ކ. މާލެ
|
27 ޖެނުއަރީ 2018 | ހޮނިހިރު 12:24
ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންގެ ފޮޓޯތަކުގެ ތެރެއިން އާންމުކޮށްފައިވާ ފޮޓޯއެއް--
ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންގެ ފޮޓޯތަކުގެ ތެރެއިން އާންމުކޮށްފައިވާ ފޮޓޯއެއް--
ޖެންޑާ މިނިސްޓްރީ
ކުޑަކުދިންގެ ހިޔާ
ހިޔާގެ ކުދިންނަށް އިހުމާލުވި މައްސަލައެއް ފެންމަތިވެ، ދެ މުވައްޒަފަކު ވަކިކުރިކަން ހާމަވެއްޖެ
ތުހުމަތު ކުރެވޭ މުވައްޒަފުން ވަނީ ވަޒީފާއިން ވަކިކޮށްފައި
ތުހުމަތު ކުރެވެނީ އަންހެން ދެ މުވައްޒަފެއްގެ މައްޗަށް
މައްސަލަ ފެންމަތިވީ އެ ދެ މުވައްޒަފުން ޝަރީއަތަށް ދިއުމުން

ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންގެ ރައްކާތެރިކަމަށް އެތަނުގެ މުވައްޒަފުންތަކެއް އަރައިގަތް ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންތަކެއްގެ ރައްކާތެރި ކަމަށް އަރައިގަތް ކަމުގެ ތުހުމަތު ކުރެވުނީ އެތަނުގައި މަސައްކަތް ކުރާ އެސިސްޓަންޓު ޗައިޑް ކެއާގެ މަގާމު އަދާކުރި ދެ މުވައްޒަފެއްގެ މައްޗަށެވެ. އެ މުވައްޒަފުންނަކީ އަންހެން ދެ މުވައްޒަފުންނެވެ. އެ މައްސަލައިގެ ތަހުގީގު ފެށުމާއެކު އެ ދެ މީހުން މަސް ދުވަހަށް ސަސްޕެންޑް ކުރުމަށް ފަހު، ވަޒީފާއިން ވަނީ ވަކިކޮށްފައެވެ. އެ ދެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ފަސް ވަނަ ދުވަހުއެވެ.

އެ މުވައްޒަފުން ވަޒީފާއިން ވަކިކުރީ ގާނޫނުއަސާސީގެ 35 ވަނަ މާއްދާގެ ދަށުން، ރައްކާތެރިކަން ދީފައިވާ މީހުންގެ ކަމަކާ ހަވާލުވެ ހުރެ، އެއިން މީހެއްގެ ރައްކާތެރިކަމަށް އަރައިގަތް ކަމަށް ތުހުމަތުކޮށެވެ. އެ މައްސަލައިގެ ތަފްސީލެއް ޖެންޑާ މިނިސްޓްރީން ހާމައެއް ނުކުރެއެވެ. އެ މައްސަލައިގެ ތަފްސީލު ހާމަވީ އެ ދެ މުވައްޒަފުންގެ ވަޒީފާއާ ގުޅޭ ގޮތުން ޓްރައިބިއުނަލުން ނިންމި މައްސަލައަކާއެކުގައެވެ.

ގާނޫނުއަސާސީގައި ބުނެފައި ވަނީ އާއިލާގެ ފަރާތުންނާއި ޖަމާއަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ލިބުމަކީ ކުޑަކުދީންނާއި ޅަފުރައިގެ ކުދީންނަށް ލިބިގެންވާ ހައްގެއް ކަމަށެވެ. އަދި ކުޑަކުދީންނާއި ޅަފުރައިގެ ކުދީންނަށް އެއްވެސް ގޮތަކުން ހާނީއްކަކޮށް، ޖިންސީގޮތުން އަނިޔާކޮށް އެއްވެސް ގޮތަކުން ތަފާތުކޮށް އެކަށީގެންނުވާ އިގްތިސާދީ، އިޖުތިމާއީ ކަންތައްތަކުގައި ބައިވެރިކޮށް އެ މީހުންގެ ފުށުން ނާޖާއިޒް މަންފާތައް ހާސިލުކުރުމަށް ހަމަ އެކަކުވެސް މަސައްކަތް ކޮށްގެން ނުވާނެ ކަމަށް ވެސް ގާނޫނުއަސާސީގެ 35 ވަނަ މާއްދާގައި ބުނެފައިވެއެވެ.

އެ މާއްދާއިން ކުޑަކުދިންނަށް ކަށަވަރު ކޮށްދީފައިވާ ހައްގުތަކަށް ކުޑަކުދިންގެ ހިޔާގެ ދެ މުވައްޒަފުން އަރައިގަތް މައްސަލާގައި ވަޒީފާއިން ވަކިކުރި މައްސަލަ މީގެ ކުރިން މީޑިއާއަށް ތިލަވެފައެއް ނުވެއެވެ.

އެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުން، ވަޒީފާ އަނބުރާ ހޯދުމަށާއި ބަދަލު ހޯދުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މައްޗަށް ދައުވާ ކުރުމުން އެ މައްސަލައިގެ ތަފްސީލު ވަނީ އާންމުވެފައެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމާފައި ވަނީ އެ ދެ މީހުންނަށް ވަޒީފާ ދިނުމަށް އަމުރެއް ނެރެންޖެހޭ ގާނޫނީ ހަމައެއް ނެތް ކަމަށެވެ.

"...އެގޮތުން މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވާފަދަ އަމުރެއް މައްސަލަ ރައްދުވި ފަރާތުގެ މައްޗަށް ކުރާނެ ގާނޫނީ ހަމައެއް ނެތް ކަމަށް މައްސަލަ  ބެލި މަޖިލީހުގެ މެމްބަރުންގެ އިއްތިފާގުން ކަނޑައަޅައި މި މައްސަލަ ނިންމައިފީމެވެ،" ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ތިން މެމްބަރަކު ނިންމެވި މައްސަލާގައި ބުނެފައިވެއެވެ.

ޓްރައިބިއުނަލްގެ ނިންމުމުގައި ބުނެފައި ވަނީ އެ ދެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނާއި ސިވިލް ސާވިސް ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އެ މުވައްޒަފުން ވަޒީފާއިން ވަކިކުރި މައްސަލަ އާއި ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅޭ ގޮތުން ޖެންޑާ މިނިސްޓްރީން ކޮމެންޓެއް ނުކުރިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް