ކ. މާލެ
|
22 ޖެނުއަރީ 2018 | ހޯމަ 13:03
ޔުމްނާއާއި ފިރިކަލުން ނަދީމް އިތުރު ބަޔަކާއެކު ހައިކޯޓުގެ ބޭރުގައި
ޔުމްނާއާއި ފިރިކަލުން ނަދީމް އިތުރު ބަޔަކާއެކު ހައިކޯޓުގެ ބޭރުގައި
މުހައްމަދު ޝަރުހާން
ފާރިސްގެ އިސްތިއުނާފް
ފާރިސްގެ އިސްތިއުނާފުގެ މައްސަލަ ދިގު ދެމިގެންދާތީ ހައި ކޯޓުގެ އިސްގާޒީއާ ބައްދަލުކުރައްވަން ޔުމްނާ އެދިވަޑައިގެންފި
ފާރިސް ބަންދުގައި ހުންނަވާތާ ހަ މަސް ދުވަސް ވަނީ
އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ނިންމާލިތާ ދެ މަހަށް ވުރެ ގިނަ ދުވަސް
ބެންޗަށް ބަދަލުތަކެއް ގެނައި، އެ އިޖުރާއަތު ގާނޫނީ އުސޫލުތަކާއި ޚިލާފު ކަމަށް ވަކީލުން ވިދާޅުވޭ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ އިސްތިއުނާފު މައްސަލައިގައި ގޮތެއް ނުނިމި ދިގުލައިގެންދާތީ، ހައިކޯޓުގެ އިސްގާޒީއާ ބައްދަލުކުރައްވަން، ފާރިސްގެ ދައްތަ ޔުމްނާ މައުމޫން އެދިވަޑައިގަންނަވައިފި އެވެ.

ޔުމްނާ ސޮއިކުރައްވައި ހައިކޯޓަށް އާދިއްތަ ދުވަހު ފޮނުއްވި ސިޓީއެއްގައިވާ ގޮތުގައި، ފާރިސްގެ މައްސަލަ އިސްތިއުނާފަށް ހުށަހެޅިތާ ހަ މަސް ދުވަސް ވާއިރުވެސް މައްސަލަ ނިމިފައިނުވާތީ އާއިލާގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އެހެންކަމުން، އެކަންތައްތަކާއި ގުޅިގެން ވީހާވެސް އަވަހަކަށް ހައިކޯޓުގެ އިސްގާޒީ އަބްދުﷲ ދީދީއާ ބައްދަލުކުރުމަށް ފުރުސަތެއް ހަމަޖައްސައި ދިނުމަށް ޔުމްނާ އެދިވަޑައިގަންނަވާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ރިޝްވަތު ދެއްވި ކަމަށް ބުނެ ފާރިސް ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި 18 ވަނަ ދުވަހު އެވެ. ޖެހިގެން އައި ދުވަހު އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުން، އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ފާރިސް ހައްޔަރުކުރުމަށް ނެރުނު އަމުރާއި ޝަރީއަތް ނިމެންދެން ބަންދުކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ ޖުލައި މަހުގެ 25 ވަނަ ދުވަހު އެވެ. 

ފާރިސްގެ އިސްތިއުނާފު މައްސަލައިގެ ވަކި ހިސާބަކުން، އެ މައްސަލަ ބައްލަވަމުން ގެންދެވި ބެންޗަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ފުރަތަމަ މައްސަލަ ބައްލަވަމުން ގެންދެވީ، ހައިކޯޓުގެ އިސްފަނޑިޔާރު އަބްދުﷲ ދީދީ އާއި، ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު ޢަބުދުއް ރައޫފް އިބްރާހީމް ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ. އެހެން ނަމަވެސް، ހުކުމް އިއްވުމާ ހަމައަށް ގޮސްފައިވަނިކޮށް ފަނޑިޔާރު ސަމީރު ރިޔާސަތު ބެލެހެއްޓެވި ބެންޗުން އޭނާ ބޭރުކޮށް، ފަނޑިޔާރު ޝުޖާއު އުސްމާން ވަނީ ބެންޗުގެ ރިޔާސަތަށް ހަމަޖައްސަވާފަ އެވެ.

ފަނޑިޔާރު ޝުޖާއު އުސްމާން ރިޔާސަތު ބެލެހެއްޓެވި ބެންޗުން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުގައި މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައެވެ. އަޑުއެހުންތައް ނިންމާލިތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ހުކުމް ނުއިއްވައި ގިނަ ދުވަސްތަކެއް ފާއިތުވަނީ ކޮން ސަބަބަކާއި ގުޅިގެން ކަމެއް ނޭނގެ އެވެ. މިކަމާއި ގުޅޭގޮތުން ހައިކޯޓުން އެއްވެސް އެއްޗެއް ނުބުނެ އެވެ.

ބެންޗަށް ބަދަލު ގެނައީ، މީގެ ކުރިން ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަކާއި ގާނޫނީ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފަށް ކަމަށް ބުނެ ފާރިސްގެ ފަރާތުން ބެންޗު ބަދަލުކުރި މައްސަލަ ސުޕްރީމް ކޯޓުގެ ބެލެނެވެރިކަމުގެ އިހުތިސާސްގެ މައްސަލައެއްގެ ގޮތުގައި އެ ކޯޓަށް ހުށަހެޅި އެވެ.

އެ މައްސަލައިގައި ސުޕްރީމް ކޯޓުން އޮކްޓޯބަރު 10 ވަނަ ދުވަހު ނިންމި ނިންމުމުގައި ވަނީ، ފާރިސްގެ ފަރާތުން ހުށަހަޅާ އެ ދަފްއުއަކީ ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ފާރިސްގެ ފަރާތުން އެ ދަފްއު ހުށަހަޅައިފި ނަމަ، އެ އިޖުރާއަތުގެ ސައްޙަކަން ނުވަތަ ނޫން ކަން ގާނޫނީ ސަބަބާއެކު އެ ކޯޓުން ކަނޑައަޅައި މައްސަލައިގައި ފައިސަލާ ކުރަންޖެހޭ މައްސަލައެއް ކަމަށްވާތީ އެގޮތުގެ މަތިން އަމަލުކުރަންޖެހޭ މައްސަލައެއް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ ވާހަކަ ހައިކޯޓުގައި ދެންނެވިފައިވާ ކަމަށެވެ.

އޮކްޓޯބަރު 31 ވަނަ ދުވަހު މި މައްސަލައިގައި ބޭއްވި އަޑުއެހުމުގައި، އިސްފަނޑިޔާރު އަބްދުﷲ ދީދީ ބެންޗު ބަދަލުކުރެއްވި އިރު، އަބްދުﷲ ދީދީ އިންނަވައިގެން ބެންޗަށް ބަދަލު ގެނެސްފައިވާ އިޖުރާއަތުގެ ސައްހަކަން ނުވަތަ ނޫންކަން ކަނޑަނޭޅޭނެ ކަމަށް ބުނެ ފާރިސްގެ ފަރާތުން ވަކާލާތު ކުރި އެވެ. އެހެންނަމަވެސް، އިސްފަނޑިޔާރު އަބްދުﷲ ދީދީ އިންނެވި ބެންޗުގެ އިއްތިފާގުން ނިންމީ، އަބްދުﷲ ދީދީ އިންނަވައިގެން އިޖުރާއަތުގެ ސައްހަކަން ނުވަތަ ނޫންކަން ކަނޑައެޅޭނެ ކަމަށެވެ. އެއަށްފަހު ބެންޗަށް ގެނެސްފައިވާ އިޖުރާއަތު ސައްހަ ކަމަށް ކަނޑައަޅައި، އެ ބެންޗުން މައްސަލަ ބެލޭނެ ކަމަށް ވެސް ކަނޑައެޅި އެވެ.

ބެންޗަށް ބަދަލު ގެނައި އިޖުރާއަތުގެ ސައްޙަކަން ނުވަތަ ނޫން ކަން ގާނޫނީ ސަބަބާ އެކު ހައިކޯޓުން ކަނޑައަޅަންވާނެ ކަމަށް ސުޕްރީމް ކޯޓުން އަންގާފައި އޮތް ނަމަވެސް، އިޖުރާއަތު ސައްހަ ކަމަށް ކަނޑައެޅި ގާނޫނީ ސަބަބުތަކެއް ހާމަކޮށްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް