ކ. މާލެ
|
22 ޖެނުއަރީ 2018 | ހޯމަ 16:37
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އިސްމާއީލް ހަބީބު އާއި އިދިކޮޅު ސިޔާސީ ފަރާތްތަކުން ބައްދަލު ކުރައްވަނީ
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އިސްމާއީލް ހަބީބު އާއި އިދިކޮޅު ސިޔާސީ ފަރާތްތަކުން ބައްދަލު ކުރައްވަނީ
ޓްވިޓަރ
މަޖިލިސް މެމްބަރުންގެ މައްސަލަ
ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުންނާ އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ހަބީބު ބައްދަލުކުރައްވައިފި
އިދިކޮޅު ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް ވަނީ ހިއްސާކޮށްފައި
ކޮމިޝަނުގެ މެމްބަރުންނާ އެވާހަކަތައް ހިއްސާ ކޮށްދެއްވާނެ ކަމަށް ހަބީބު ވިދާޅުވި
އިއްޔެ ވަނީ ހަތަރު ލީޑަރުންގެ ސިޓީއެއް ވެސް ކޮމިޝަނަށް ހުށައަޅާފައި

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާތީ، އެކަމުގައި ހުރި ކަންބޮޑުވުންތައް އިލެކްޝަންސް ކޮމިޝަނަށް ހިއްސާކުރެއްވުމަށް ގުޅިފައިވާ އިދިކޮޅު ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެންނެވުމުން، އެކޮމިޝަނުގެ މެމްބަރު އިސްމާއީލް ހަބީބު އަބްދުއްރަހީމް އެ ބޭފުޅުންނާ ބައްދަލު ކުރައްވައިފިއެވެ.

ގުޅިފައިވާ ސިޔާސީ ފަރާތްތަކުން ވަނީ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ކޮން ގާނޫނެއްގެ ކޮން މާއްދާއަކާ ހަވާލާދީފައިތޯ ސުވާލުކޮށްފައެވެ. އަދި މަޖިލިސް މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅުމުގެ ބާރު ލިބިގެން ވަނީ ގާނޫނުއަސާސީގެ ދަށުން ސުޕްރީމް ކޯޓަށް ކަމަށާއި އިލެކްޝަންސް ކޮމިޝަނުން އެގޮތަށް ނިންމުމުން މަޖިލީހަށް އެ މެމްބަރުންނަށް ވަދެވަޑައިގެން ގާނޫނީ ޒިންމާ އަދާކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތި ވެފައިވާކަން މި ބައްދަލުވުމުގައި އެފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. އަދި 60،000 އަށްވުރެ ގިނަ ރައްޔިތުން ތަމްސީލްކުރާ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމަކީ ދިވެހި ރައްޔިތުންގެ އެތައް ބައެއްގެ ހައްގުތަކެއް ގެއްލިގެންދިޔަ ކަމެެއް ކަމަށް ވެސް ގުޅިފައިވާ އިދިކޮޅު ސިޔާސީ ވިދާޅުވެފައި ވެއެވެ. 

އެހެންކަމުން މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ކުރިން މިމައްސަލަ ހައްލު ކޮށްދެއްވައި، ގޮނޑި ގެއްލިފަިވާ ކަމަށް ބުނާ މެމްބަރުންނަށް މަޖިލީހުގައި އެ މެމްބަރުން އަދާކުރަންޖެހޭ ގާނޫނީ ޒިންމާ އަދާކުރުމުގެ ފުރުސަތު ހޯއްދަވައިދެއްވުމަށް އެދޭ ކަމަށް ވެސް ހަބީބު އަރިހުގައި އެ ބޭފުޅުން ދެންނެވިއެވެ. 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްފަރާތްތަކުން ވިދާޅުވީ އެވާހަކަތައް ހިއްސާ ކުރެއްވުމަށް ފަހު އެ ވާހަކަތައް ކޮމިޝަނުގެ މެމްބަރުންނާ ހިއްސާ ކޮށްދެއްވުމަށް އެދިފައިވާނެ ކަމަށާއި އަދި ކޮމިޝަނުގެ މެމްބަރުންނާ އެވާހަކަތައް ހިއްސާ ކޮށްދެއްވާނެ ކަމަށް ހަބީބު ވެސް ވިދާޅުވެފައިވާ ކަމަށް ގުޅިފައިވާ ސިޔާސީ ފަރާތްތަކުގެ އިސް ބޭފުޅުން ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އިސްމާއީލް ހަބީބު އަބްދުއްރަހީމްއާ ގުޅިފައިވާ އިދިކޮޅު ސިޔާސީ ފަރާތްތަކުން ބައްދަލު ކުރައްވަނީ 

އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ 12 މެމްބަރުންގެ ތެރެއިން މިވަގުތު މާލޭގައި ތިއްބެވި މެމްބަރުން ވަނީ އާދިއްތަ ދުވަހު ވެސް އެކޮމިޝަނަށް ވަޑައިގެން އެ ކޮމިޝަނުގެ މެމްބަރުންނާ ބައްދަލު ކުރެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ކޮމިޝަނުގެ މެމްބަރުންނާ ބައްދަލު ކުރެއްވުމަށް އެދި ސިޓީއެއް ވެސް ވަނީ ހުށަހަޅުއްވާފައެވެ. 

ގުޅިފައިވާ ސިޔާސީ ފަރާތްތަކުގެ ހަތަރު ލީޑަރުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވި ސިޓީގެ ޖަވާބު ލިބިފައިވާއިރު، އެ ސިޓީގައި ވަނީ ކޮމިޝަނުގެ މެމްބަރުންގެ ބައްދަލުވުމަކަށް އެކަން އެޖެންޑާ ކުރައްވާނެ ކަމަށާއި، ކޮމިޝަނުން ވަގުތެއް ކަނޑައެޅިހާ އަވަހަކަށް ޖަވާބެއް އަރުވާނެ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް