ކ. މާލެ
|
24 ޖެނުއަރީ 2018 | ބުދަ 04:43
ޔުމްނާ މައުމޫން: ރައީސް ޔާމީން އާއިމެދު ކުރެވޭ ތުޙުމަތުތަކުގެ ހަޤީޤަތް ކުރިން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި
ޔުމްނާ މައުމޫން: ރައީސް ޔާމީން އާއިމެދު ކުރެވޭ ތުޙުމަތުތަކުގެ ހަޤީޤަތް ކުރިން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި
މުހައްމަދު ޝަރުހާން
ރައީސް ޔާމީންގެ ވެރިކަން
ޕްރައިމަރީގައި އާއިލާއިން ރައީސް ޔާމީނަށް ތާޢީދުކުރީ އެމަނިކުފާނުގެ ހަޤީޤަތް ނޭނގޭތީ: ޔުމްނާ
ރައީސް ޔާމީނަށް އޭރުވެސް ތުޙުމަތުތަކެއް ކުރެވެމުން ދިޔަ
އޭރު ރައީސް ޔާމީންގެ ހަޤީޤަތް އާއިލާއަށް ނޭނގުނީ: ޔުމްނާ
މީހެއްގެ އަސްލު އެނގޭނީ އެމީހަކާއި ބާރުތައް ހަވާލުކުރުމުން

ދެހާސް ތޭރަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ޕާޓީގެ އެތެރޭގައި ބޭއްވި ޕްރައިމަރީގައި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ އާއިލާއިން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނަށް ތާޢީދުކުރީ، އެމަނިކުފާނުގެ ހަޤީޤަތް ނޭނގޭތީ ކަމަށް އެ ޕާޓީގެ ކުރީގެ ކައުންސިލް މެންބަރު އަދި ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޔުމްނާ ވިދާޅުވީ، ރައީސް ޔާމީނަށް އޭރުވެސް ތުޙުމަތުތަކެއް ކުރެވެމުން ދިޔަ ކަމަށާއި، ނަމަވެސް އޭރު ރައީސް ޔާމީންގެ ހަޤީޤަތް ނޭނގުނީ ކަމަށެވެ.

ޔުމްނާ ވިދާޅުވީ ރައީސް މައުމޫނާއި އެމަނިކުފާނުގެ އާއިލާއިން އޭރު ރައީސް ޔާމީނަށް ތާޢީދު ކުރެއްވީ އެއީ ޤައުމަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް ދެކިލައްވާތީ ކަމަށެވެ.

"ހަޤީޤަތުގަވެސް ރައީސް މައުމޫންވެސް އެ ތާއީދު ކުރެއްވީ، އޭރު އަދި ވާހަކަތަކެއް ދެކެވުނު ނަމަވެސް، ދެކެވޭ ކޮންމެ ވާހަކަތަކެއް ޤަބޫލެއް ނުކުރައްވާނެ އެ ސާބިތު ކުރެވޭނެ ގޮތްތަކަކާއި ހެކިތަކަކާއި ހުރެގެން (މެނުވީ). ދެން މީހުން ތެރޭގައި އަބަދުވެސް އެކި ބޭފުޅުންނާ ބެހޭގޮތުން ވާހަކަ ދެކެވޭނެ. ހަޤީޤަތުގައި ހަމަ އެންމެ ރަނގަޅު ކެންޑިޑޭޓަކީ އެއީ ކަމަށް ޤަބޫލުކުރައްވައިގެން ރައީސް މައުމޫންވެސް އެ ތާއީދު ކުރެއްވީ އަދި އާއިލާގެ އެހެން މެންބަރުންވެސް އަޅުގަނޑަށް ހީވަނީ ހަމަ އެ ނިންމުން އެ ނިންމީ ހަމަ ވަރަށް ބޮޑަށް ވިސްނާ ދިރާސާ ކޮށްފަ. ޤައުމަށް އެންމެ ރަނގަޅު ވާނެ ގޮތަށް، އެންމެ ރަނގަޅު ކެންޑިޑޭޓަކަށް އެވަގުތު އެބޭފުޅުން ޤަބޫލުކުރެއްވީ އެއީ ކަމަށްވާތީ އެގޮތަށް އެ ނިންމެވީ ހަޤީޤަތުގައި" ޔުމްނާ ވިދާޅުވިއެވެ.

ޔުމްނާ ވިދާޅުވީ ރައީސް ޔާމީނަށް ވެރިކަން ލިބިވަޑައިގަތީ ވަރަށް ބޮޑު ބާރުވެރިކަމަކާއިއެކު ކަމަށާއި، މީހެއްގެ އަސްލު އެނގޭނީ އެމީހަކާއި ބާރުތައް ހަވާލުކުރުމުން ކަމަށެވެ.

"ހަޤީޤަތުގައި މީހެއްގެ އަސްލު އެނގޭނީ ވަކި ހިސާބަކަށް ދިޔައިމާ ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެނީ. ހައްދު ފަހަނައަޅާ ވަރަށް ބާރު ލިބުނީމަ، މިސާލަކަށް މަޖިލިސްވެސް މެޖޯރިޓީ، ސުޕަރ މެޖޯރިޓީއާ އެއްކޮށް ލިބުނީ ދެއްތޯ ރައީސް ކަމަށް ވަޑައިގެންނެވި ފަހުން. އެހެންވީމަ ވަކި ވަރަކަށް ބާރު ލިބުނީމަ އެމީހަކު އަމަލު ކުރާނެ ގޮތެއް ކުރިޔަކުންނެއް ނޭނގޭނެ. އެހިސާބަށް ދިޔައިމަ ހަޤީޤަތުގައި ޤާނޫނަށް ކިހާ ވަރަކަށްތޯ ބައްލަވަނީ، ހުރުމަތްތެރިކޮށް ހިއްތަވަނީ، މިކަންކަން އެނގޭނީ ވަކި ކަހަލަ ހާލަތްތަކަކަށް އެމީހަކު ދިޔައިމަ އެމީހަކު އަމަލް ކުރާނެ ގޮތްތަކެއް އެނގޭނީ" ޔުމްނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޔުމްނާ ވަނީ ވެރިކަންކުރާ ޕީޕީއެމް ޤާނޫނީ ހުސްކަމަކަށް ގޮސްފައިވާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: މުޙައްމަދު ޒާހިރު
- ކޮމެންޓް