ކ. މާލެ
|
26 ޖެނުއަރީ 2018 | ހުކުރު 12:28
މިދިޔަ ސީޒަނުގައި ޓީސީއާ ދެކޮޅަށް ނިއު ކުޅުނު މެޗެއްގެ ތެރެއިން ދަގަނޑޭ ކުޅުންތެރިއެއްގެ ކައިރިން ނައްޓާލުމަށް މަސައްކަތް ކުރަނީ
މިދިޔަ ސީޒަނުގައި ޓީސީއާ ދެކޮޅަށް ނިއު ކުޅުނު މެޗެއްގެ ތެރެއިން ދަގަނޑޭ ކުޅުންތެރިއެއްގެ ކައިރިން ނައްޓާލުމަށް މަސައްކަތް ކުރަނީ
އިމޭޖަސް.އެމްވީ
އަލީ އަޝްފާގު (ދަގަނޑޭ)
މި ސީޒަނުގައި ވެސް ދަގަނޑޭ ފެންނަނީ ނިއުގެ ނޫ ޖާޒީ އިން
މި ސީޒަނުގައި ދަގަނޑޭ ބޭނުންކުރާނީ އޭނާގެ ރަސްމީ ހަތް ނަމްބަރު ޖާޒީ
ބުރާސްފަތި ދުވަހު ފެށި ނިއުގެ ފަރިތަކުރުންތަކުގައި އޭނާ ބައިވެރިވެފައިވޭ
ދަގަނޑޭ އެންމެ ފުރަތަމަ ނިއުއާ ގުޅުނީ 2006 ވަނަ އަހަރު

މި ފެށޭ ފުޓްބޯޅަ ސީޒަނުގައި ވެސް ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ފެނިގެންދާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުންކަން ކަށަވަރުވެއްޖެއެވެ.

ނިއުއާ އެކު އާ ކޮންޓްރެކްޓެއްގައި އޭނާ އަދި ސޮއިކޮށްފައިނުވި ނަމަވެސް ބުރާސްފަތި ދުވަހު ފެށި ނިއުގެ ފަރިތަކުރުންތަކުގައި އޭނާ ބައިވެރިވެފައިވެއެވެ. ދަގަނޑޭ މިދިޔަ ސީޒަނުގައި ނިއުއާ ގުޅުނީ ލިބުނު އަނިޔާއަކަށް ފަރުވާ ހޯދުމަށް ދިގު މުއްދަތެއް ވަންދެން ކުޅުމާ ދުރުގައި ހުރުމަށް ފަހުއެވެ. މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އޭނާ ނިއުއާ ގުޅުނު ނަމަވެސް އޭނާ ނިއުއަށް ފުރަތަމަ މެޗެއް ކުޅެދީފައި ވަނީ އޮގަސްޓް މަހުގެ ތެރޭގައެވެ.

ސީޒަނުގެ ފަހުބައިގައި ދަގަނޑޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އޭނާ ވަނީ އެ ޓީމަށް މުހިންމު ލަނޑުތަކެއް ވެސް ޖަހައިދީފައެވެ. ދަގަނޑޭގެ މޮޅު ކުޅުމާ އެކު ނިއު އިން މިދިޔަ ސީޒަނުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގާއި، އެފްއޭ ކަޕްގެ އިތުރުން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރިއިރު އޭނާވަނީ މި މުބާރާތްތަކުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

މިދިޔަ ސީޒަނުގައި ދަގަނޑޭ ބޭނުންކުރީ 12 ނަމްބަރު ޖާޒީއެވެ. ދަގަނޑޭގެ ރަސްމީ ޖާޒީގައި މިދިޔަ ސީޒަނުގައި ފެނިގެންދިޔައީ އަލީ ފާސިރު (ސެންޓޭ) އެވެ. އެހެން ނަމަވެސް ނިއުގެ ޕްރެކްޓިސްތައް ފެށިއިރު ސެންޓޭ 10 ނަމްބަރު ޖާޒީ އިން ފެނިގެންދިޔައިރު ދަގަނޑޭ ފެނިގެން ގޮސްފައި ވަނީ ހަތް ނަމްބަރު ޖާޒީއިންނެވެ. އެހެންކަމުން ބެލެވޭ ގޮތުގައި މި ސީޒަނުގައި އޭނާ ފެނިގެންދާނީ އޭނާގެ ރަސްމީ ހަތް ނަމްބަރު ޖާޒީގައެވެ.

ކްލަބް ވެލެންސިއާ ދޫކޮށްލުމަށް ފަހު ދަގަނޑޭ އެންމެ ފުރަތަމަ ނިއުއާ ގުޅުނީ 2006 ވަނަ އަހަރުއެވެ. އެ އަހަރު އޭނާގެ މޮޅު ކުޅުމާ އެކު ނިއުއިން އެފްއޭކަޕާއި ދިވެހި ޕުރިމިއާ ލީގު ކާމިޔާބުކުރިއެވެ. އަދި ޖެހިގެން އައި އަހަރު ޕްރެޒިޑެންޓްސް ކަޕާއި އެފްއޭކަޕް ނިއުއަށް ކާމިޔާބުކޮށްދިނުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރިއެވެ.

ދަގަނޑޭއަކީ ނިއުގެ އެންމެ ކާމިޔާބު ސީޒަންތަކުގައި އެޓީމުގައި ހިމެނުނު މުހިންމު ކުޅުންތެރިއެކެވެ. އެގޮތުން އޭނާގެ ކެޕްޓަން ކަމުގެ ދަށުން އެ ކްލަބު 2012 ވަނަ އަހަރުގެ ދިވެހި ލީގު ކާމިޔާބުކުރީ އެއްވެސް މެޗަކުން ބަލިނުވެއެވެ.  ޖެހިގެން އައި 2013 ވަނަ އަހަރުގެ ސީޒަންގެ ހުރިހާ ތައްޓެއް 100 ޕަސެންޓް މޮޅުވުމުގެ ރެކޯޑަކާ އެކު ނިއުއިން ކާމިޔާބުކުރުމުގައި ދަގަނޑޭ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެ އަހަރުގެ އޭއެފްސީ ކަޕްގައި ވެސް ދަގަނޑޭ ކާމިޔާބުކޮށްދިން ލަނޑުތަކާ އެކު ނިއު ކުއާޓާ ފައިނަލަށް ދަތުރުކުރިއެވެ.

ނިއު ދޫކޮށްލުމަށް ފަހު އޭނާ ޖެހިގެން އައި އަހަރު ބަދަލުވީ މެލޭޝިއާގެ ދެވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ޕީޑީއާރްއެމް އަށެވެ. އެ ކްލަބް ފުރަތަމަ ޑިވިޝަންއަށް ޕްރޮމޯޓުކޮށްދީ މެލޭޝިއާގައި ކުޅޭ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ އެވޯޑު ވެސް އޭނާ ހޯދިއެވެ. އަނިޔާގެ ސަބަބުން ޕީޑީއާރްއެމް އާއެކު ހަދާފައި އޮތް އެއްބަސްވުން އުވާލުމަށް ފަހު 2016 ވަނަ އަހަރުގެ ސީޒަނުގައި ފަހު ބައިގައި ދަގަނޑޭ ފެނިގެންދިޔައީ މާޒިޔާގެ ފެހި ޖާޒީގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް