ކ. މާލެ
|
31 ޖެނުއަރީ 2018 | ބުދަ 19:54
ހައްޔަރުކުރި މުޙައްމަދު އަޒްމީ (ކ)، ފުލުހުން އަޒްމީގެ ގެ ބަލައި ފާސްކުރުމަށް އެ ގެ ހުންނަ ސަރަޙައްދުގައި ހަރަކާތްތެރިވަނީ
ހައްޔަރުކުރި މުޙައްމަދު އަޒްމީ (ކ)، ފުލުހުން އަޒްމީގެ ގެ ބަލައި ފާސްކުރުމަށް އެ ގެ ހުންނަ ސަރަޙައްދުގައި ހަރަކާތްތެރިވަނީ
ބަހާއުﷲ އިބްރާހިމް
އަޒްމީ ހައްޔަރުކުރުުން
ރައީސް މައުމޫންގެ ބޮޑީގާޑް އަޒްމީ ހައްޔަރުކޮށް، އޭނާގެ ގެ ބަލައި ފާސްކޮށްފި
އަޒްމީ ހިމެނެނީ ރައީސް މައުމޫންގެ އަމިއްލަފުޅު ސެކިއުރިޓީ ޓީމްގައި
ތުޙުމަތު ކުރަނީ ފައިސާ ބެހި ކަމަށާއި ސަރުކާރު ވައްޓާލަން އުޅޭ ކަމަށް
ހެކި ނައްތާލައި، ހެކިންނަށް ނުފޫޒު ފޯރުވަފާނެ ކަމަށް ތުޙުމަތުކުރޭ

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އާއިލާގެ ބައެއް ބޭފުޅުންގެ ހަށިފާރަވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ މުޙައްމަދު އަޒްމީ ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ އިސްފަނޑިޔާރު، އާދަމް އާރިފް ނެރުއްވާފައިވާ ކޯޓު އަމުރެއްގެ ދަށުން އަޒްމީ ހައްޔަރުކޮށްފައި ވަނީ ބުދަ ދުވަހުގެ ހަވީރުއެވެ.

އަޒްމީ ހައްޔަރުކުރުމުގެ އިތުރުން ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސްގެ ޓީމަކުން ވަނީ އަޒްމީ ދިރިއުޅޭ މ. ޕެންޒީ ހައުސް ބަލައި ފާސް ވެސް ކޮށްފައެވެ.

އަޒްމީގެ މައްޗަށް ފުލުހުން ތުޙުމަތު ކުރަނީ، "ޤާނޫނާ ޚިލާފަށް ބަޔަކު ރާވައިގެން ދިވެހިރާއްޖޭގައި އުފެދިފައިވާ ޤާނޫނީ ވެރިކަން ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީ އަދި އިތުރު މެންބަރުންތަކަކަށް ފައިސާ ދޭން އުޅޭ" ކަމަށެވެ.

އަޒްމީ ހައްޔަރުކުރަން ބޭނުންވާ ސަބަބެއް ކަމަށް ބަޔާން ކޮށްފައި ވަނީ، މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް އަޒްމީ ފައިސާ ބެހި ކަމަށް ތުޙުމަތު ކުރެވޭ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކާ ގުޅިގެން ދިވެހިރާއްޖޭގައި އުފެދިފައިވާ ޤާނޫނީ ވެރިކަން ވައްޓާލުމަށް ޤާނޫނާ ޚިލާފަށް މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށް ތުޙުމަތު ކުރެވޭ ކަމަށެވެ. އެހެންކަމުން އަޒްމީ މުޖުތަމަޢުއަށް ދޫކޮށްފައި ބެހެއްޓުމަކީ، ފުލުހުން ތަޙުޤީޤުކުރަމުންދާ މައްސަލައިގެ ތަޙުޤީޤަށް ބޮޑެތި ހުރަސްތަކެއް އެޅި، އަދި މިކަންކަމާ ގުޅޭ ގޮތުން ލިބެން ހުރި ހެކި ފޮރުވައި، އަދި ހެކިބަސް ދޭން ތިބި ފަރާތްތަކަށް ނުފޫޒު ފޯރުވައި، އެ ހެކި ނައްތާލުމަށް ފުރުޞަތު ތަނަވަސްވެގެންދާނެ ކަމެއް ކަމަށް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.

އަޒްމީ ދިރިއުޅޭ ގެ ބަލައި ފާސްކޮށްފައި ވަނީ ވެސް މި ތުޙުމަތުތަކާ ގުޅިގެން މައްސަލައާ ގުޅޭ ހެކި ހޯދުމަށެވެ. އެ ގެއިން މައްސަލައާ ގުޅުން ހުރި އެއްވެއް އެއްޗެއް ފެނިފައިވާކަން ފުލުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އަޒްމީއަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހުއްދަދީގެން، ރައީސް މައުމޫންގެ ޕަރސަނަލް ސެކިއުރިޓީގެ ގޮތުގައި މަސައްކަތް ކުރާ ހަށިފާރަވެރިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް