އެމްޑީޕީގެ އޮފީހާއި ޖޭޕީގެ މައި އޮފީސް މ. ކުނޫޒު ބަލައި ފާސްކުރުމަށް ފުލުހުން ކޯޓް އަމުރެއް ނެރިފައިވާކަމަށް ޕާޓީތަކުން ބުނެފި އެވެ.
މިކަމާ ގުޅޭ ގޮތުން ފުުލުހުންގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ، އެ ޕާޓީގެ އޮފީހާއި ކުނޫޒަށް ވަނުމަށް ކޯޓު އަމުރެއް ފުލުހުން ހޯދި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ފުލުހުން މިގޮތަށް އަމަލުކުރަމުން ގެންދަނީ އަނަސް ވިދާޅުވި ގޮތުގައި ގާނޫނުތަކުގެ އިމުން ބޭރުންނެވެ. އަދި މިކަމުގެ މަގުސަދަކީ ވެސް ސިޔާސީ ހަރަކާތްތަކަށް ހުރަސް އަޅައި ބިރު ދެއްކުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވީ ފުލުހުން ކިތަންމެ ވަރަކަށް ބަލައި ފާސްކުރިޔަސް ކުނޫޒުން ގާނޫނާ ހިލާފު އެއްޗެއް ނުފެންނާނެ ކަމަށެވެ.
"މީގެ ކުރިން ވެސް ފުލުހުން މިތަން ބަލައި ފާސްކުރި. އަދިވެސް އަޅުގަނޑުމެން މަރުހަބާ ކިޔަން މިތަން ބަލައި ފާސްކުރުމަށް. ގާނޫނާ ހިލާފު ކަމެއް ނުފެންނާނެ،" ސަމީރު ވިދާޅުވި އެވެ.
 
                             
                        
                
    
 
                     
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
