ކ. މާލެ
|
28 ޖެނުއަރީ 2018 | އާދީއްތަ 23:43
 ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝިފާގު މުފީދު
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝިފާގު މުފީދު
ޓްވިޓަރ
ރައީސް މަގާމުން ވަކި ކުރުން
ރައީސް ޔާމީން މަގާމުން ވަކިކުރުމަށް ގައިދީންތަކެއް ހިމެނޭ ގޮތަށް ހުށަހެޅި މައްސަލަ ބަލައިގަންނާނެ ކަމަށް ގަބޫލެއް ނުކުރަން: ޝިފާގު
ރައީސް ޔާމީން މަގާމުން ވަކި ކުރުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަނޭޅޭނެ
މައްސަލަ ހުށަހަޅާފައިވަނީ ޝަރުއީ ނިޒާމާ މެދު ފާޑުކިޔާ ފަރާތްތަކުން

ރައީސް އަބްދުﷲ ޔާމީން މަގާމުން ވަކި ކުރުމަށް ހުށަހަޅާފައިވާ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަންނާނެ ކަމަށް ގަބޫލު ނުކުރައްވާކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝިފާގު މުފީދު ވިދާޅުވެއްޖެ އެވެ.

ޗެނަލް 13 ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝިފާގު ވިދާޅުވީ، ގާނޫނު އަސާސީގެ 100 ވަނަ މާއްދާއަކީ، ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ ބާރު ލިބިފައިވާ މާއްދާއަށްވާ އިރު އެ މާއްދާގެ ދަށުން  އެކަން ކުރެވޭނީ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށެވެ.

ޝިފާގު ވިދާޅުވީ، މީގެ ކުރިން ރާއްޖޭގެ ވެރިކަން ކުރައްވާފައިވާ އަދި ވެރިކަމަށް ކުރިމަތި ލައްވާފައިވާ ފަރާތްތަކުން މިފަދަ ކަމެއް ކުރުމަކީ، އެފަރާތްތަކަށް ރާއްޖޭގެ ދުސްތޫރީ ނިޒާމުގެ ކަންކަން އޮންނަ ގޮތް ނޭނގޭކަން ދޭހަވާ ކަމެއް ކަމަށެވެ.

"ގާނޫނު އަސާސީގެ 142 ދެވަނަ މާއްދާގައި ފަނޑިޔާރުންނަކީ މުސްތަގިއްލު ބައެއް ކަމަށް ވަނީ ކަނޑަޅާފަ. ގާނޫނު އަސާސީގެ 169 ވަނަ މާއްދާގައި ބަޔާންކޮށްފައިވޭ ހައްގަކަށް އުނިކަން ލިބޭ ގޮތަކަށް ގާނޫނު އަސާސީ ތަރުޖަމާކޮށްގެން ނުވާނެ ކަމަށް." ޝިފާގު ވިދާޅުވި އެވެ.

ޝިފާގު ވިދާޅުވީ، ގާނޫނު އަސާސީގެ އެތައް މާއްދާތަކާ ހިލާފަށް ރައީސް މުހައްމަދު ނަޝީދުއާއި، ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރުގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ މައްސަލައެއް ނޫން ކަމަށެވެ.

ޝިފާގު ވިދާޅުވީ ސުޕްރީމް ކޯޓަށް ރައީސް މަގާމުން ވަކި ކުރުމަށް މައްސަލަ ހުށަހެޅި ފަރާތްތަކަކީ، ދިވެހި ރާއްޖޭގެ ޝަރުއީ ނިޒާމުގެ އަގު ވައްޓާލުމަށް އެތަށް ވާހަކައެއް ދައްކަވަމުންދާ ފަރާތްތަކެއް ކަމަށެވެ. އަދި މި މައްސަލަ ހުށަހެޅުއްވި އެއް ފަރާތަކީ ޖިނާއީ ކުށެއް ކޮށްފައިވާ މީހެއް ކަމަށާއި އަދި 13 އަހަރުގެ ޖަލު ހުކުމެއް ހިއްވާފައިވާ މީހަކު ފިލައިގެން ގޮސް ހުރެ މިފަދަ މައްސަލަ ސުޕްރީމް ކޯޓުން ހުށަހެޅި ކަމުގައިވީ ނަމަވެސް ބަލައިގަންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލައަކީ ސުޕްރީމް ކޯޓަށް ހުށަހެޅިގެންވާނެ މައްސަލައެއް ނޫން ކަމަށް ޝިފާގު ވިދާޅުވި އެވެ.

"ގައިދީންތަކެއް ގުޅިގެން، ކަނޑައެޅިފައިވާ އިޖުރާއަތްތަކާ ހިލާފަށް ސުޕްރީމް ކޯޓަށް ހުށަހެޅި ހުށަހެޅުން ކަނޑައެޅިގެން ބަލައި ނުގަންނާނެ ކަން އެބޭފުޅުންނަށް އެނގޭނެ،" ޝިފާގު ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލައިގައި ވަނީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ ހުރިހާ ކޮރަޕްޝަނުގެ އަމަލުތައް ތަހުގީގުކުރުމަށްޓަކައި ހާއްސަ ތަހުގީގު ކޮމެޓީއެއް އެކުލަވާލައި، ގާނޫނު އަސާސީގެ 127 ވަނަ މާއްދާގައިވާ ގޮތަށް ރައީސް ޔާމީން ޖަވާބުދާރީ ކުރުވުމަށް އެދިފަ އެވެ. އަދި އެ ތަހުގީގު ނިންމުމާ ހަމައަށް ގާނޫނުއަސާސީގެ 117 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ހާލަތެއް މެދުވެރިވެއްޖެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި، ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރުމުން ރައީސް ޔާމީން އުޒުރުވެރިވެއްޖެކަމަށް ކަނޑައަޅައި ދިނުމަށް އެދިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް