ކ. މާލެ
|
30 ޖެނުއަރީ 2018 | އަންގާރަ 08:18
ކުރީގެ ޑެޕިއުޓީ ޕީޖީ ޝަމީމް
ކުރީގެ ޑެޕިއުޓީ ޕީޖީ ޝަމީމް
ރާއްޖެއެމްވީ
ރައީސް މަޤާމުން ވަކިކުރުން
ރައީސް އޮފީހުގެ ތަރުޖަމާނު ފޮތް ވިދާޅުނުވާތީ ކަންބޮޑުވޭ: ޝަމީމް
2008ގެ ކުރިން އަމަލުކުރި ޤާނޫނުއަސާސީއިން ލިބިދޭ ބާރުތަކެއް މިހާރު އޮތް ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެނެއް ނުވޭ

ރައީސް އަބްދުﷲ ޔާމީންގެ ސްޕޯކްސްޕަރސަން އިބްރާހިމް މުޢާޒް އަލީ ފޮތް ވިދާޅުނުވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް ހުސެން ޝަމީމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ހޯމަ ދުވަހުގެ ރޭ ޝަމީމް މިހެން ވިދާޅުވީ ރައީސް ޔާމީނަށް ޤާނޫނުއަސާސީއިން ލިބިވަޑައިގަންނަވާ ބާރުގެ ބޭރުން ފުލުހުންގެ މައްޗަށް އަމުރުކުރެއްވި ވާހަކަ މުއާޒު ކުރެއްވި ޓްވީޓަށް އިޝާރާތްކުރައްވައެވެ.

ޝަމީމް ވިދާޅުވީ އެންމެ ކަންބޮޑުވެވަޑައިގަންނަވާ ކަމަކީ މިބޭބޭފުޅުން ފޮތް ވިދާޅުނުވާތީކަމަށާއި، ސްޕޯކްސްޕަރސަން އެންމެ ފަހުން ޤާނޫން އަސާސީ ބެއްލެވީ 2008ގެ ކުރިން ކަމަށް ބެލެވޭކަމަށެވެ. މިހާރުގެ ޤާނޫން އަސާސީގައި އޮތް އެއްޗެއް ވިދާޅުނުވަންޏާ އޭގައި އޮތް އެއްޗެއް ދޭހަނުވާނެކަމަށް އޭނާ ވިދާޅުވި އެވެ. 

"އޭރު އޮންނަ ގޮތުންނަމަ ދިވެހިރާއްޖޭގެ ހުރިހާ ކަމެއްގެ އެންމެ އިސް ވެރިޔަކީ ރައީސުލްޖުމްހުރިއްޔާ. އެއީ ޖުޑީޝަރީކަމަށްވިޔަސް، ރައްޔިތުންގެ މަޖިލިސްކަމަށް ވިޔަސް، ސަރުކާރުކަމަށްވިޔަސް،" ޝަމީމް ވިދާޅުވިއެވެ.

2008 ވަނަ އަހަރު އާ ޤާނޫނުއަސާސީއެއް ގެނައީ އެގޮތް ކަމުނުގޮސްގެން، އެގޮތް ބަދަލުކުރުމަށް ކަމަށް ޝަމީމް ވިދާޅުވިއެވެ.

"މިހާރު ޤާނޫނުއަސާސީގައި މިއޮންނަނީ ދައުލަތް އެކުލެވިގެންވަނީ މައިގަނޑު ތިން ބަޔަކަށޭ. އެއީ ޖުޑީޝަރީއާއި ވެރިކަން ހިންގާ ފަރާތާއި، ރައްޔިތުންގެ މަޖިލީހާއި. މިކިޔާ ތިން ބާރު ވަކިވެފައި އޮންނަ ނިޒާމެއް މިހާރު މިއޮތީ. އެހެންވީމަ ސްޕޯކްސްޕަރސަން އެވިދާޅުވާގޮތުންނަމަ، މިޤާނޫނުއަސާސީގެ މައިގަނޑު ސިފަ މިގެއްލެނީ"

ޝަމީމް ވިދާޅުވީ ޤާނޫނުއަސާސީގައި ކަން އޮތީ ސްޕޯކްސްޕާސަން އެވިދާޅުވާ ގޮތަށް ނޫން ކަމަށާއި، ސްޕޯކްސްޕާސަންވެސް އަލުން ޤާނުނުއަސާސީ ބައްލަވައިފިނަމަ އެކަން ޤަބޫލުކުރެއްވޭނެކަމަށެވެ. އަދި އެކަން އޮންނަ ގޮތް އެނގިވަޑައިގަންނަވާނަމަ ސްޕޯކްސްޕާސަން ފަދަ މަޝްހޫރު، ކަންކަން ދެނެވަޑައިގަންނަވާ ބޭފުޅަކު އެފަދަ ވާހަކައެއް ވިދާޅުނުވާނެކަމަށް ޝަމީމް ވިދާޅުވިއެވެ.

ސްޕޯކްސްޕާސަންއަށް ފާޑުވިދާޅުވެ، ޝަމީމްއާއި އެހެން ވަކީލުން ވާހަކަ ދައްކަވަމުން ގެންދަވަނީ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ހައްޔަރުކުރުމަށް ނެރުނު ކޯޓު އަމުރެއް ތަންފީޒުކުރުމަށް ރައީސް ޔާމީން ފުލުހުންގެ މައްޗަށް އަމުރުކުރެއްވިކަމަށާއި، އެމަނިކުފާނު އެކަން ކުރެއްވީ އަދުލުއިންސާފު ޤާއިމްކުރުމުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުންކަމަށް ވިދާޅުވެ، ސްޕޯކްސްޕާސަން މުއާޒް އަލީ ޓްވީޓްކުރެއްވުމާއި ގުޅިގެންނެވެ. ފާރިސް މައުމޫން ހައްޔަރުކުރި މައްސަލައިގައި ކޯޓު އަމުރު ނެރުނު ގޮތަށާއި، ފުލުހުންގެ މައްޗަށް ރައީސް ޔާމީން އަމުރު ނެރުއްވި ގޮތުގެ އިތުރުން މުއްދަތުގެ މަޖިލިސް ހިނގައިދިޔަ ގޮތުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުންވަނީ ސަރުކާރަށް އަމާޒުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް