ކ. މާލެ
|
30 ޖެނުއަރީ 2018 | އަންގާރަ 17:02
ގޫގުލް
އޯ ލެވެލްގައި ބައިވެރިވި 77 އިންސައްތަ 5 މާއްދާއިން ފާސްވެފައި ވާކަމަށް ބުނެ ވަނީ އޮލޫވާލާފައި: އެމްޑީޕީ
ސަރުކާރުގެ ތައުލީމީ ސިޔާސަތަށް އެމްޑީޕީން ވަނީ ވަރަށް ބޮޑަށް ފާނޑުކިޔާފައި
މައްސަލަ ސިއްރުކުރި ސަބަބެއް ކޯޓުން ހާމައެއް ނުކުރޭ

2017 ވަނަ އަހަރުގެ ޖީ. ސީ. އީ. އޯ ލެވެލް އިމްތިޙާނުގައި ރާއްޖޭގެ ސްކޫލްތަކުން ބައިވެރިވި ދަރިވަރުންގެ 77 އިންސައްތަ 5 މާއްދާއިން ފާސްވެފައި ވާކަމަށާއި، މާއްދާތަކުން ފޭލްވިކުދިންގެ ނިސަބަތް 7 އިންސައްތައަށް ދަށްވެފައިވާ ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިއުލާންކޮށްފައި ވަނީ އޮޅުވާލައިގެން ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން އަންގާރަ ދުވަހު ނެރުނު ބަޔާނުގައި ބުނީ އެ ޕާޓީން ދެކެނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އޯލެވެލްގައި ބައިވެރި ދަރިވަނުންގެ ނަތީޖާއި ގުޅޭގޮތުން ކުރި އިޢުލާނަކީ ރާއްޖޭގެ ސްކޫލްތަކުގެ ތަޢުލީމީ ފެންވަރާ ބެހޭ ހިސާބުކިތާބު ގަޑުބަޑުކުރެއްވުމަށާއި ރައްޔިތުންނަށް އޮޅުވައިލެއްވުމަށްޓަކައި ކުރައްވާފައިވާ ކަމެއް ކަމަށެވެ.

ޖީ. ސީ. އޯ. ލެވެލްގެ އިމްތިޙާނުން 77 އިންސައްތަ ދަރިވަރުން 5 މާއްދާއިން ފާސްވިކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވިދާޅުވާއިރު، އެ އިމްތިހާނުގައި ދަރިވަރުން ބައިވެރި ކޮށްފައިވާގޮތް ސާފުކޮށްދެއްވަން ޖެހޭ ކަމަށާއި ސްކޫލްގެ ނަތީޖާ މަތިކޮށް ދެއްކުމަށްޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރައްވާ ކަންކަން އެމްޑީޕީއަށް އެނގޭކަމަށް އެޕާޓީން ބުންޏެއެވެ.

އެމްޑީޕީން ވަނީ އޭނގެ ތެރެއިން ބައެއް ކަންކަން ފާހަގަކޮށްފައެވެ.

.1. ދަރިވަރު ގްރޭޑް 7 ނިންމޭތަނުން އޭނާއަކީ ކިޔެވޭނެ ދަރިވަރެއްކަން ނުވަތަ ނުކިޔެވޭނެ ދަރިވަރެއްކަން މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ސްކޫލްތަކުން ކަނޑައަޅައެވެ. ނުކިޔެވޭނެ ކަމަށް ބައްލަވާދަރިވަރުން ކިޔަވަން ޖެހެނީ ހަމައެކަނި މަޖުބޫރު ހަތަރު މާއްދާއެވެ. އެއާއެކު ކޮންމެވެސް ދާއިރާއަކު ތަމްރީނެކެވެ. އެ ދަރިވަރުން މި ތަމްރީނުން ފާސްވެއްޖެނަމަ ބައްލަވަނީ އޯ ލެވެލްގެ 4 މާއްދާއިން އޭނާ ފާސްވީ ކަމަށެވެ. މި ތަމްރީނާއެކު އެ ދަރިވަރު އޯ ލެވެލްގެ އެންމެ މާއްދާއަކުން ފާސްވެއްޖެނަމަވެސް އޭނާ އޯ ލެވެލްގެ 5 މާއްދާއިން ފާސްވީއެވެ! ނުކިޔެވޭނެކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ސްކޫލުން ކަނޑައެޅުއްވި ދަރިވަރުން، ސްކޫލުގެ މޮޅު ދަރިވަރުންގެ ތެރޭގައި ގުނައިލެވުނީއެވެ!

2. ގްރޭޑް 9 ގައި ކިޔެވި ދަރިވަރުންގެ ފަހު އިމްތިހާނުގެ ނަތީޖާއަށް ބަލައި ދަށުން މާރކްސް ހޯދާ ދަރިވަރުން ބައެއް މާއްދާތައް ނުކިޔެވުމަށް އަންގަވައިދަސްވާރޭ ކިޔާ މަސައްކަތު ޕްރޮގްރާމަކަށް ބަދަލުކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސްކޫލްތަކަށް މަޖުބޫރުކުރައްވައެވެ. ދަސްވާރު ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުން، ކިޔަވާ ވަގުތުގެ ބައެއް ހޭދަކުރަން ޖެހެނީ ރެސްޓޯރެންޓެއް، ފާމަސީއެއް، ނުވަތަ ގެސްޓުހައުސް އެއް ފަދަ ސްކޫލުން ބޭރު ކޮންމެވެސް ތަނެއްގައެވެ. އެ ތަންތަނަކީމުޤައްރަރުތަކެއް އެކުލަވައިލައިގެން އެ ކަމަށް ތަމްރީނުވެފައިވާ ޓީޗަރުންތަކެއް ތިބެގެން މާ ބޮޑު ބެލުންތެރިކަމެއް އޮވެގެން ޕްރޮގްރާމް ކުރިޔަށް ގެންދަވާ ތަންތަނެއް ވެސް ނޫނެވެ. އެހެން ނަމަވެސް، އެ ދަރިވަރަކު ކުރަންޖެހޭ ކަމެއް ކުރަން އެނގޭކަމަށް ބުނެ ފުރަންޖެހޭ ފޯމެއް އެތަނަކުން ފުރައިފިނަމަ ބައްލަވަނީ އެ ދަރިވަރު ޖީ. ސީ. އީ. އޯ ލެވެލްގެ 3 މާއްދާއަކުން ފާސް ވީ ކަމަށެވެ. އެއާއެކު ޖީ. ސީ. އޯ ލެވެލް ނުވަތަ އެސް. އެސް. ސީ. ގެ ދެ މާއްދާއަކުން ފާސްވެއްޖެނަމަ އެ ދަރިވަރަކު ވެސް ޖީ. ސީ. އޯ. ލެވެލްގެ 5 މާއްދާއިން ފާސްވީއެވެ! މޮޅު ދަރިވަރުންގެ ތެރޭގައި ގުނައިލެވުނީއެވެ!

3. ގްރޭޑް 10 ގައި ދެވޭ މޮކް އެގްޒަމިނޭޝަންގެ ނަތީޖާގެ ލިސްޓްތައް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ގެންދަވައިގެން ދަރިވަރުންގެ ނަތީޖާތަކަށް ބައްލަވައި އޯ ލެވެލްގެ އެކިއެކި މާއްދާތަކުގައި ބައިވެރި ނުކުރަން ވީ ދަރިވަރުން ކަނޑައަޅުއްވައިއެ ދަރިވަރުން އިމްތީހާނުގައި ބައިވަރި ނުކުރެއްވުމަށް ސްކޫލްތަކަށް އަންގަވައެވެ.

މި ގޮތުން، އެތައް ހަރުފަތެއްގައި އެތައް ގޮތަކަށް ފުރާނާލައިގެން، ބައެއް ދަރިވަރުން އިމްތިހާނުގައި އެއްގޮތަކަށް ވެސް ބައިވެރި ނުވެވޭނެ ގޮތް ހައްދަވައި، ފާސްވާނެކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފެންނަ ދައިވަރުން އެ ފެންނަ މާއްދާތަކެއްގައި ބައިވެރިކުރައްވައިގެން އިމްތިޙާނު ހެދުމުން އިމްތިޙާނުގެ ނަތީޖާ މަތިކޮށް ދެއްކިދާނެކަމަށް އެމްޑީޕީން ބުންޏެއެވެ. އަދި ދަރިވަރުންގެ ތަޢުލީމުގެ ކަންކަން މިނިސްޓްރީއޮފް އެޑިޔުކޭޝަނުން މި ގޮތަށް ގެންދަވާކަމަށް ވަނީނަމަ ފުރިހަމަ ގޮތުގައި ސްކޫލް ތަޢުލީމެއް ނުލިބިސްކޫލުން ނުކުންނަ ކުދިންގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން ދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ބަޔާނުގައި ފާހަގަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް