ކ. މާލެ
|
23 ޖެނުއަރީ 2018 | އަންގާރަ 21:37
ފަން އައިލެންޑުން ބަނގުރަލާ އޫރުމަސް ގެންދަނީ
ފަން އައިލެންޑުން ބަނގުރަލާ އޫރުމަސް ގެންދަނީ
މުހައްމަދު ޝަރުހާން
ފަން އައިލެންޑުން މުދާ ފޭރުން
ރިސޯޓުން މުދާ ފޭރުނީ ކޯޓު އަމުރެއްނެތިކަން ކަށަވަރުވެއްޖެ: ވިލާ ގުރޫޕް
ބަނގުރާތައް ގެންދާކަށް ކޯޓުން އަމުރެއް ދީފައެއް ނުވޭ
އަމުރަކާ ނުލައި ގެންދިއުމަކީ ފޭރުން
ބަނގުރާ ވިއްކުމުގެ ހުއްދަ ނެތް ކަމަށް ބުނުމަކީ ހަމަ ޖެހޭ ވާހަކައެއް ނޫން

ކްރިމިނަލް ކޯޓުން ދޫކޮށްފައިވާ ބަލައިފާސްކުރުމުގެ އަމުރެއް ތަންފީޒުކުރުމުގެ ނަމުގައި، ދައުލަތުގެ ބައެއް މުވައްޒަފުން ވިލާގެ ރިސޯޓަށް އަރައި ޤާނޫނާ ޚިލާފަށް މުދާ ފޭރިގަނެފައިވަނީ އެކަމަށް ކޯޓުއަމުރެއްގެ ބާރު ލިބިގެން ނޫންކަމަށް ކަށަވަރުވެފައިވާކަމަށް ވިލާޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ބުނެފިއެވެ.

އެކުންފުނީގެ ޤާނޫނީ ވަކީލުންގެ ޓީމުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުން ދޫކޮށްފައިވާ ބަލައިފާސްކުރުމުގެ އަމުރެއް ތަންފީޒުކުރުމުގެ ނަމުގައި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ނިސްބަތްވާ 37 ފަރާތަކާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ނިސްބަތްވާ 7 ފަރާތަކުން ފަން އައިލެންޑް ރިޒޯޓަށް އެރުމަށް ކްރިމިނަލް ކޯޓުން ބަލައިފާސްކުރުމުގެ އަމުރެއް ދޫކޮށްފައިވަނީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ކޮށްފައިވާ ތުހުމަތަކާ ގުޅިގެން ހެއްކާ ޤަރީނާ ހޯދުމަށް ރިޒޯޓު ބަލައިފާސްކުރުމަށް ކަމަށެވެ. ނަމަވެސް ކޮށްފައިވާ ތުހުމަތަކާ ގުޅިގެން އެއްވެސް ހެއްކެއް ހޯދުމަށް ރިޒޯޓަށް އެރި ތަޙްޤީޤު ޓީމުން މަސައްކަތްކޮށްފައެއް ނުވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އޭގެ ބަދަލުގައި ފަން އައިލެންޑް ރިޒޯޓަށް އެރި ތަޙްޤީޤު ޓީމުން ކޮށްފައިވާ މަސައްކަތަކީ ރިޒޯޓުގައި އެވަގުތު ހުރި ބަނގުރާގެ ސްޓޮކް ރަށުން ބާލައިގެން ގެންދިއުމުގެ މަސައްކަތް ކަމަށް ޤާނޫނީ ވަކީލުންގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

ވިލާއިން ބުނީ ކްރިމިނަލް ކޯޓުން ދޫކޮށްފައިވަނީ ބަލައިފާސްކުރުމުގެ އަމުރެއް ކަމަށެވެ. ނަމަވެސް ބަލައިފާސްކޮށް ހެކި ހޯދުމުގެ ބަދަލުގައި، ފަންއައިލެންޑް ރިޒޯޓުގެ ސްޓޯރގައި ހުރި ބަނގުރާ ކޭސްތައް ކަސްޓަމްސްގެ އޮފިސަރުން ނަގައިގެން ގެންދިޔައީ ކްރިމިނަލް ކޯޓުގެ އަމުރުގެ ދަށުން ނޫންކަން ވެސް މިހާރު ވަނީ ޔަޤީންކުރެވިފައި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެރިޒޯޓުގައި ހުރި ބަނގުރާ ނަގައިގެން ގެންދިއުމުގެ އަމުރެއް ކްރިމިނަލް ކޯޓުން މުދާ ނަގައިގެން ގެންދިއުމުގެ އަމުރެއް ދިނުމަށް ކަސްޓަމްސްއިން ކްރިމިނަލް ކޯޓުގައި އެކި ފަހަރު މަތިން އެދުމުންވެސް ހުއްދަދީ އެފަދަ އަމުރެއް ކަސްޓަމްސްއަށް ދީފައެއްނުވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ. މުދާ ނެގުމުގެ ހުއްދައަކަށް ކޯޓުގައި ކަސްޓަމްސްގެ ފަރާތުން ތަކުރާރުކޮށް އެދުނީ  ބަލާ ފާސްކުރުމުގެ އަމުރެއްގެ ދަށުން ފަން އައިލެންޑް ރިޒޯޓުގެ މުދާ ނުހިފޭއްޓޭނެކަން ޚުދު އެއިދާރާއިންވެސް ޤަބޫލުކުރާތީކަން ސާބިތުވެގެންދާތީ ކަމަށް ވިލާއިން ވަނީ ބުނެފައެވެ.

އެކުންފުނީ ބުނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ތަޙްޤީޤު ކުރަމުންދާކަމަށް ބުނާ މައްސަލައަކީ ރޯޔަލް އައިލެންޑް ރިޒޯޓުގެ ނަމުގައި ދޫކުރި ބަނގުރާ ފަންއައިލެންޑް ރިޒޯޓަށް ގެންދިޔަކަމަށް ތުހުމަތުކުރާ މައްސަލައެއް ކަމަށާއި ރޯޔަލް އައިލެންޑް ރިޒޯޓާއި ފަންއައިލެންޑް ރިޒޯޓަކީވެސް ބަނގުރާ އެތެރެކުރުމާއި ބަނގުރާ ގެންގުޅުމާއި ބަނގުރާ ވިއްކުމަށް ދައުލަތުގެ އިދާރާތަކުން ހުއްދަ ދީފައިވާ ދެރިޒޯޓް ކަމަށެވެ. ނަމަވެސް ކަސްޓަމްސްގެ ތަޙްޤީޤު ޓީމުން ފަންއައިލެންޑަށް އަރާ، ކުންފުނީގެ މުދާ ގެންދިޔައިރު މިއިން އެއްވެސް ހުއްދައެއް ކަމާބެހޭ އެއްވެސް އިދާރާއަކުން ބާޠިލުކޮށް ނުވަތަ ސަސްޕެންޑް ކޮށްފައެއްނުވާ ކަމަށް ވިލާ ކުންފުނިން ވަނީ ބުނެފައެވެ.

ބަނގުރަލަކީ ޚާއްޞަ ހުއްދައެއްގެ ދަށުން އެތެރެކެރެވޭ އަދި ގެންގުޅެ ވިއްކޭ އެއްޗަކަށް ވެފައި ރޯޔަލް އައިލެންޑް ރިޒޯޓާއި ފަންއައިލެންޑް ރިޒޯޓަށް ލިބިފައިވާ ބަނގުރާ އެތެރެކުރުމާއި ގެންގުޅެ ވިއްކުމުގެ ހުއްދަތައް ސައްހަކަންމަތީ އޮތްއިރު ފަންއައިލެންޑް ރިޒޯޓަށް ބަނގުރާ އެތެރެކޮށްފައިވަނީ، ޤަވައިދާ ޚިލާފަށްކަމަށް ސަރުކާރުން ބުނާ ބުނުމަކީ ޤާނޫނީގޮތުން ހަމަޖެހޭ ވާހަކައެއްނޫން ކަމަށާއި އަދި، ބަނގުރާ އެތެރެކުރުމާއި ވިއްކުމާއި، ގެންގުޅުމުގެ ހުއްދަ އޮތް ފަރާތަކަށް ބަނގުރާ ދޫކުރުން ކަސްޓަމްސްއިން ހުއްޓާލުމަކީ، ހުއްދަ އޮތް ފަރާތަށް ހުއްދައިގެ ދަށުން ލިބޭ އެއްވެސް ޙައްޤެއް ބޭނުންކުރުން މަނާވެގެންދާނެ ކަމެއް ނޫން ކަމަށް ވިލާއިން ވަނީ ބުނެފައެވެ.

"މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުން ކްރިމިނަލް ކޯޓަށް ދޮގު މަޢުލޫމާތު ދީގެން އަމުރެއް ހޯދައި އަދި އެއަމުރުން ވެސް ނުލިބޭ ބާރެއް ބޭނުންކޮށް، ފަންއައިލެންޑް ރިޒޯޓުގައި ހުރި މިކުންފުނީގެ މުދާ ގެންދިޔަ ގެންދިއުމަކީ، ދިވެހިރާއްޖޭގެ ޤާނޫނުތަކުން ތަޖްރީމްކޮށްފައިވާ ފޭރުމުގެ ޢަމަލެކެވެ. އެކަން ކުރި ބަޔަކު އެކަން ކޮށްފައިވަނީ، ޤާނޫނުތަކާ ޚިލާފަށް ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތާމެދު ކުޑަނަމަވެސް ވިސްނުންތެރިކަމެއް ނެތި، ދިވެހިރާއްޖޭގެ އިޤްތިޞާދު ނުރައްކަލާއި ބިރުވެރިކަމުގެ ތެރެއަށް ވައްދުވާފައެވެ. ދިވެހިންގެ އެންމެ ޚާއްޞަ މެހެމާނުންކަމުގައިވާ ފަތުރުވެރިންގެ ހިތްތަކުގައި އުފެދިދާނެ ނުތަނަވަސްކަމާއި ބިރުވެރިކަމަށް ފަރުވާލެއް ނެތި، ދުނިޔޭގެ ކުރިމަތީގައި ދިވެހިންގެ އަގު ވައްޓާލާފައެވެ. މީގެ އިތުރުން، ފާއިތުވި 2 އަހަރުދުވަހުގެ  ތެރޭގައި ސަރުކާރުން މިކުންފުންޏަށް ޤަޞްތުގައި ކުރި މަތިކުރުވަމުން ގެންދާ ދަތިތަކާއެކު، ނުހަނު އުނދަގުލުގައި  ވިޔަފާރިކުރަމުންދަނިކޮށް، ދިވެހި ސަރުކާރުގެ ފަރާތުން ހިންގި ޤާނޫނާ ޚިލާފު މިޢަމަލުގެ ސަބަބުން މިކުންފުންޏަށް ދަނީ ފޫ ނުބެދޭވަރު ބޮޑެތި ގެއްލުންތަކެއް ލިބެމުން" ވިލާގެ ޤާނޫނީ ޓީމުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

އެކުންފުނިން ބުނީ ޤާނޫނާ ޚިލާފަށް މުދާ އަނބުރާ ހޯދުމުގެ މައްސަލައާއި، ރޯޔަލް އައިލެންޑްއަށް ސަރުކާރުން ދޫކޮށްފައިވާ ބަނގުރާ އެތެރެ ކުރުމުގެ ލައިސަންސް ސަސްޕެންޑްކުރި މައްސަލަ މިކުންފުނީގެ ފަރާތުން މިހާރު ވާނީ ކޯޓަށް ހުށަހަޅާފައި ކަމަށާއި މިޖަރީމާގައި ޢަމަލީގޮތުން ޝާމިލްވި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 37 ފަރާތުގެ މޯލްޑިވްސް ޕޮލިސް ސަރވިސްގެ 7 ފަރާތުގެ މައްޗަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މިހާރު ވާނީ މައްސަލަ ހުށަހަޅާފައި ކަމަށެވެ. އަދި އެފަރާތްތަކުގެ ލިސްޓެއްވެސް ވިލާ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
23 ޖެނުއަރީ 2018 | އަންގާރަ 22:00
އަހަ
raajje annan boatah aran doktarun hudhdha eh nudhin Germany ah dhiyaee hingaafabaa.. mikahala makaruverin thedheh hadhaanetha. Minoosthah support kuraameenge vaahaka hadhaanee efaraathah rangalhuvaa gothah