ކ. މާލެ
|
30 ޖެނުއަރީ 2018 | އަންގާރަ 20:16
ރައީސް އަބްދުﷲ ޔާމިން: އެމަނިކުފާނު ސުޕްރީމް ކޯޓަށް ބިރުދައްކަވާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ތުހްމަތުކޮށްފައި
ރައީސް އަބްދުﷲ ޔާމިން: އެމަނިކުފާނު ސުޕްރީމް ކޯޓަށް ބިރުދައްކަވާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ތުހްމަތުކޮށްފައި
މުހައްމަދު ޝަރުހާން
އިދިކޮޅު ކޯލިޝަން
ސުޕްރީމް ކޯޓަށް އިންޒާރުދިންކަމުގެ ތުހްމަތު ރައީސް ޔާމިނަށް
ރައީސް މައުމޫނަށް ހިމާޔަތާއި ރައްކާތެރިކަން ނުދޭ ކަމަށް ވިދާޅުވި
ގާޒީ ނިހާންގެ ސިއްހީ ހާލަތު ހާމަކުރުމަށް ގޮވާލެއްވި

ސުޕްރީމް ކޯޓަށް ބިރު ދައްކައި، އިންޒާރު ދެއްވި ކަމުގެ ތުހްމަތު ރައީސް އަބްދުﷲ ޔާމިންގެ މައްޗަށް އިދިކޮޅު ކޯލިޝަނުން ކޮށްފިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އެމްޑީޕީ އޮފީހުގައި އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ސުޕްރީމް ކޯޓު ހަމައަކަށް އެޅުއްވުމަކީ އެމަނިކުފާނުގެ ޒިންމާއެއް ކަމަށް ވިދާޅުވެ ރައީސް ޔާމިން ދެއްކެވި ވާހަކަފުޅަކީ އެ ކޯޓަށް ދިން އިންޒާރެއް ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމިންގެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނިކޮށް ސުޕްރީމް ކޯޓާ ގުޅޭ ގޮތުން އެފަދަ ވާހަކަފުޅެއް ވިދާޅުވުމަކީ ކަންބޮޑުވެލައްވާ ކަމަށެވެ.

ރައީސް ޔާމިން ސުޕްރީމް ކޯޓަށް ބިރު ދެއްކެވުމަށް މަސައްކަތް ކުރެއްވި ނަމަވެސް މިހާތަނަށް އެ ކޯޓުން ހުކުމް ނެރުނީ އެއަށް ބައްލަވައިގެން ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އަމީތު ވިދާޅުވިއެވެ.

"ދިވެހި ރާއްޖޭގެ ހެދިފައިވާ އެންމެހާ ގާނޫނުތަކާއި އެންމެހާ ގާނޫނު އަސާސީއާ އަށް ބަލާއިރު ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރިއަށްދާ އެއްވެސް މައްސަލައަކާ ބެހިވަޑައިގަތުމުގެ އެއްވެސް ޒިންމާއެއް ދިވެހި ރާއްޖޭގެ ގާނޫނު އަސާސީންވެސް އަދި އެއްވެސް ގާނޫނުނަކުން ލުބިދީފައިނުވޭ،" އަމީތު ވިދާޅުވިއެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރެއްވުމުގެ ބަދަލުގައި ރައްޔިތުންގެ ގެއްލިފައިވާ ހައްގުތައް ހޯދަދެއްވުމަށް އިދިކޮޅު ކޯލިޝަނުގެ ފަރާތުން ރައީސް ޔާމިނަށް ވަނީ ގޮވާލައްވާފައެވެ.

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމަށް އެމްއެންޑީއެފް އިން ސެކިއުރިޓީ ނުދީ ފުލުހުން އެމަނިކުފާނަށް ބިރު ދައްކަމުންދާ ކަމަށް ފާހަގަ ކުރައްވައި ވެސް މި ނޫސްވެރިންގެ ބައްދަލުވުމުގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަމީތު ވިދާޅުވީ ރައީސް މައުމޫނަށް ހިމާޔަތާއި ރައްކާތެރިކަން ދޭން ކަމަށް ބުނެ ފުލުހުންނާއި ސިފައިން ކުރަމުންދާ ކަމަކީ އިއްތިހާދުން ކުރަމުންދާ ސިޔާސީ މަސައްކަތަށް ހުރަސްއެޅުން ކަމަށެވެ.

"ރައީސް މައުމޫނު ގެކޮޅު ކައިރި އެސްއޯ ފުލުހުން ތިބޭތާ ތިން ދުވަސް ވެއްޖެ. ފުރަތަމަ ކަމަކީ ރައީސް މައުމޫނަށް ލިބިދޭން ޖެހޭ ހިމާޔަތާއި އިނާޔަތާއި ރައްކާތެރިކަން އެ ބޭފުޅުނަށް ފޯރުކޮށްދެވިފައެއް ނެތް. އަދި ހާއްސަކޮން ރައީސް މައުމޫނަކީ ކުރީގެ ރައީސަކަށްވާތީ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ފުލުހުންގެ ޒިންމާއެއް ނޫން. އެއީ އެމްއެންޑީއެފްގެ ޒިންމާއެއް،" އޭނާ ވިދާޅުވިއެވެ.

 ހަމަ އެހެންމެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން އުޅުނުކަން ސާބިތުވެ 17 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އދ. މާމިނގިލި މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ ގާޒީ އަހްމަދު ނިހާން ސިއްހީ ހާލަތުގެ ސާފު މައުލޫމާތު އާއިލާއަށް ދިނުމަށް ވެސް އަމީތުވަނީ ގޮވާލައްވާފައެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް