްސީ ޚިޔާނާތުގައި ފައިސާ ދައުރުކުރި، ސްކޯސް އޮފް ފްލެއަރ (އެސްއޯއެފް) ކުންފުނީގެ މުހައްމަދު އައްލާމް ލަތީފާއި އޭނާގެ ބައްޕަ، މ. ސެސްނާ އަބްދުއްލަތީފް އަބޫބަކުރެވެ.

އެކައުންޓް ފްރީޒްކުރި 10 ކުންފުނީގެ ތެރޭގައި ހިމެނެނީ، އެސްއޯއެފް ކުންފުންޏާއި އަދި މި ދެ މީހުންނާ ގުޅުން ހުރި ކުންފުނިތަކެވެ.

މޮހޯ އާއި އޭނާގެ ބައްޕަގެ އިތުރުން 10 ކުންފުނީގެ އެކައުންޓްތަައް ފްރީޒްކޮށްފައި މިވަނީ، އެމްއެމްޕީއާރްސީއަށް އަމިއްލަ މީހަކު ދިން 2.5 މިލިއަން ޑޮލަރުގެ ޗެކެއް އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރި ކަމަށް ބުނެ، އެ ފައިސާ ހޯދަން ދައުވާކުރާ މައްސަލައިގައި އެފަދަ އަމުރަކަށް ދައުލަތުން އެދުމުންނެވެ. 

އެގޮތުން އެކައުންޓްތައް ފްރީޒްކޮށްފައި ވަނީ:

1. އެސްއޯއެފް ޕްރައިވެޓް ލިމިޓެޑް

2. އެސްއޯއެފް ސްޓޫޑިއޯ ޕްރައިވެޓް ލިމިޓެޑް

3. އެސްއޯއެފް ސާވިސް ޕްރައިވެޓް ލިމިޓެޑް

4. ވައިލްޑް އަލްމަންޑް ޕްރައިވެޓް ލިމިޓެޑް

5. ޕްރެންޒާ ޕްރިންޓާސް ޕްރައިވެޓް ލިމިޓެޑް 

6. ދިވެހި މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް

7. އެސްއޯއެފް ޑިވެޕޮލްމަންޓް ޕްރައިވެޓް ލިމިޓެޑް 

8. ގްލެޑިއަން ޕްރައިވެޓް ލިމިޓެޑް

9. ގްލެޑިއަން މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް

10. ބިޒްނާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

 

ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ވަނީ، މި ކުންފުނިތަކާއި މޮހޯ އާއި އޭނާގެ ބައްޕަގެ އެކައުންޓްތައް ފްރީޒްކުރުމުގެ އިތުރުން، އެ ކުންފުނިތަކުގައި އެމީހުންގެ ހިއްސާއެއްވާ ނަމަ ހިއްސާ ބަދަލުކުރުން ނުވަތަ ވިއްކުން ފަދަ ކަމެއް ނުކުރަން އަމުރުކޮށްފައެވެ.

އެސްއޯއެފް ކުންފުނީގައި މަސައްކަތް ކުރި އަލީ އިޝްފާހުގެ އެކައުންޓްތަކާއި އެސެޓްތައް ފްރީޒްކުރަން ވެސް ދައުލަތުން އެދުނެވެ. އެހެންނަމަވެސް، ހޯދަން ދައުވާކޮށްފައިވާ ފައިސާ އާއި އިޝްފާހުއާ ހުރި ގުޅުމެއް ބުނެދެވިފައި ނުވާ ކަމަށް ބުނެ އެފަދަ އަމުރެއް ނެރެދީފައެއް ނުވެއެވެ.

އެމްއެމްޕީއާރުސީގެ 1.22 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން، 160 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ދެއްކުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ސިވިލް ކޯޓުން ވަނީ އެސްއޯއެފްގެ މައްޗަށް ހުކުމް ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
1 ފެބްރުއަރީ 2018 | ބުރާސްފަތި 12:55
އަހުމަދު
ހަމަ ތިމައްސަލާގައި ހިމެނޭ މީހެންނޫންތޯ ޔާމިން 1 މިލިއަން ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށް އެ ފައިސާއަށް ވީނުވީއެއްނޭގި އަދި އެފައިސާ އަދީބު ބެހިޔަސް އެފައިސާއަކީ ޔާމިން ފައިސާކަމަށް ވިދާޅުވެ އަދި އެވަރުން ނުވެގެން އޮއިޓޭބުނިހެން ބޮޑު ދަބަހުގައި ފައިސާ ހިފައިގެން ގޮސް ހަވާލުކުރިކަމަށާއި ޔާމިން އަމިއްލަ ގެއަށް ހަލާލު ނޫން ފައިސާކަމަށް އަމިއްލަ އިޢުތިރާފް ޝާބިތުވާކަމަށް ވާއިރު އެ އެކައުންޓް ފުރީޒް ނުކުރަނީ ކީއްވެތޯ ؟ ގާނޫނަކީ ހަމައެކަނި ނިކަމެތިންނަ ހިގާ އެއްޗެއްތޯ ނުވަތަ ވަކި މީހަކީ ގާނޫނަށް ވުރެން މަތީގައިވާ މީހެންތޯ ؟