ކ. މާލެ
|
22 ޖެނުއަރީ 2018 | ހޯމަ 21:55
އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ
އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ރިޔާސީ އިންތިހާބު 2018
ގާނޫނުގައި ބުނާ މުއްދަތުގައި އިންތިޚާބު ބާއްވާނެ ކަމަށް ނުބެލެވޭ: އިބޫ
ވާދަވެރިން ޖަލަށް ލާނެ
އިދިކޮޅު ކެންޑިޑޭޓް ވަރުބަލިކޮށްލަން އިންތިހާބު ދިގު ދަންމާނެ
ނަމަވެސް، މިނިވަން އިންތިހާބެއް ހޯދައި، ރައީސް ޔާމީން ބަލިކުރެވޭނެ

ގާނޫނުތަކުގައި ބުނެފައިވާ މުއްދަތުގައި ރިޔާސީ އިންތިޚާބު ބާއްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، ރައީސް އަބްދުﷲ ޔާމީން ވާދަކުރައްވާނަމަ އިންތިޚާބު އޮޅުވާލާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި އިބޫ ވިދާޅުވީ "އިންތިޚާބު ބާއްވަފާނެ" ކަމަށާއި ނަމަވެސް "ގާނޫނު އަސާސީއާއި ގާނޫނުތަކުގައި ބުނާ މުއްދަތުގެ ތެރޭގައި [އިންތިޚާބު] ބާއްވަފާނެ ކަމަށް ޝައްކު" ކަމަށެވެ.

މިގޮތަށް މިކަން ކޮށްފާނެ ކަމަށް ގަބޫލު ކުރެއްވެނީ އިބޫ ވިދާޅުވި ގޮތުގައި، ރައީސް އަބްދުﷲ ޔާމީން އަމަލުކުރައްވާފައިވާ ގޮތުންނެވެ. އަންނަ ރިޔާސީ އިންތިހާބުގައި އެ ރައީސް ޔާމީން ވާދަ ކުރައްވާނަމަ، ވާދަވެރިން ވަރުބަލިކޮށް، އަދި ކެމްޕޭނަށް ކުރާ ހޭދަ ހުސްކޮށް ނުލައި އިންތިހާބަކަށް ދާނެ ކަމަށް ނުބެއްލެވޭ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. ރައީސް ޔާމީން މަސައްކަތް ކުރައްވަނީ އެމަނިކުފާނުގެ ވާދަވެރިން ދުއްވާލުމަށް ކަމަށާއި އެ މަނިކުފާނާ ވާދަކޮށްފާނެ ކޮންމެ ބޭފުޅަކު ވެސް ހައްޔަރުކޮށް ޖަލަށްލާނެ ކަމަށް ވެސް ގަބޫލު ކުރެއްވޭ ކަމަށް އިބޫ ވިދާޅުވި އެވެ. 

ރައީސް ޔާމީން މޮޅުވުމަށްޓަކައި އިންތިހާބު އޮޅުވާނުލާނެ ކަމަށް ވެސް ނުބެއްލެވޭ ކަމަށާއި ނަމަވެސް އިންތިހާދުން ނުކުމެ އޮތީ މިނިވަން އިންތިޚާބެއް ހޯދުމަށް ކަމަށާއި އެކަން ކާމިޔާބު ވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. މިނިވަން އިންތިޚާބެއް ހޯދައި، އިއްތިހާދުގެ ކެންޑިޑޭޓަށް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން ވެސް އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

 

މި ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތަކަށް ބަލާލި ނަމަވެސް، އިންތިޚާބެއް އޮޅުވާ ނުލައި ދޫކޮށްލާނެ ކަމަށް ނުބެލެއްވޭ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. އައިއެމްއެޗްގެ 25 ބުރީގެ އިމާރާތާއި ބްރިޖާއި އެއާޕޯޓްގެ މަޝްރޫއުއިން ވެސް ބައެއް ފަރާތްތަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެ ކަމަށާއި ނަމަވެސް އެ މަޝްރޫއުތަކުގެ ފަހަތުގައި ވަނީ ކޮރަޕްޝަނާއި ވައްކަން ކަމަށް އިބޫ ވިދާޅުވި އެވެ.  

އިއްތިހާދުން މިވަގުތު އެންމެ ބޮޑަށް އަމާޒު ހިފާފައިވަނީ އިބޫ ވިދާޅުވި ގޮތުގައި މިނިވަން އިންތިޚާބެއް ހޯދުން ކަމަށާއި އެއަށަފަހު ދެން ބަލާނީ ރައީސް ޔާމީން އެންމެ ފަސޭހައިން ބަލި ކުރެވޭނެ ކެންޑިޑޭޓެއް ނެރުމަށެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް