ކ. މާލެ
|
29 ޖެނުއަރީ 2018 | ހޯމަ 04:20
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން - ސިނާނަކީ ކުރިން ރައީސް ޔާމީނާ ވަރަށް ގާތް ބޭފުޅެއް
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން - ސިނާނަކީ ކުރިން ރައީސް ޔާމީނާ ވަރަށް ގާތް ބޭފުޅެއް
މަޖިލިސް
މެންބަރު އަބްދުﷲ ސިނާން
ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ރައީސަށް އެނގޭނެ، ބައެއް ކަންކަން ސީދާ ރައީސަށް ދެންނެވިން: ސިނާން
އަޅުގަނޑު ހުރީ ރައީސަށް ދެންނެވޭ ހިސާބުގައި
ސީދާ ރައީސާ އެކަނި ބައްދަލު ކުރައްވާ ދެންނެވިން
މިހާރު ރައީސްގެ ކޮންޓްރޯލްވެސް ގެއްލިއްޖެ

މިސަރުކާރުގެ ކޮރަޕްޝަނާއި ފަސާދައިގެ މައަސަލަތައް ރައީސް އަބްދުﷲ ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި ބައެއް ކަންކަން ސީދާ ރައީސް ޔާމީނަށް ދެންނެވި ކަމަށް ކުރިން ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި އުޅުއްވި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީން އާދީއްތަ ދުވަހުގެރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމަށް ރާއްޖެއިން ބޭރުގައި ހުންނަވައިގެން ދެއްވި އިންޓަރވިއުއެއްގައި ސިނާން ވިދާޅުވީ ސިނާނަށް ފާހަގަ ކުރެއްވޭ ގޮތުގައި މި ވެރިކަމުގެ ތެރޭގައި ޚިޔާނާތާއި ފަސާދައާއި ކޮރަޕްޝަން ހިނގާ ކަމަށާއި އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ އޭގެ އަލިގަދަ ހެއްކެތް ކަމަށެވެ. އެކަން މުޅި ރާއްޖެއަށާއި މުޅި ދުނިޔެއަށް އެނގޭކަމަށް ސިނާން ވިދާޅުވިއެވެ.

ސިނާން ވިދާޅުވީ ޢާއްމު މިންގަނޑަށްވުރެ ބޮޑަށް އެކަން ހިނގާފައިވާއިރު އެކަމަށް އެޅުނު ފިޔަވަޅެއް ނެތްކަމަށެވެ. އަދި ހުރިހާ ކަމަކީ ކުރީގެ ނައިބު ރައީސް އަދީބު ކުރެއްވިކަމެއްކަމަށް ވިދާޅުވި ނަމަވެސް މިއަދު އެކަންކަން ހިނގާއިރު ނުހުއްޓުވެނީ ކީއްވެތޯ ސިނާން ވަނީ ސުވާލު އުފައްދަވާފައެވެ. ސިނާން ވިދާޅުވީ ސިޔާސީ މީހުން އެކަން ބެލުމަށް އުޅެއުޅެ ކުރެވުނު އެއްވެސް ކަމެއް ނެތްކަމަށާއި ރައީސް ޔާމީންގެ އެކައުންޓަށް އެމްއެމްޕީއާރުސީގެ ފައިސާ ވަދެފައިވާކަން އެންމެނަށްވެސް އެނގޭ ކަމަށެވެ.

"މީގެ ކުރިން އެވާހަކަތައް އަމާޒުވަނީ އޭރުގެ ނައިބު ރައީސް އަހުމަދު އަދީބަށް. އަދީބެއް މިއަދަކު ނެތް. އުފެދޭ ސުވާލަކީ އަދީބު ނެތި މިއަދާ ހަމައަށް އައިއިރު އެކަން ވަނީ ހުއްޓިފައިތޯއޭ. އަޅުގަނޑުމެންނަށް އެބައެނގޭ ހުއްޓިފަ ނެތްކަން. ހަމަ އެކަން ކުރިއަށް އެބަދާކަން. އެހެންވީމަ ދެން އެކިގޮތްގޮތުން ސިޔާސީ ފަރާތްތަކުން އެކި މަސައްކަތް ކުރައްވާ މިއަދާ ހަމައަށް އައިރުވެސް އެކަމުގައި އެއްވެސް ކާމިޔާބެއް ނުލިބޭ. އަޅުގަނޑުމެން އެންމެނަށްވެސް އެބައެނގޭ، ޚާއްޞަކޮށް އެމްއެމްޕީއާރުސީ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާގެ އެކައުންޓަށް ފައިސާ އެބަހުރިކަން ވަދެފައި އެމްއެމްޕީއާރުސީއާ ގުޅޭގޮތަށް. އެހެންވީމާ އެފައިސާއާ އޭގެ މައުލޫމާތާ އެފައިސާއާ ގުޅިގެން އައިސްހުރި ކަންތައްތަކާ، އެކަންކަން ތަހުގީގްކޮށް ބެލުމަށްޓަކައި މިނިވަން މުއައްސަސާތަކުގައި ރަނގަޅަށް ކުރެވިގެން ދިޔަތޯ. މިއަދާހަމައަށް އައިއިރުވެސް އަޅުގަނޑުމެންނަށް މިފެންނަ ގޮތުގައި އަދި ދިވެހި ހުރިހާ ރައްޔިތުންނަށް ފެންނަ ގޮތުގަވެސް އެމުއައްސަސާތައް އެތިބީ ފުރިހަމަ މާނައިގާ މަސައްކަތް ނުކުރެވި ޕެރަލައިޒް ވެފައި އޮތް ހާލަތެއްގައި" 

ސިނާން ވިދާޅުވީ ފެނިގެންދަނީ ތަހުގީގީ އިދާރާތަކަށް ސީދާ ނުފޫޒް ފޯރައިގެން އެހެން ގޮތަކަށް އެނބުރޭތަން ކަމަށާއި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ އެހެންވެ އިތުރު ގޮތެއް ނެތިގެން ކަމަށެވެ.

ރައީސް ޔާމީނާ އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްއާވެސް ވަރަށް ގާތް ގުޅުމެއް އޮތްކަން ފާހަގަ ކުރައްވަމުން ސިނާން ވިދާޅުވީ ބައެއް ކަންކަން ވަރަށް ގިނައިން ދަންނަވާފައިވާނޭ ކަމަށާއި ނުކުންނެވީ އެތެރޭގައި ހުންނަވައިގެން ރަނގަޅު ކުރެވޭތޯ ކުރެއްވި އެއްވެސް މަސައްކަތަކުން ކުރިއެރުންތަކެއް ނުލިބުމުން ކަމަށެވެ. އަދި މިހާރު ރައީސް ޔާމީނަކަށްވެސް އެކޮންޓްރޯލެއް ނެތް ކަމަށާއި އެތެރެއިން އަދުލުވެރިކަމެއް ލިބޭނެ ކަމަށް ބަލައިގެން ހުންނާނީ މޮޔައެއް ކަމަށް ސިނާން ވިދާޅުވިއެވެ.

"އަޅުގަނޑާ ރައީސް ޔާމީނާ ވަރަށް ގާތްގުޅުމެއް އޮތް. އަޅުގަނޑާ މެޑަމްއާ ވަރަށް ގާތް ގުޅުމެއް އޮތް. އަޅުގަނޑު ހުންނާނެ ސީދާ ޚުދު ރައީސް ޔާމީނަށް ބައެއް ކަހަލަ ކަންކަން ދަންނަވާފައި. މިހިރަ ކަންކަން މިގޮތައް މިމަގުން ހިނގައޭ. އަޅުގަނޑަށް އެފުރުސަތު އޮތަތީވެ އަޅުގަނޑު އެގޮތައް ދެންނެވީ. މިދެންނެވި ކަނަތައްތަކުގެ ތެރޭގައިވެސް މާބޮޑު ކުރިއެރުންތަކެއް ފެނިފައެއް ނެތް. މިހާރު ޤާބޫލެއް ނުކުރެވޭ ޚުދު ރައީސް ޔާމީނަށްވެސް އެކޮންޓްރޯލެއް ނެތް"

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
29 ޖެނުއަރީ 2018 | ހޯމަ 09:34
Sindy sina
Sinan, haadhavarekey dhetho thiya aruvaalavvany, Eyru ok, mihaary no k dhetho