ކ. މާލެ
|
27 ޖެނުއަރީ 2018 | ހޮނިހިރު 17:00
ފާރިސް ހައްޔަރުކޮށްގެން ފުލުހުންގެ ވެހިކަލަށް އަރުވަނީ
ފާރިސް ހައްޔަރުކޮށްގެން ފުލުހުންގެ ވެހިކަލަށް އަރުވަނީ
މުހައްމަދު ޝަރުހާން
ފާރިސް މައުމޫން
ސަރުކާރު ވައްޓާލަން އުޅޭކަމުގެ ތުހްމަތުގައި ފާރިސް ހައްޔަރުކޮށްފި
ފާރިސް ހައްޔަރުކުރީ ހޮނިހިރު ދުވަހުގެ ހަވީރު
ފާރިސް ހައްޔަރުކުރީ އަމިއްލަ އަށް އުފައްދާފައިވާ ތުހްމަތެއްގައި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނޭ
މ. ސްނޯރޯޒް އާއި އެންދެރިމާގެ ފުލުހުން ދަނީ ބަލައި ފާސްކުރަމުން

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު ހައްޔަރުކޮށްފިއެވެ.

ޖަލުގައި ހައްޔަރުކޮށްފައި ހުންނަތާ ހަ މަސް ފަހުން ބުރާސްފަތި ދުވަހު ކޯޓުން މިނިވަންކުރި ފާރިސް އަލުން ހައްޔަރުކުރީ ސަރުކާރު ވައްޓާލަން އުޅޭ ކަމުގެ ތުހްމަތާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފައިސާ ބެއްސެވިކަމުގެ ތުހްމަތުގަ އެވެ. 

ފާރިސް ހައްޔަރުކުރަން ރައީސް އަބްދުﷲ ޔާމީން ވެސް ފުލުހުންނަށް ވަނީ އަންގައިފަ އެވެ.  

ފާރިސް ހައްޔަރުކުރުމަށް ކޯޓް އަމުރެއް ހޯދާފައިވާ ކަމަށާއި އޭނާ ހައްޔަރުކުރަން ރައީސް ޔާމީން އެނގެވި ކަމަށް ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފާ ހަވާލާ ދެއްވައި ފާރިސް ވިދާޅުވެފައި ވަނިކޮށް، މުއާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާއަކީ ގާނޫނު ތަންފީޒުކުރުމުގެ އެންމެ މަތީ ފަރާތްކަމުގައި ވީހިނދު، ފާރިސް މައުމޫން ހައްޔަރުކުރުމަށް ޝަރުއީ ކޯޓަކުން ނެރެފައިވާ އަމުރެއް ތަންފީޒުކުރުމަށް ފުލުހުންނަށް ރައީސް ޔާމީން އަންގަވާފައިވާ ކަމަށެވެ.

ފާރިސް ހައްޔަރުކުމަށް ފަހު ވެސް، އޭނާގެ އެޕާޓްމެންޓާއި އޭނާގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދިރިއުޅުއްވާ އެންދެރިމާގެ ފުލުހުން ދަނީ ބަލައި ފާސްކުރަމުންނެވެ. 

ފާރިސް ހައްޔަރުކުރީ އޭނާ ދިރިއުޅުއްވާ މ. ސްނޯ ރޯޒްގައި ހުންނަވަނިކޮށް 

ފާރިސްގެ އެޕާޓްމެންޓް ބަލައި ފާސްކުރުމަށް ނެރެފައިވާ ކޯޓް އަމުރުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލިީހުގެ މެންބަރުންތަކަކަށް ފައިސާ ބެހިކަމަށް ތުހުމަތު ކުރެވޭތީއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކާއި ގުޅިގެން ދިވެހިރާއްޖޭގައި އުފެދިފައިވާ ގާނޫނީ ވެރިކަން ވައްޓާލުމަށް ގާނޫނާއި ހިލާފަށް  މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށް ތުހްމަތު ކުރެވޭތީ ކަމަށެވެ. ފާރިސްގެ ބަލައި ފާސްކުރުމުގެ އިތުރުން ފާރިސްގެ މޯބަލައި ފޯނާއި ސިމްކާޑާއި މެމޮރީ ކާޑާއި އެތަކެތީގައިވާ ހުރިހާ މައުލޫމާތާއި ފޯނުން ކޮށްފައިވާ އެންމެހާ މުއާމަލާތްތަކުގެ ތަފްސީލާއި ފޯން ކޯލްތަކާއި މެސެޖްތައް ހޯދުމަށް ކޯޓް އަމުރެއް ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ. 

ކޯޓް އަމުރުގައި ފާރިސްއާ ގުޅުން ހުރި ތަންތަން ބަލައި ފާސްކުރުމަށް ހުއްދަ ދީފައިވާއިރު، ރައީސް މައުމޫން ވިދާޅުވެފައި ވަނީ އެންދެރިމާގޭގައި ފާރިސްގެ އޮފީހެއް ނުހުންނަ ކަމަށާއި އެހެންވެ އެ ގެ ބަލައި ފާސްކުރަމުން ދަނީ ކޯޓް އަމުރެއް ނެތި ކަމަށެވެ. 

ސަރުކާރު ވައްޓާލަން އުޅޭ ކަމުގެ ތުހްމަތުގައި ފާރިސް ހައްޔަރުކުރިއިރު، ރިޔާސީ އިންތިހާބުގެ ކުރިން ސަރުކާރު ބަދަލުކުރަން ތާއިދުކުރައްވާ ކަމަށް، އިދިކޮޅު ކޯލިޝަނުން ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި ރައީސް މައުމޫން ވަނީ ވިދާޅުވެފަ އެވެ. 

ފާރިސް ހައްޔަރުކުރީ ސަރުކާރާއި ފުލުހުން އަމިއްލަ އަށް އުފައްދާފައިވާ ތުހްމަތެއްގައި ކަމަށް އިދިކޮޅު ޕާޓީތަކުގެ ބައެއް އޮފިޝަލުން ވިދާޅުވެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް