އަނިޔާވެރި ހަމަލާއެއްދީ މަރާލާފައިވާ ލިޔުންތެރިޔާ އަދި އެކްޓިވިސް، ޔާމީން ރަޝީދުގެ މަރުގެ ތަޙުޤީޤަށް ބޭރުގެ ފޮރެންސިކް އެހީ ހޯދައިދެއްވަން ހުށަހެޅުއްވި ކަމަށާއި، ނަމަވެސް ކަމާ ބެހޭ ފަރާތްތަކުން އެކަމަށް މާބޮޑު ޝަޢުޤުވެރިކަމެއް ނެތް ކަމަށް، ޕްރޮފެސަރ ޙަސަން އުގެއިލް ވިދާޅުވެއްޖެއެވެ.
މީހުން ދެނެގަތުމުގެ ޓެކްނޮލޮޖީ ތަރައްގީކުރުމުގައި ބައިނަލްއަގުވާމީ ފެންވަރުގެ މަސައްކަތްތަކެއް ކުރައްވާފައިވާ އަދި މިހާރު ވެސް އެ ޓެކްނޮލޮޖީ ތަރައްގީކުރެއްވުމުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޕްރޮފެސަރ އުގެއިލް މިފަދަ އިން ވިދާޅުވީ، ރިޝްވަތު ދިނުމުގެ ތުޙުމަތުގައި ހައްޔަރުކޮށް ޝަރީއަތް ހިންގަމުންދާ، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫނާ ދެކޮޅަށް، އެ މައްސަލައިގައި ހުށަހަޅާފައިވާ ހެކީގެ ފޮރެންސިކް ތަހުލީލެއް، މިނިވަން ތިން ވަނަ ފަރާތެއް މެދުވެރިކޮށް ކުރުމުގެ ފުރުސަތު ދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް އިޝާރާތް ކުރައްވައެވެ.
އެކަމާ ގުޅޭ ގޮތުން ލިޔެފައިވާ ޚަބަރެއް، ޓްވީޓަރގައި ހިއްސާކުރައްވައި ޕްރޮފެސަރ އުގެއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޔާމީންގެ މައްސަލައިގައި ކަން ހިނގަމުންދިޔަ ގޮތް (މީޑިއާތައް މެދުވެރިކޮށް) ބައްލަވަމުން ގެންދެވި ކަމަށެވެ. އަދި އެ މައްސަލައިގެ ތަޙުޤީޤަށް އެހީވުމަށް، މައްސަލައިގައި ހިމެނޭ ވީޑިއޯ ޕުޓޭޖްގެ މިނިވަން ފޮރެންސިކް ތަހުލީލެއް ކުރުމަށް، އިނގިރޭސި ފޮރެންސިކް އެކްސްޕަރޓުންގެ އެހީ ހިލޭ ހޯއްދަވައި ދެއްވުމަށް ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުއްވި ކަމަށާއި، ނަމަވެސް، އެކަމަށް އެފަރާތްތަކުން މާބޮޑު ޝަޢުޤުވެރިކަމެއް ނެތް ކަމަށެވެ.
I recall, following the brutal murder of @yaamyn I offered help for free through some of the British forensic expert contacts I have, to independently analyse the video material related to the crime. The authorities, for which ever reason, weren’t so keen to take up the offer. https://t.co/H2rod1EAdK
— Professor Ugail (@ugail) January 31, 2018
ޔާމީންގެ މަރުގެ މައްސަލައިގައި ދައުލަތުން ވަނީ ހަތް މީހެއްގެ މައްޗަށް ދައުވާ ކޮށްފައެވެ. އޭގެ ތެރެއިން ހަ މީހެއްގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ. ހަތް ވަނަ މީހަގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާއެވެ.
  
ޕްރޮފެސަރ އުގެއިލް ވަނީ މީގެ ކުރިން ވެސް މީހުން ދެނެގަތުމާއި މިފަދަ ތަފާތު އެކި ކަންކަން ދިރާސާކުރައްވައި ބޭރުގެ ފަރާތްތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ. އަދި އޮޓޮމޭޓެޑް ފޭޝަލް އިމޯޝަން އެނަލިސިސް ސޮފްޓެވެއާއެއް ތަރައްގީކުރެއްވުމުގެ މަސައްކަތް މިހާރު ވެސް ގެންދަވަނީ ކުރައްވަމުންނެވެ.
 
                             
                        
                
    
 
                     
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
