ކ. މާލެ
|
27 ޖެނުއަރީ 2018 | ހޮނިހިރު 17:10
މި މުބާރާތުގެ ތަށި ވޮޒްނިއާކީ އުފުލާލަނީ
މި މުބާރާތުގެ ތަށި ވޮޒްނިއާކީ އުފުލާލަނީ
އޭއެފްޕީ
އޮސްޓްރޭލިއަން އޯޕަން 2018
އޮސްޓްރޭލިއަން އޯޕަން: ހޭލެޕް ބަލިކޮށް ވޮޒްނިއާކީ ޗެމްޕިއަންކަން ހޯދައިފި
ވޮޒްނިއާކީ ވަނީ ފައިނަލްގައި ހޭލެޕް ދެ ސެޓު އެއް ސެޓުން ބަލިކޮށްފައި
މިއީ ވޮޒްނިއާކީ ކާމިޔާބުކުރި ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތް

އޮސްޓްރޭލިއަން އޯޕަންގެ އަންހެން ސިންގަލްސް އިވެންޓްގެ ފައިނަލްގައި ރޯމޭނިއާގެ ސައިމޯނާ ހޭލެޕް ބަލިކޮށް މި މުބާރާތުގެ ތަށި ޑެންމާކްގެ ކެރޮލައިން ވޮޒްނިއާކީ ހޯދައިފިއެވެ.

މެލްބަންގައި ހުންނަ ރޮޑް ލޭވަރ އެރީނާގައި ކުޅުނު ފައިނަލް މެޗު ފޯރިގަދަ ކުޅުމަކަށް ފަހު ވޮޒްނިއާކީ ކާމިޔާބުކުރީ ދެ ސެޓު އެއް ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 7-6 އިން ވޮޒްނިއާކީ ގެންދިޔައިރު ދެވަނަ ސެޓު 6-3 އިން ގެންގޮސް ހޭލެޕް ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެހެން ނަމަވެސް މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓު 6-4 އިން ގެންގޮސް ވޮޒްނިއާކީ ވަނީ އޭނާގެ ކެރިއަރުގައި ފުރަތަމަ ފަހަރަށް ގްރޭންޑް ސްލޭމް މުބާރާތެއްގެ ތަށި އުފުލާލާފައެވެ.

ދެ ގަޑިއިރާއި 50 މިނެޓަށް ދެމިގެންދިޔަ މި މެޗު ކާމިޔާބުކުރުމާ އެކު ވޮޒްނިއާކީ ވެގެން ގޮސްފައި ވަނީ ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކުރި ޑެންމާކްއަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާއަށެވެ.

މި މުބާރާތް ކާމިޔާބުކުރުމަށް ފަހު ވާހަކަ ދައްކަމުން ވޮޒްނިއާކީ ބުނީ މިއީ ވަރަށް ހާއްސަ މުބާރާތެއް ކަމަށާއި މި މޮޅާ އެކު އޭނާގެ ހުވަފެނެއް ހަގީގަތަކަށް ވެގެން ގޮސްފި ކަމަށެވެ. އޭނާ ބުނީ ފައިނަލް މެޗަކީ ވަރަށް އުނދަގޫ މެޗެއް ކަމަށާއި ފައިނަލުގައި އޭނާއާ ދެކޮޅަށް ކުޅުނު ހޭލެޕްއަކީ ވަރަށް މޮޅު ކުޅުންތެރިއެއް ކަމަށެވެ. އޭނާ ވެސް ބުނީ ކުރިޔަށް ހުރި މުބާރާތްތަކުގައި ހޭލެޕްއާ ދެކޮޅަށް ގިނަ މެޗުތަކެއް ކުޅެން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮވެގެން މި މުބާރާތާއި ކުރިމަތިލި ހޭލެޕް ބުނީ މިއީ އޭނާއަށް ވަރަށް ކާމިޔާބު މުބާރާތެއް ކަމަށާއި ލިބިފައިވާ އަނިޔާއަކާއި ގުޅިގެން ދަތިތަކަކާއި ކުރިމަތިވި ކަމަށެވެ. އޭނާ ބުނީ ވޮޒްނިއާކީ މި މެޗުގައި ފެނުނީ މާ ވަރުގަދަކޮށް ކަމަށާއި ކޮންމެވެސް އެހެން މުބާރާތެއްގެ ފައިނަލްއިން އޭނާއާ ދިމާވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އޭނާ ބުނީ މިއީ އަދި ނިމުން ނޫން ކަމަށާއި ގްރޭންޑް ސްލޭމް މުބާރާތެއް މިއަހަރު ކާމިޔާބުކުރުމަކީ އޭނާގެ އެންމެ ބޮޑު އަމާޒު ކަމަށެވެ.

މި މުބާރާތް ނިމިގެންދިޔުމާ އެކު ދެން އެންމެ އަވަހަށް ނެރޭ ޑަބްލިއުޓީއޭ ވިމެންސް ޓެނިސް ރޭންކިންގައި ވޮޒްނިއާކީ އަށް އެއްވަނަ މަގާމު ލިބިގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް