ކ. މާލެ
|
30 ޖެނުއަރީ 2018 | އަންގާރަ 18:12
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު
މުހައްމަދު ޝަރުހާން
އަހްމަދު އަދީބް
ކޯޓުގެ ހުރުމަތް ކެނޑުމާ ގުޅިގެން އަދީބުގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް ކޮށްފި
މައްސަލަ ސިއްރުކުރި ސަބަބެއް ކޯޓުން ހާމައެއް ނުކުރޭ
ރިޝްވަތު ދިނުމުގެ ދައުވާއާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ
ދެ ދައުވާ އުފުލާފައި ވަނީ މިމަހުގެ 2 ވަނަ ދުވަހު

ކޯޓުގެ ހުރުމަތް ކެނޑުމާއި އަމުރަށް ނުކިޔަމަންތެރިވި ކަމަށް ކަނޑައަޅައި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ ހުކުމެއް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން އަދީބަށް 15 ދުވަހުގެ ހުކުމެއް ކޮށްފައި ވަނީ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި ފުލުހުންގެ އިންޓަލިޖެންސް އޮފިސަރުންނަށް ރިޝްވަތު ދިން ކަމަށް ބުނެ އަދީބްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމުގައެވެ. މި އަޑުއެހުން ކުރިއަށް ގެންގޮސްފައި ވަނީ ސިއްރުކޮށްގެނެވެ. އެހެންނަމަވެސް އަންގާރަ ދުވަހު އަޑުއެހުމުގައި އަދީބް ކޯޓުގެ ހުރުމަތް ކެނޑުމާއި އަމުރަށް ނުކިޔަމަންތެރިވި ކަމަށް ކަނޑައަޅައި 15 ދުވަހުގެ ހުކުމެއް ކޮށްފައިވާކަން އަދީބްގެ އާއިލާ އިން ވަނީ ކަށަވަރުކޮށްދީފައެވެ.

އަދީބްގެ ގާނޫނީ ވަކީލް މޫސާ ސިރާޖް ވިދާޅުވީ މިއަދަކީ އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ކަމަށް ވުމުން މިއަދު ވަކީލަކު ވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން ކަންވީ ގޮތް ނޭނގޭ ކަމަށެވެ. ނަމަވެސް ގާނޫނާ ހިލާފަށް ޝަރީއަތްތައް ކުރިއަށް ގެންދާ ނަމަ ޝަރީއަތް ހިންގަން ފުރުސަތު ދޭން ނުޖެހޭ ކަމަށް ސިރާޖް ވިދާޅުވިއެވެ. 

އަދީބު ކޯޓުގެ ހުރުމަތް ކެނޑި މައްސަލައިގައި ކްރިމިނަލް ކޯޓުގެ ބަހެއް ވެސް ވަނީ ލިބޭ ގޮތް ނުވެފައެވެ. 

އަދީބުގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް ކޮށްފައިވާ އިރު އަދީބު މިހާރު ވެސް ގެންދަވަނީ އެކި ހުކުމްތަކުގައި 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ.

އިންޓަލިޖެންސް އޮފިސަރުންނަށް ރިޝްވަތު ދިން ކަމަށް ބުނާ މައްސަލައާ ގުޅިގެން އަދީބުގެ މައްޗަށް އުފުލާފައި ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އެވެ. މި ދެ ދައުވާ އުފުލާފައި ވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ. މި މައްސަލައިގައި އަދީބަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފުލުހުން މައްސަލަ ފޮނުވީ 2015 ވަނަ އަހަރުގެ ޑިސެމްބަރުގައެވެ.

މި މައްސަލައިގައި، ފުލުހުން ތުހުމަތު ކޮށްފައި ވަނީ އިންޓެލިޖެންސް ރިޕޯޓްތަކެއް ހޯއްދެވުމަށް އަދީބު ފުލުހުންގެ އިންޓެލް އޮފިސަރުންނަށް ރިޝްވަތު ދެއްވި ކަމަށެވެ. މީގެ އިތުރުން ފުލުހުންގެ އެކި ލެވަލްތަކުގެ މީހުންނަށް ރިޝްވަތު ދެއްވި ކަމަށް ވެސް ތުހުމަތު ކުރެއެވެ. އަދީބުގެ އެޕާޓްމަންޓަކުން ފުލުހުންގެ އިންޓެލް ރިޕޯޓްތަކަކާ އެހެން ވެސް ލިޔެކިޔުންތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ބައެއް ފުލުހުން ރޭގަނޑުގެ ދަން ގަޑިތަކުގައި އަދީބު ދިރިއުޅުއްވާ އެޕާޓްމެންޓްތަކަށް ވަދެ ނިކުމެ އުޅޭ މަންޒަރު، ފުލުހުންގެ ތަހުގީގަށް އެއްކުރެވިފައިވާ ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ކަމަށް ފުލުހުން ބުނެފައިވެއެވެފުލުހުންގެ އިންޓެލް ރިޕޯޓްތައް ހޯދުމަށް ރިޝްވަތު ދެއްވި ކަމަށް ބުނެ އަދީބުއަށް ދައުވާ ކޮށްފައިވާއިރު، 2015 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ރައީސް އަބްދުﷲ ޔާމިން އަށް އިންޓެލް ރިޕޯޓްތައް ލިބިވަޑައި ނުގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ. ރައީސް ޔާމީން މިހެން ވިދާޅުވެފައި ވަނީ ރިޔާސީ ލޯންޗުކޮޅު ގޮވި ހާދިސާއަށް ފަހު ފުރަތަމަ ފަހަރަށް ގައުމާއި މުޚާތަބު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް