ކ. މާލެ
|
27 ޖެނުއަރީ 2018 | ހޮނިހިރު 14:10
މި މުބާރާތުގެ ފައިނަލްގައި ވާދަކުރާ ފެޑެރާ އަދި ސިލިޗް
މި މުބާރާތުގެ ފައިނަލްގައި ވާދަކުރާ ފެޑެރާ އަދި ސިލިޗް
ގެޓީ އިމޭޖަސް
އޮސްޓްރޭލިއަން އޯޕަން 2018
އޮސްޓްރޭލިއަން އޯޕަން: ފެޑެރާ ހަތްވަނަ ފައިނަލްއަށް
ފެޑެރާއާ ދެކޮޅަށް ސެމީގައި ކުޅުނު ޗުންގ މެޗު ފުރިހަމަކޮށްފައެއް ނުވޭ
ސިލިޗް ވަނީ ސީދާ ތިން ސެޓުން އެޑްމަންޑް ބަލިކޮށްފައި

މެލްބަންގައި މިހާރު ކުރިޔަށްދާ އޮސްޓްރޭލިއަން އޯޕަންގެ ފިރިހެން ސިންގަލްސް އިވެންޓުގެ ފައިނަލްއިން ސްވިޓްޒަލޭންޑުގެ ރޯޖާ ފެޑެރާ ޖާގަ ހޯދައިފިއެވެ.

ފެޑެރާ މި މުބާރާތުގެ ފައިނަލްއަށް ދަތުރުކުރީ ސެމީގައި ދެކުނު ކޮރެއާގެ ޗުންގ ހިޔޮންއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށްގެންނެވެ. އޭނާ މި މެޗުން މޮޅުވީ އަނިޔާގެ ސަބަބުން ޗުންގ މެޗު ދޫކޮށްލުމާއި ގުޅިގެންނެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ކަމަށްވާ ސާބިއާގެ ނޮވަކް ޖޮކޮވިޗް ކަޓުވާލުމަށް ފަހު މި މުބާރާތުގެ ސެމީއިން ޖާގަ ހޯދި ޗުންގ ސެމީގެ މެޗު ދޫކޮށްލިއިރު، މެޗުގެ ނަތީޖާ އޮތީ 6-1 އަދި 5-2 އިން ފެޑެރާ ކޮޅަށް ބުރަވެފައެވެ.

މި މެޗުން މޮޅުވުމަށް ފަހު ވާހަކަ ދައްކަމުން ފެޑެރާ ބުނީ ފުރަތަމަ ސެޓު ދިޔައީ އުއްމީދު ކުރި ގޮތަށް ކަމަށާއި އިދިކޮޅުން ކުޅުނު ކުޅުންތެރިޔާއަށް ދިމާވި ކަންކަން އޭނާއަށް ނޭނގޭ ކަމަށެވެ. އޭނާ ބުނީ ސެމީގައި މެޗު ފުރިހަމަނުކޮށް ފައިނަލްއިން ޖާގަ ލިބުމަކީ އޭނާ އެދުނު ގޮތް ނޫން ކަމަށާއި އޭނާ އުއްމީދުކުރީ ވާދަވެރި މެޗަކަށް ފަހު ފައިނަލްގައި ކުޅުމަށް ކަމަށެވެ. ފެޑެރާ ބުނީ މެޗު ފެށުމުގެ ކުރިން އަމާޒަކަށް އޮތީ ފައިނަލްއަށް ވާސިލުވުން ކަމަށާއި އެކަން ފުރިހަމަކުރެވިއްޖެ ކަމަށެވެ.

މި މުބާރާތުގެ ފައިނަލްގައި ފެޑެރާއާ ދެކޮޅަށް ނުކުންނާނީ ދުނިޔޭގެ ރޭންކިންގެ ހަވަނައިގައި ރޭންކް ކުރެވިފައި އޮތް ކްރޮއޭޝިއާގެ މަރިން ސިލިޗްއެވެ. އޭނާ ފައިނަލްއަށް ދަތުރުކުރީ ސެމީ ފައިނަލްގައި އިނގިރޭސިވިލާތުގެ ކައިލް އެޑްމަންޑް ސީދާ ތިން ސެޓުން ބަލި ކޮށްގެންނެވެ. މި މެޗުގެ ސެޓުތައް ސިލިޗް ގެންދިޔައީ 6-2، 7-6 އަދި 6-2 އިންނެވެ.

2014 ވަނަ އަހަރުގެ ޔޫއެސް އޯޕަން ޗެމްޕިއަންކަން ހޯދި ސިލިޗް ބުނީ އެޑްމަންޑްގެ ފަރާތުން ވަރަށް ގިނަ ގޯސް މެޗުގައި ހެދުނު މަންޒަރު ފެނުނު ކަމަށާއި އޭނާ މެޗުން މޮޅުވުމަށް އެ ގޯސްތަކުގެ ފައިދާ ނެގި ކަމަށެވެ. މިއީ ސިލިޗް ގްރޭންޑް ސްލޭމް މުބާރާތެއްގެ ސެމީ ފައިނަލްގައި ކުޅުނު ފަސްވަނަ ފަހަރަށްވާއިރު އޭނާ ބުނީ ފައިނަލްގައި ކޮންމެ ކުޅުންތެރިޔަކާއި ދެކޮޅަށް ކުޅެން ޖެހުނަސް އަމާޒަކީ ތަށި ހޯދުން ކަމަށެވެ. މިއީ އޭނާ ގްރޭންޑް ސްލޭމް މުބާރާތެއްގެ ފައިނަލްއިން ފެނިގެންދާނެ ތިންވަނަ ފަހަރެވެ.

މި ދެ ކުޅުންތެރިން ވަނީ މިދިޔަ އަހަރުގެ ވިމްބެލްޑަން މުބާރާތުގެ ފައިނަލްގައި ވެސް ކުޅެފައެވެ. އެ މެޗުގައި ސީދާ ތިން ސެޓުން ސިލިޗް ބަލިކޮށް ތަށި އުފުލާލީ ފެޑެރާއެވެ. މި ދެ ކުޅުންތެރިން ޖުމްލަ ނުވަ ފަހަރެއްގެ މަތިން ބައްދަލުކުރިއިރު ސިލިޗްއަށް ފެޑެރާ ބަލިކުރެވިފައިވަނީ އެންމެ މެޗެއްގައެވެ.

އުމުރުން 36 އަހަރުގެ ފެޑެރާ ވެގެން ގޮސްފައިވަނީ އޯޕެން އެރާގައި މި މުބާރާތުގެ ފައިނަލްއިން ޖާގަ ހޯދި އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާއަށެވެ. އޭނާ މި މުބާރާތް ކާމިޔާބުކޮށްފިނަމަ އޭނާއަށް ނޮވަކް ޖޮކޮވިޗްއާ ރޯއި އެމަސަންގެ ރެކޯޑާއި އަރާ ހަމަކުރެވޭނެއެވެ. ހަމައެހެންމެ އޭނާގެ އަތުގައި އޮންނަ އެންމެ ގިނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކުރުމުގެ ރެކޯޑު 20 މުބާރާތަށް އިތުރުވެގެންދާނެއެވެ.

މި ދެ ކުޅުންތެރިން ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ އާދިއްތަ ދުވަހު 13:30 ގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް