ކ. މާލެ
|
30 ޖެނުއަރީ 2018 | އަންގާރަ 08:08
ފަލަސުރުޚީ ޕްރޮގްރާމްގައި ޝަމީމް (ވ) ބައިވެރިވެވަޑައިގަންނަވަނީ
ފަލަސުރުޚީ ޕްރޮގްރާމްގައި ޝަމީމް (ވ) ބައިވެރިވެވަޑައިގަންނަވަނީ
އަބުދުﷲ ނަސީރު އިބްރާހިމް
ރައީސް މަޤާމުން ވަކިކުރުން
ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގެ ސަބަބުން އިތުރު މައްސަލައެއް އަނެއްކާ ލާން ޖެހޭ: ޝަމީމް
މިމައްސަލަ ސުޕްރީމް ކޯޓުން ބައްލަވާނެކަމަށް ޤަބޫލުކުރަން

ސުޕްރީމް ކޯޓަށް އަމާޒުކުރައްވައި ޕީޕީއެމްގެ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ފިޔަވަޅު އަޅާނެ ކަމަށް ޤަބޫލުކުރައްވާކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް ހުސެން ޝަމީމް ވިދާޅުވެއްޖެއެވެ.

ހުސެން ޝަމީމް މިހެން ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުވެސް މަގުން ކައްސާލައިފިނަމަ ހަމަޔަކަށް އަޅުވަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާކަމަށް ރައީސް ޔާމީން ވިދާޅުވުމާ ގުޅިގެން ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ހޯމަ ދުވަހުގެ ރޭ ރުމާލު 2 ޖަގަހައިގައި ޕީޕީއެމްއިން ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ދެއްކެވި އެ ވާހަކަފުޅު ގިނަ ބަޔަކު ސިފަކޮށްފައިވަނީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމަށް ދެއްކެވި ވާހަކަފުޅެއްގެ ގޮތުގައެވެ. ރައީސް ޔާމީން މަޤާމުން އެކަހެރިކޮށް، އެމަނިކުފާނު ހިންގަވާފައިވާ ކޮރަޕްޝަންގެ ޢަމަލުތައް ތަހުޤީޤްކުރުމަށް ކޮމިޓީއެއް އެކުލަވާލުމަށް އަމުރުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ މިދަނޑިވަޅުގައި ރައީސް ޔާމީން އެދެއްކެވި ވާހަކަފުޅަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.

ޝަމީމް ވިދާޅުވީ ސުޕްރީމް ކޯޓަށް ވަކީލުން ސިޓީއެއް ހުށަހަޅަން އުޅުމުންވެސް އެކަން ބަލައި އެކަމާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން ފިޔަވަޅު އަޅުއްވާކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ މަސައްކަތަކަށް ދަތި ވާގޮތަށް އެފަދަ ހަރުކަށި ބަސްތަކެއް ދައުލަތުގެ ބާރުވެރި އެހެން ފަރާތްތަކުން ދެއްކުމަކީ ސުޕްރީމް ކޯޓުން މީގެ ކުރިން ޤަބޫލުކުރާ ކަމެއް ނޫން ކަމުން، މިމައްސަލަ ބަލާނެކަމަށް ޝަމީމް ވިދާޅުވިއެވެ.

"ސުޕްރީމް ކޯޓުގެ ހުރުމަތަށް ގެއްލުންވާގޮތަށް ކުރާ ތިކަހަލަ ކަންތަކަށް މިހާތަނަށް ފިޔަވަޅު އަޅުއްވާފައިވެސް އެބަހުރި،" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލައެއް ސުޕްރީމް ކޯޓުގައި ކުރިއަށްދަނިކޮށް އެދެއްކެވި ވާހަކަފުޅުގެ ސަބަބުން އިތުރު މައްސަލައެއް އަނެއްކާ ކޯޓަށްލާން ޖެހޭކަމަށް ޤަބޫލުކުރައްވާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް