ކ. މާލެ
|
27 ޖެނުއަރީ 2018 | ހޮނިހިރު 16:01
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ޓްވިޓަރ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކުރިމަގު އޮތީ ރެއާލްއާއެކު: ރޮނާލްޑޯ
އޭނާ ވިއްކާލުމަށް އުޅޭކަމުގެ އަޑުތަކެއް ވަނީ ފެތުރިފައި

ކެރިއަރުގެ ފަހުބައިގައި ވެސް ފެނިގެންދާނީ ސްޕެއިންގެ ރެއާލް މެޑްރިޑްއިން ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯއަށް މި ސީޒަނުގައި ވަނީ ލަނޑު ޖެހުމުގެ މައްސަލަތަކަކާއި ކުރިމަތިވެފައެވެ. މިކަމުގެ ސަބަބުން އަންނަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި އޭނާ ވިއްކާލުމަށް ރެއާލްއިން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.  މި ސީޒަނުގައި ރެއާލްއިން ވެސް ހޯދަމުން އަންނަ ދަށް ނަތީޖާތަކާއި ގުޅިގެން އެ ޓީމަށް ވެސް ވަނީ ބޮޑެތި ފާޑުކިޔުންތަކާއެކުއެވެ. މިކަމާއި ގުޅިގެން އެ ޓީމަށް އާ ކުޅުންތެރިން ގެނައުމުގެ މަސައްކަތްކުރަމުންދާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އޭނާ ރެއާލްއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރުގެ ނިޔަލަށެވެ. ނޫސްވެރިންނާއި ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ މެޑްރިޑްއަކީ އޭނާ 2009 ވަނަ އަހަރުން ފެށިގެން ދިރިއުޅެމުން އަންނަ ސިޓީ ކަމަށާއި އެ ސިޓީގައި ދިރިއުޅުމަކީ އޭނާ ވަރަށް ހިތްހަމަޖެހޭ ކަމެއް ކަމަށެވެ. އޭނާ ބުނީ މެޑްރިޑްއިން އޭނާގެ އަމިއްލަ ގައުމު ކަމަށްވާ ޕޯޗުގަލްއަށް ކާރުގައި ދެވޭ ކަމަށާއި ސްޕެއިންއަކީ އޭނާ ވަރަށް ލޯބިވާ ގައުމެއް ކަމަށެވެ.

މީގެކުރިން ދިން ބައެއް އިންޓަވިއުތަކުގައި ރޮނާލްޑޯ ވަނީ އޭނާގެ އުމުރުން 41 އަހަރު ވާއިރުވެސް ޕްރޮފެޝަނަލް ކުޅުންތެރިޔެއްގެ ގޮތުގައި ދެމިހުންނަން ބޭނުންވާ ކަމަށް ބުނެފައެވެ. މި އިންޓަވިއުގައި ވެސް އޭނާ ބުނެފައިވަނީ ޕްލޭނަކީ އުމުރުން 41 އަހަރުގައި ރިޓަޔާ ކުރުން ކަމަށާއި އެކަން ހަގީގަތަކަށް ހެދުން ވެގެންދާނީ ވަރަށް ދަތި އުނދަގޫ ކަމަކަށް ކަމަށެވެ. އޭނާ ބުނީ އެ ހުވަފެން ހަގީގަތަކަށް ހެދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި އެކަން ހަގީގަތަކަށް ހެދުން ވެގެންދާނީ ދަތި އަދި އުނދަގޫ މަސައްކަތަކަށް ކަމަށެވެ.

ރިޓަޔާ ކުރުމަށްފަހު އޭނާ ބުނީ ކޯޗެއްގެ ގޮތުގައި ފެނުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށެވެ. އޭނާ ބުނީ ކޯޗަކަށް ވުމަކީ އޭނާ ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށާއި ފަހަރެއްގައި އެ ދާއިރާއިން ފެނުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. އޭނާ ބުނީ މިވަގުތު ކަނޑައެޅިގެން ވެސް ކޯޗަކަށް ވުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށެވެ.

ސްޕެނިޝް ކޮޕާ ޑެލްރޭ އިން ކެޓުމާއި ލަލީގާގައި 19 ޕޮއިންޓް ފަހަތުގައި އޮތުމާއެކު ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާންއަށް އަމާޒުވަމުން އަންނަ ފާޑުކިޔުންތަކަށް ރޮނާލްޑޯ ވަނީ ރައްދު ދީފައެވެ. އޭނާ ބުނީ ކޮންމެ ޓީމަކަށް ވެސް މިކަހަލަ ދުވަސްތައް އަންނާނެ ކަމަށާއި މިފަދަ ދަނޑިވަޅުތަކުގައި ކޯޗާއެކު ހުރުމަކީ ކޮންމެ ކުޅުންތެރިޔަކު ވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ. އޭނާ ބުނީ ކުރިޔަށް ހުރި މެޗުތަކުގައި ރަނގަޅު ނަތީޖާ ނެރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް 2009 ވަނަ އަހަރު އޭރުގެ ރެކޯޑު ފީއަކަށް ރެއާލްއަށް ބަދަލުވުމަށްފަހު ރޮނާލްޑޯ އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ރެއާލްގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑު އޮންނަ ރޮނާލްޑޯ ވަނީ އެ ޓީމާއެކު 14 މުބާރާތެއް ކާމިޔާބުކޮށްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް