ކ. މާލެ
|
26 ޖެނުއަރީ 2018 | ހުކުރު 11:05
ޒައިނުއްދީން ޒިދާން
ޒައިނުއްދީން ޒިދާން
ގެޓީ އިމޭޖަސް
ޒައިނުއްދީން ޒިދާން
ވަޒީފާގައި ދެމިހުންނަން ޕީއެސްޖީ ބަލިކުރަން ޒިދާންއަށް މަޖުބޫރު!
މި ސީޒަނުގައި ރެއާލް ހޯދަމުން އަންނަ ނަތީޖާތަކުގެ ސަބަބުން އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައި

ރެއާލް މެޑްރިޑްގެ ކޯޗުގެ މަގާމުގައި ދެމިހުރުމަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ފްރާންސްގެ ޕީއެސްޖީ ބަލިކުރަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

އޭނާ މިހެން ބުނެފައި ވަނީ އަމިއްލަ ދަނޑުގައި ލެގާނޭސް އަތުން ބަލިވެ ސްޕެނިޝް ކޮޕާ ޑެލްރޭއިން އެ ޓީމު ކެޓުމާއި ގުޅިގެން އަމާޒުވަމުން އަންނަ ފާޑުކިޔުންތަކަށް ޖަވާބު ދެމުންނެވެ. ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގު މާކޯ އަސެންސިއޯގެ ލަނޑުން ރެއާލް ކާމިޔާބުކުރި ނަމަވެސް އަމިއްލަ ދަނޑުގައި 2-1 އިން ބަލިވެ އެ ޓީމު މުބާރާތުން ކެޓީ ރަށުން ބޭރުގައި ޖެހި ލަނޑުގެ އަދަދު ލެގާނޭސްއަށް ވުރެ މަދުވުމުގެ ސަބަބުންނެވެ.

ލެގާނޭސް ވެގެން ގޮސްފައި ވަނީ ކޮޕާ ޑެލްރޭގެ ތާރީހުގައި ފުރަތަމަ ލެގުން ރެއާލް އަތުން ބަލިވުމަށް ފަހު ދެވަނަ ލެގު ކާމިޔާބުކޮށް ރެއާލް ކަޓުވާލި ފުރަތަމަ ޓީމަށެވެ. މި ސީޒަނުގައި އެ ޓީމަށް ސްޕެއިންގެ އެއްވެސް މުބާރާތެއް ކާމިޔާބުކުރެވުމުގެ ފުރުސަތު ވަރަށް ކުޑައެވެ. އެގޮތުން ސްޕެނިޝް ލަލީގާގައި ވެސް ރެއާލް މިވަގުތު އޮތީ އެއްވަނައިގައި އޮތް ވާދަވެރި ބާސެލޯނާ އަށް ވުރެ 19 ޕޮއިންޓް ފަހަތުން ތާވަލުގެ ހަތަރު ވަނައިގައެވެ. އެހެން ނަމަވެސް އަދިވެސް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ.

ޖެހިޖެހިގެން ދެ ފަހަރު ރެއާލްއަށް ޗެމްޕިއަންސް ލީގު ހޯދައިދިން ކޯޗު ބުނީ އޭނާއަށް ކޯޗުގެ މަގާމުގައި ދެމިހުރެވޭނީ ދެވަނަ ބުރުގައި ޕީއެސްޖީ ބަލިކޮށްގެން ކަމަށާއި އެކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އޭނާ ބުނީ ޓީމަށް މިހާރު ދިމާވެފައިވާ ހުރިހާ މައްސަލައެއްގެ ފުރިހަމަ ޒިންމާ ކޯޗެއްގެ ހައިސިއްޔަތުން އޭނާ ނަގާ ކަމަށެވެ. އޭނާ ބުނީ އަބަދުވެސް މަސައްކަތްކުރަނީ ޓީމުގެ ކުޅުން ރަނގަޅު ކުރަން ކަމަށާއި މި މުބާރާތުން ކެޓި ކަމުގައި ވިޔަސް ޓީމަށް މިހާރު ދިމާވެފައިވާ މައްސަލަތަކުގެ ހައްލު ހޯދާނެ ކަމަށެވެ.

މި މެޗުން ރެއާލް ބަލިވިއިރު އެ ޓީމުގެ ފުރަތަމަ އެގާރައިގައި ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ގެރެތު ބޭލް ހިމަނާފައެއް ނުވެއެވެ. މިކަމާ ގުޅިގެން އޭނާ ބުނީ އެ ކުޅުންތެރިންނަށް ފުރަތަމަ އެގާރައިން ފުރުސަތު ނުދިނީ އަރާމުކުރަން ވަގުތު ދިނުމުގެ ގޮތުން ކަމަށާއި ޓީމުގެ ފުރަތަމަ އެގާރައިން އެއްވެސް ކުޅުންތެރިޔަކަށް ޖާގަ ޔަގީން ނުވާނެ ކަމަށެވެ.

ޒިދާންގެ ދިފާއުގައި ރެއާލްގެ ގިނަ ކުޅުންތެރިން ވަނީ މީޑިއާގައި ވާހަކަ ދައްކާފައެވެ. އޭގެ ތެރޭގައި ސާޖިއޯ ރާމޯސް އާއި މާސެލޯ އާއި ޑެނީ ކަވަހާލްގެ އިތުރުން ލޫކާ މޮޑްރިޗް ހިމެނެއެވެ. އެ ކުޅުންތެރިން ބުނެފައި ވަނީ ޓީމަށް މިވަގުތު ދިމާވެފައިވާ ހާލަތަކުން އެހެން ހާލަތަކަށް ޒިދާން އެ ޓީމު ގެންގޮސްދޭނެ ކަމަށާއި ކޯޗާ މެދު ފުރިހަމަ އިތުބާރާއި ޔަގީންކަން އެބައޮތް ކަމަށެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ޕީއެސްޖީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ރެއާލް ކުޅޭ ފުރަތަމަ ލެގުގެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. ހަމައެހެންމެ ދެވަނަ ލެގުގެ މެޗު ޕީއެސްޖީގައި ދަނޑުގައި ކުޅެވިގެންދާނީ މާޗް މަހުގެ ހަތްވަނަ ދުވަހުއެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް