ކ. މާލެ
|
28 ޖެނުއަރީ 2018 | އާދީއްތަ 11:18
މި މެޗުގައި ރެއާލްއަށް ލަނޑު ޖަހައިދިން ރޮނާލްޑޯ އަދި ކްރޫސް
މި މެޗުގައި ރެއާލްއަށް ލަނޑު ޖަހައިދިން ރޮނާލްޑޯ އަދި ކްރޫސް
ގެޓީ އިމޭޖަސް
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ: ވެލެންސިއާ ބަލިކޮށް ރެއާލްއަށް މުހިންމު މޮޅެއް
ވެލެންސިއާގެ ދަނޑުގައި ރެއާލް ވަނީ 4-2 އިން އެ ޓީމު ބަލިކޮށްފައި
މަލާގާ އަދި ޖިރޯނާ ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން
ރެއާލް އޮތީ އެއް މެޗު މަދުން ކުޅެގެން ތާވަލުގެ ހަތަރު ވަނައިގައި

ސްޕެނިޝް ލަލީގާގައި ވެލެންސިއާ އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ރެއާލް މެޑްރިޑްއިން މުހިންމު މޮޅެއް ހޯދައިފިއެވެ.

ވެލެންސިއާގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލްއިން ކާމިޔާބު ކުރީ 4-1 ގެ ނަތީޖާއަކުންނެވެ. މި މެޗު ވެގެންދިޔައީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ފަހުން ރެއާލްގެ އެންމެ ކުރިޔަށް ކުޅޭ ތިން ކުޅުންތެރިން ކަމަށްވާ ބޭލް އަދި ރޮނާލްޑޯގެ އިތުރުން ބެންޒެމާ އެކުގައި ފުރަތަމަ އެގާރައިން ފެނިގެން ދިޔަ ފުރަތަމަ މެޗަށެވެ. މި މެޗުގައި ރެއާލްއިން ނެރުނު ފުރަތަމަ އެގާރައަށް ޒިދާން ނުވަ ބަދަލެއް ގެނެސްފައިވެއެވެ. މި ދެ ޓީމު ސީޒަނުގެ ކުރީ ބައިގައި ކުޅުނު މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. މި މެޗުގެ ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި ވެލެންސިއާގެ އޭރިއާ ތެރެއިން ރޮނާލްޑޯ ވައްޓާލުމާއެކު ރެފްރީ ދިން ޕެނަލްޓީ ކާމިޔާބުކޮށް އޭނާ ވަނީ ރެއާލްއަށް މެޗުގެ ލީޑު ނަގައިދީފައެވެ. މި ލަނޑަށް ފަހު ވެސް ދެ ޓީމަށް ވަނީ އިތުރު ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ރެއާލްގެ ދެވަނަ ލަނޑު ވެސް ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ރޮނާލްޑޯއެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ވެލެންސިއާއިން ވަނީ ދެވަނަ ހާފުގައި އެ ޓީމުގެ ކުޅުން ވަރުގަދަ ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 58 ވަނަ މިނެޓުގައި ސެންޓި މިނާ ވަނީ އެ ޓީމަށް ލަނޑެއް ޖަހައިދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. އެހެން ނަމަވެސް މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ރެއާލްއިން ވަނީ ދެ ލަނޑު ޖަހައި މެޗުން ތިން ޕޮއިންޓް ހޯދާފައެވެ. އެގޮތުން މެޗުގެ 84 ވަނަ މިނެޓުގައި މާސެލޯ އެ ޓީމަށް ލަނޑެއް ޖަހައިދިންއިރު އެ ޓީމުގެ ހަތަރު ވަނަ ލަނޑު 89 ވަނަ މިނެޓުގައި ޖަހައިދިނީ ޓޯނީ ކްރޫސްއެވެ.

ލަލީގާގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ޑިޕޯޓިވޯ އަދި ލެވަންޓޭ ބައްދަލު ކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މި މެޗުގައި ޑިޕޯޓިވޯއިން ޖެހި ލަނޑުތައް އެ ޓީމަށް ޖަހައިދިނީ އެޑްރިއަން ލޮޕޭޒް އަދި ފްލޮރިން އެންޑޯންއެވެ. ލެވަންޓޭގެ ދެ ލަނޑު ވެސް އެ ޓީމަށް ޖަހައިދިނީ އައިވީ ލޮޕޭޒްއެވެ. އެތްލެޓިކް ބިލްބާއޯ އަދި އެއިބާ ކުޅުނު މެޗު ވެސް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މި މެޗުގައި އެތްލެޓިކޯއިން ޖެހި ލަނޑު އަދުރިޒް ޖަހައިދިންއިރު އެއިބާގެ ލަނޑު ޖަހައިދިނީ ކީކޭއެވެ.

ހަމައެހެންމެ މަލާގާ އަދި ޖިރޯނާ ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އަމިއްލަ ދަނޑުގައި 4-2 އިން ރެއާލް ސޮސިއެޑާޑް ބަލިކޮށް ވިޔަރެއާލް ވަނީ ގަދަ ހަތަރެއްގެ އުއްމީދު ދަމަހައްޓާފައެވެ. މި މެޗުގައި ވިޔަރެއާލްއިން ޖެހި ލަނޑުތައް އެ ޓީމަށް ޖަހައިދިނީ ވިކްޓަރ ރުއީޒް، ޕަބްލޯ ފޯނާލްސް، ކާލޯސް ބަކާ އަދި ސެމުއެލް ކަސްޓެލާޔޯއެވެ. ސޮސިއެޑާޑްގެ ލަނޑުތައް ޖަހައިދިނީ ޑިއޭގޯ ލޮރެންޓޭ އަދި ވިލިއަން ހޯސޭއެވެ.

ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލްގެ އެއްވަނައިގައިވާ ބާސެލޯނާ އަށް ވަނީ 20 މެޗުން 54 ޕޮއިންޓް ލިބިފައެވެ. ތާވަލްގެ ދެވަނައިގައިވާ އެތުލެޓިކޯ މެޑްރިޑަށް 43 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައިވާ ވެލެންސިއާ އަށް ލިބިފައިވަނީ 40 ޕޮއިންޓެވެ. ތާވަލުގެ ހަތަރުވަނާގައިވާ ރެއާލް މެޑްރިޑަށް ލިބިފައިވަނީ 35 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް