ކ. މާލެ
|
24 ޖެނުއަރީ 2018 | ބުދަ 15:21
ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެ ކޯޓަށް ވަންނަވަނީ
ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެ ކޯޓަށް ވަންނަވަނީ
ރާއްޖެއެމްވީ
ފާރިސް މައުމޫން
ފާރިސް ރިޝްވަތު ހުށަހެޅި ކަމަށްބުނާ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ
މި މަހުގެ 31 ވަނަ ދުވަހަށް ވެސް އަޑުއެހުމެއް ތާވަލުކޮށްފައި އެބަ އޮތް
ފޮރެންސިކް ތަހްލީލްކުރަން ތިން ވަނަ ފަރާތެއްގެ ނަން ހުށަހަޅަން ފާރިސްއަށް ފުރުސަތު ދީފައިވޭ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި އެވެ. ބުރާސްފަތި ދުވަހުގެ އަޑުއެހުން ބޭއްވުމަށް ތާވަލު ކޮށްފައި އޮތީ ހެނދުނު 10:00 ގަައެވެ. 

މި މައްސަލާގައި އެންމެ ފަހު އަޑުއެހުމެއް ބާއްވާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހު އެވެ. އެދުވަހުގެ އަޑުއެހުން ނިންމާލައްވަމުން ޝަރީއަތުން އިއުލާން ކުރެއްވި ގޮތުގައި ދެން މައްސަލައިގެ އަޑުއެހުމެއް އޮންނާނީ މި މަހުގެ 31 ދުވަހު އެވެ. އަދި އެ އަޑުއެހުމުގައި އޮންނާނީ ޝަރީއަތުގެ ކުރިން ފާރިސްގެ ފަރާތުން ހުށަހެޅި ނުކުރާތަކާގުޅޭ ގޮތުން ގޮތެއް ނިންމުން ކަމަށް ވެސް އިއުލާންކޮށްފައިވެ އެވެ. އެ ޝަރީއަތުގެ ބައްދަލުވުމުގައި ފާރިސް މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ކިތާބީ ހެކިތަކުގެ މިނިވަން ފޮރެންސިކް އެނަލިސިސްއެއް ހަދާނެ ތިން ވަނަ ފަރާތެއްގެ ނަން ހުށަހެޅުމަށް ފާރިސްއަށް ހަތް ދުވަހުގެ މުހުލަތެއް ކޯޓުން ދީފައިވެ އެވެ. އެހެން ކަމުން ބުދަ ދުވަހުގެ އަޑުއެހުމުގައި ފޮރެންސިކް އެނަލިސިސް ރިޕޯޓެއް ހެދުމަށް ފާރިސް ބޭނުންވާ ފަރާތަކާ ހަވާލުކުރުމާމެދު ޝަރީއަތުން ވާހަކަ ދައްކަވާނެ ކަމަށް ބެލެވެ އެވެ.

އަދި މި މަހުގެ 31 ވަނަ ދުވަހު ބާއްވަން އޮތް އަޑުއެހުން ވެސް އަދި ކެންސަލް ކޮށްފައިނުވާތީ ޝަރީއަތުގެ އަޑުއެހުމުގައި އޮންނާނީ ޝަރީއަތުގެ ކުރިން ހުށަހަޅާފައިވާ ކަންތައްތަކާމެދު ގޮތެއް  ކަނޑައެޅުން ކަމަށް ވެސް ބެލެވެ އެވެ.

ފާރިސްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަނުގައި ސޮއި ކުރުމަށް މެންބަރަކަށް ރިޝްވަތު ދެއްވި ކަމަށް ބުނެ އެވެ. ފާރިސް ވަނީ ދައުވާއަށް އިންކާރު ކުރައްވާފަ އެވެ.

އެ މައްސަލައާ ގުޅިގެން މިދިޔަ އަހަރުގެ ޖުލައި 18 ވަނަ ދުވަހު ފާރިސް ހައްޔަރު ކުރިއިރު، ޖުލައި 19 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ. ފާރިސް ބަންދު ކޮށްފައިވަނީ މާފުށީ ޖަލުގަ އެވެ.

އެ ދައުވާ ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން އަމުރު ކޮށްފައިވާއިރު ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި ބޮޑެތި ކުށްތަކުގެ ތެރޭގައި ރިޝްވަތުގެ މައްސަލަތައް ނުހިމެނެ އެވެ. އަދި އެ ގާނޫނުގައި ބުނެފައިވަނީ ބޮޑު ކުށެއްގެ ތުހުމަތުގައި ނޫނީ މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ނުބެހެއްޓޭނެ ކަމަށެވެ. އެ ގާނޫނަށް ހަވާލާދީ ހައި ކޯޓުން ވަނީ ރިޝްވަތުގެ ކުށުގެ ތުހްމަތު ކުރެވުނު މީހަކު ދޫކޮށްލުމަށް ވެސް އަމުރު ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް