ކ. މާލެ
|
25 ޖެނުއަރީ 2018 | ބުރާސްފަތި 16:40
މި މެޗުގެ ދެވަނަ ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
މި މެޗުގެ ދެވަނަ ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ގެޓީ އިމޭޖަސް
އިނގިރޭސި ލީގު ކަޕް
އިނގިރޭސި ލީގު ކަޕް: ފައިނަލުގައި ސިޓީއާ ދެކޮޅަށް ނުކުންނާނީ އާސެނަލް
އާސެނަލް ވަނީ ދެވަނަ ލެގުގައި ޗެލްސީ 2-1 އިން ބަލިކޮށްފައި
މި މެޗުގެ ކުރިން މި ސީޒަނުގައި މި ދެ ޓީމު ކުޅުނު ހަތަރު މެޗު ވެސް ނިމިފައި ވަނީ އެއްވަރުވެގެން
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު

ފަހަތުން އަރައި ޗެލްސީ ކަޓުވާލުމަށް ފަހު އިނގިރޭސި ލީގު ކަޕްގެ ފައިނަލުގެ ޖާގަ އާސެނަލް އިން ކަށަވަރުކޮށްފިއެވެ.

ފައިނަލްގައި އާސެނަލް ބައްދަލުކުރާނީ މެންޗެސްޓާ ސިޓީއާއެވެ.

އާސެނަލް އިން ފައިނަލުގެ ޖާގަ ކަށަވަރުކުރީ ރޭ ކުޅުނު ސެމީ ފައިނަލުގެ މެޗުގެ ދެވަނަ ލެގުގައި 2-1 ގެ ނަތީޖާއަކުން ޗެލްސީ ބަލިކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ލެގުގައި ޗެލްސީގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. އެހެންކަމުން އާސެނަލްއަށް ފައިނަލުގެ ޖާގައެއް ލިބުނީ 2-1 ގެ އެގްރިގޭޓް ނަތީޖާއަކުން ޗެލްސީގެ މައްޗަށް ކުރިލިބޭތީއެވެ.

މި މެޗުގެ ކުރިން މި ސީޒަނުގައި މި ދެ ޓީމު ކުޅުނު ހަތަރު މެޗު ވެސް ނިމިފައިވަނީ އެއްވަރުވެގެންނެވެ. މިދިޔަ ހަފްތާގައި ކްރިސްޓަލް ޕެލަސް އަތުން މޮޅުވި އާސެނަލްގެ ޓީމުގައި ހިމެނުނު ޕީޓަރ ޗެކްގެ ބަދަލުގައި އެ ޓީމުގެ ގޯލު ބެލެހެއްޓީ ޑޭވިޑް އޮސްޕީނާއެވެ. ހަމައެހެންމެ ޕެޑްރޯ ވެސް ވަނީ ސަސްޕެންޝަން ފުރިހަމަކުރުމަ ށްފަހު ޗެލްސީގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ.

ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފަސްވަނަ މިނެޓުގައި ޕެޑްރޯ ލަނޑެއް ޖެހި ނަމަވެސް ރެފްރީ ނިންމާފައި ވަނީ އެއީ އޮފްސައިޑް ލަނޑެއްގެ ގޮތުގައެވެ. އެހެން ނަމަވެސް އޭގެ ދެ މިނެޓު ފަހުން ޕެޑްރޯ ތަނަވަސްކޮށްދިން ފުރުސަތަކުން އީޑެން ހަޒާޑް ވަނީ ޗެލްސީއަށް ލަނޑެއް ޖަހައިދީ އެ ޓީމަށް މި މެޗުގެ ލީޑު ނަގައިދީފައެވެ. މި ލަނޑަށް ފަހު އާސެނަލްއިން އެ ޓީމުގެ ކުޅުން ރަނގަޅުކުރި އިރު އެ ޓީމުން ވަނީ 12 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްފައެވެ. ނަތީޖާ ހަމަހަމަވީ ނާޗޯ މޮންރިއާލް ދިން ހަމަލާއެއްގައި ޗެލްސީގެ ޑިފެންޑަރު އެންޓޯނިއޯ ރޫޑިގަރ ބައިކޮޅަށް ޖެހި ލަނޑުންނެވެ. މި ހާފުގައި ދެ ޓީމަށް ވެސް ލީޑު ނެގުމަށް ރަނގަޅު ފުރުސަތުތައް ލިބުނިއިރު ދެ ޓީމުން ކުރެ ޓީމަކަށް ވެސް އިތުރު ލަނޑެއް ޖެހިފައެއް ނުވެއެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި އާސެނަލްގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެ ޓީމުން އުފައްދަމުންދިޔަ ހަމަލާތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 60 ވަނަ މިނެޓުގައި ގްރަނިޓް ޒާކާ އެ ޓީމަށް ލަނޑެއް ޖަހައިދީ މެޗުގެ ލީޑު ނަގައިދިނުމެވެ. މި ލަނޑަށް ފަހު ވެސް އެ ޓީމަށް ލީޑު ފުޅާކުރުމަށް ފުރުސަތު ލިބިގެންދިޔައިރު ޗެލްސީގެ ކީޕަރު ވަނީ ރަނގަޅު ސޭވްތަކެއް ކޮށްފައެވެ.

މި މުބާރާތުގެ ފައިނަލްއިން ޖާގަ ހޯދުމަށް ފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު ވެންގާ ބުނީ ފުރަތަމަ ހާފުގައި ޗެލްސީއަށް މާ ގިނަ ފުރުސަތު ތަނަވަސްކުރުމަށް ވަގުތު ދެވުނު ކަމަށާއި ދެވަނަ ހާފުގައި އެކަން ރަނގަޅު ކުރެވުނު ކަމަށެވެ. އޭނާ ބުނީ ފައިނަލްއަށް ތައްޔާރުވުމަށް ވަގުތު އެބައޮތް ކަމަށާއި މިހާރުގެ އަމާޒަކީ މި މުބާރާތް ކާމިޔާބުކުރުން ކަމަށެވެ. އާސެނަލްގެ ކޯޗުކަމުގައި ވެންގާ ހޭދަކުރި 21 އަހަރުގެ ތެރޭގައި އޭނާއަށް މި މުބާރާތް ކާމިޔާބުކުރެވިފައެއް ނުވެއެވެ.

މިއަހަރުގެ ފައިނަލް ވެގެންދާނީ އާސެނަލް މި މުބާރާތުގެ ފައިނަލުގައި ކުޅޭ އަށް ވަނަ ފަހަރަށެވެ. އެ ޓީމުން ވަނީ ދެ ފަހަރެއްގެ މަތިން މި މުބާރާތް ކާމިޔާބުކޮށްފައެވެ. އެ ޓީމާ ދެކޮޅަށް ފައިނަލުގައި ކުޅޭ މެންޗެސްޓާ ސިޓީ ފައިނަލްއަށް ދަތުރުކުރީ 5-3 ގެ އެގްރިގޭޓް ނަތީޖާއަކުން ބްރިސްޓޮލް ސިޓީ ބަލިކޮށްގެންނެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް