ކ. މާލެ
|
27 ޖެނުއަރީ 2018 | ހޮނިހިރު 13:19
މި މެޗުގެ އެންމެ ފަހު ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑްގެ ކުޅުންތެރިން
މި މެޗުގެ އެންމެ ފަހު ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑްގެ ކުޅުންތެރިން
މެންޗެސްޓާ ޔުނައިޓެޑް
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް: ޔިއޮވިލް ޓައުން ބަލިކޮށް ޔުނައިޓެޑް ފަސްވަނަ ބުރަށް
ޔިއޮވިލް ޓައުންއާ ދެކޮޅަށް އެ ޓީމުގެ ދަނޑުގައި ކުޅުނު މެޗު ޔުނައިޓެޑްއިން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުން

އިނގިރޭސި އެފްއޭ ކަޕްގައި ޔިއޮވިލް ޓައުންއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް މެންޗެސްޓާ ޔުނައިޓެޑްއިން ފަސްވަނަ ބުރުގެ ޖާގައެއް ކަށަވަރު ކޮށްފިއެވެ.

ހަތަރު ވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ޔިއޮވިލް ޓައުންއާ ދެކޮޅަށް އެ ޓީމުގެ ދަނޑުގައި ކުޅުނު މެޗު ޔުނައިޓެޑްއިން ކާމިޔާބު ކުރީ 4-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޔުނައިޓެޑްގެ ފުރަތަމަ އެގާރައިން އާސެނަލް ދޫކޮށް އެ ޓީމާއި އަލަށް ގުޅުނު ޗިލީގެ ފޯވާޑް އެލެކްސިސް ސަންޗޭޒްއަށް ފުރުސަތު ދީފައިވެއެވެ. ހަމައެހެންމެ މައިކަލް ކެރިކް ވެސް ވަނީ އަނިޔާއިން އެނބުރި އައިސް ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް އަޅައިގެން މި މެޗުގައި ކުޅެފައެވެ.

ފުރަތަމަ ހާފު ފެށިގެން ޔުނައިޓެޑްއިން ވަނީ ގިނަ ވަގުތު ބޯޅަ ގެންގުޅެ ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. ޔިއޮވިލްގެ ފަރާތުން ރަނގަޅު ޑިފެންސެއް ފެނިގެންދިޔައިރު އެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ކައުންޓާގައި ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. ޔިއޮވިލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދަނިކޮށް މެޗުގެ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ޔުނައިޓެޑް އިން ވަނީ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. ޔިއޮވިލްގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން މި ލަނޑު ޔުނައިޓެޑްއަށް ޖަހައިދިނީ މާކަސް ރަޝްފޯޑްއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ޔުނައިޓެޑްއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ކުޅުން އިތުރަށް ވަރުގަދަ ކޮށްފައެވެ. މި މެޗުގެ 51 ވަނަ މިނެޓުގައި ސަންޗޭޒް ލަނޑު ޖެހުމާ ގާތަށް ދިޔައެވެ. އެގޮތުން އޭނާ ނެގި ކޯނަރެއް ޔިއޮވިލްގެ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައިވެއެވެ. ތަކުރާރުކޮށް ޔުނައިޓެޑްއިން އުފައްދަމުން ދިޔަ ހަމަލާތަކުގެ ނަތީޖައަކަށް ވެގެންދިޔައީ މެޗުގެ 61 ވަނަ މިނެޓުގައި އެންޑަރ ހެރޭރާ ލަނޑެއް ޖަހައިދީ ޔުނައިޓެޑްގެ ލީޑު ފުޅާކޮށްދިނުމެވެ. މި ލަނޑު އޭނާ ޖެހީ ސަންޗޭޒް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

މި ލަނޑަށް ފަހު ވެސް އެ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކާ ޔިއޮވިލްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ޔުނައިޓެޑްގެ ލީޑު އިތުރަށް ފުޅާ ވެގެންދިޔައީ މެޗުގެ 89 ވަނަ މިނެޓުގައި ޖެސޭ ލިންގާޑް ޖަހައިދިން ލަނޑުންނެވެ. އޭގެ މިނެޓެއް ފަހުން ރޮމެލޫ ލުކާކޫ ވަނީ ލަނޑެއް ޖަހައިދީ ޔުނައިޓެޑްއަށް ފަސްވަނަ ބުރުގެ ޓިކެޓް ކަށަވަރު ކޮށްދީފައެވެ.

މި މެޗުން މޮޅުވުމަށް ފަހު ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ސަންޗޭޒްގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް ރަނގަޅު ކުޅުމެއް ކަމަށާއި އޭނާއަށް ފުރިހަމަ 90 މިނެޓު ކުޅުމުގެ ފުރުސަތު ދިނީ ވަރަށް ބޮޑަށް ވިސްނުމަށް ފަހު ކަމަށެވެ. އޭނާ ބުނީ ފުރަތަމަ ހާފުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފުނުނަމަ މެޗުގައި އިތުރު ލަނޑުތަކެއް ފެނިގެންދާނެ ކަމަށާއި ފުރަތަމަ ހާފުގައި ޔިއޮވިލްގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރަށް ހިތްވަރުގަދަ ކުޅުމެއް ކަމަށެވެ.

މި މެޗަކީ ޔުނައިޓެޑްގެ ކޯޗެއްގެ ގޮތުގައި މޮރީނިއޯ އެ ޓީމަށް އިރުޝާދުދިން 100 ވަނަ މެޗެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް