ކ. މާލެ
|
23 ޖެނުއަރީ 2018 | އަންގާރަ 15:46
ގޮނޑި ގެއްލުނު ކަމަށް ބުނާ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ
ގޮނޑި ގެއްލުނު ކަމަށް ބުނާ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ
ރާއްޖެ އެމްވީ
ތިމަރަފުށީ މުސްތަފާ
ގޮނޑި ގެއްލުނު ކަމަށް ރިޕޯޓް ކުރާނަމަ މީޑިއާތަކަށް ދައުވާ ކުރާނަން: މުސްތަފާ
މިއަދަކީ މެމްބަރުން އެސްސީއަށް ވަޑައިގަންނަވާ 8 ވަނަ ދުވަސް

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ބުނާ މެމްބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނޫން ކަމަށް ބުނެ، ރިޕޯޓް ކުރާ މީޑިއާތަކާ ދެކޮޅަށް ދައުވާ ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

ގޮނޑި ގެއްލުނު ކަމަށް ބުނާ މައްސަލާގައި ސާފު ނިޔާއެއް ކަނޑައަޅައި ދިނުމަށް އެދި، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެއްވެސް ނިންމުމެއް ނިންމާފައި ނުވާތީ އިދިކޮޅު މަޖިލީހުގެ މެމްބަރުން އަންގާރަ ދުވަހު ވެސް ވަނީ ސުޕްރީމް ކޯޓަށް ވަޑައިގެންފައެވެ. އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލު ކުރެއްވުމަށް އެ ބޭފުޅުން ކޯޓަށް ވަޑައިގަންނަވާ މިއީ އަށް ވަނަ ދުވަހެވެ.

ސުޕްރީމް ކޯޓުން ނުކުމެވަޑައިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އަންގާރަ ދުވަހު މުސްތަފާ ވިދާޅުވީ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އެއްވެސް ތަނަކަށް ކަނޑައަޅާފައި ނުވާ ކަމަށެވެ. އަދި އެފަދަ ނިންމުމެއް ނިންމޭނެ ތަނަކީ ސުޕްރީމް ކޯޓު ކަމަށާއި ސުޕްރީމް ކޯޓުން އެކަމުގައި ގޮތެއް ނުނިންމަނީސް މެމްބަރުންތަކެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އެއްވެސް މުއައްސަސާއަކަށް ނުބުނެވޭނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

ޕާޓީ ބަދަލުކުރާ މެމްބަރުންނާއި ޕާޓީތަކުން ވަކިކުރާ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން، އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ. އެ މެމްބަރުންނަކީ ޕީޕީއެމް ދޫކުރައްވައި އިދިކޮޅު ފަރާތްތަކާ ގުޅުނު މެމްބަރުންނެވެ.

މުސްތަފާ ވިދާޅުވީ އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލާގައި ސުޕްރީމް ކޯޓުން ނިޔާއެއް ކަނޑައަޅަންދެން އެ ކޯޓަށް ވަޑައިގަންނަވާނެ ކަމަށާއި އެ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ވަކިވަކިން ބައްދަލު ކުރުމަށް އެދުމުން، މިހާތަނަށް އެ ކޯޓުން ޖަވާބެއް ދީފައިނުވާ ކަމަށް ވެސް މުސްތަފާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް