ކ. މާލެ
|
29 ޖެނުއަރީ 2018 | ހޯމަ 22:13
ޕީޕީއެމް އިން ބޭއްވި ޖަލްސާއެއްގެ ތެރެއިން: ރުމާލު 2 ޖަގަހައިގައި އޮތް ޖަލްސާއަށް ރާއްޖެ ޓީވީ ނުވެއްދި
ޕީޕީއެމް އިން ބޭއްވި ޖަލްސާއެއްގެ ތެރެއިން: ރުމާލު 2 ޖަގަހައިގައި އޮތް ޖަލްސާއަށް ރާއްޖެ ޓީވީ ނުވެއްދި
މުހައްމަދު އަފްރާހު / ސަން އޮންލައިން
ޕީޕީއެމްގެ ޖަލްސާ
ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވި ޕީޕީއެމްގެ ޖަލްސާއަށް ރާއްޖެ ޓީވީ ނުވެއްދި
ސަރަހައްދުގެ މަގުތައް ވަނީ ބަންދުކޮށްފައި
މީހުން ވައްދަނީ މެޓަލް ޑިޓެކްޓަރުން ބަލައިފާސްކޮށްގެން
ހަތިޔާރާ އެކު ސިފައިން ވެސް ދަނީ ހަރަކާތްތެރިވަމުން

ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ބައިވެރިވެ ވަޑައިގަންނަވާ "ރުމާލު 2" ޖަގަހައިގައި ބާއްވާ ޖަލްސާއަށް ވަނުމަށް ރާއްޖެ ޓީވީ ދިއުމުން އެޖަލްސާއަށް ނުވައްދައި ފޮނުވާލައިފިއެވެ.

ޤައުމީ ޓީވީން ލައިވް ކޮށްގެން ކުރިއަށް ގެންދާ މިޖަލްސާއަށްޓަކައި "ރުމާލު 2" ޖަގަހަ ހިމެނޭ ސަރަހައްދުގެ މަގުތައް ފުލުހުން ވަނީ ބެރިކޭޑް ޖަހައި ބަންދުކޮށްފައެވެ. އަދި ޖަލްސާއަށް މީހުން ވަނުމަށް ޚާއްޞަ ކޮށްފައިވާ ދޮރުގައި ވަނީ މެޓަލް ޑިޓެކްޓަރ ބަހައްޓާފައެވެ. މީގެ އިތުރުން  ޖަލްސާއަށް މީހުން ވައްދަމުން ދިޔައީ ވެސް ބަލައި ފާސްކުރުމަށް ފަހުގައެވެ.

ޔުނީފޯމުގަ އާއި އާދައިގެ ހެދުމުގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުން ދިޔައިރު ހަތިޔާރާ އެކު ތިބި ސިފައިންނާއި އާދައިގެ ހެދުމުގައި ތިބި ސިފައިން ވެސް އެސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓަމުން ގެންދިޔައެވެ.

ރާއްޖެޓީވީން އެޖަލްސާއަށް ކަވަރ ކުރަން ދިއުމުން ގޭޓު ބަލަހައްޓަން ތިބި ފަރާތްތަކުން ވަނީ ރާއްޖެ ޓީވީއަށް ނުވަދެވޭނެ ކަމަށް އަންގާފައެވެ.

ރާއްޖެ ޓީވީގެ ރިޕޯޓަރާއި ކެމެރާމަންގެ އިތުރުން ފޮޓޯގްރާފަރަށް ވެސް ވަނީ ނުވަދެވޭނެ ކަމަށް އަންގައި އެސަރަހައްދުން ފޮނުވާލާފައެވެ.

ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާ ޖަލްސާއެއް "ރުމާލު 2" ޖަގަހައިގާ މި ބާއް ވަނީ އެމަނިކުފާނަށް ތުހުމަތުކުރެވޭ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތަކެއް ބެލުމަށް ކޮމެޓީއެއް ހެދުމަށާއި އެތަހުގީގް ނިމެންދެން ރައީސް ޔާމީން ވެރިކަމުން ދުރުކޮށް ވަގުތީ ގޮތުން އެމަޤާމް ނާއިބު ރައީސް ޢަބްދުﷲ ޖިހާދަށް ވެރިކަމުގެ ބާރުތައް ދެއްވުން އެދި ގުޅިފައިވާ ޕާޓީތަކުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައި ވަނިކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް