ކ. މާލެ
|
22 ޖެނުއަރީ 2018 | ހޯމަ 12:37
ފަން އައިލެންޑް ރިސޯޓްގައި ހުރި ބަނގުރާތައް ކަސްޓަމްސް އިން ގެންދަނީ
ފަން އައިލެންޑް ރިސޯޓްގައި ހުރި ބަނގުރާތައް ކަސްޓަމްސް އިން ގެންދަނީ
ފަން އައިލެންޑް
ވިލާގެ ރިސޯޓްތަކަށް އެރުން
ވިލާގެ ރިސޯޓްތަކަށް އެރި 37 މީހުންގެ މައްސަލަ ހުށަހަޅަނީ
ވިލާއިން ބުނާ ގޮތުގައި އެއީ ފޭރުން
ކަސްޓަމްސް އިން ބުނާ ގޮތުގައި ގާނޫނާ ހިލާފު ކަމެއް ނުކުރޭ

ވިލާގެ ރިސޯޓްތަކަށް އެރި ކަސްޓަމްސް އާއި ފުލުހުން އަދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) 37 މުވައްޒަފުންގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅުމަށް އެ ކުންފުނިން ނިންމައިފިއެވެ.

ވިލާގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ހުސައިން ޝަމީމް ވިދާޅުވި ގޮތުގައި މި 37 މުވައްޒަފުން ވިލާގެ ރިސޯޓްތަކަށް އެރީ އަދި ފަން އައިލެންޑް ރިސޯޓްގައި ހުރި ބަނގުރާ ސްޓޮކް ގެންދިޔައީ ގާނޫނާ ހިލާފަށެވެ.

"އެހެންވެ، ޕޮލިހަށް މި ހުށަހަޅަނީ ފޭރުމުގެ މައްސަލައެއްގެ ގޮތުގައި، އަދި އެންއައިސީ އަށް ހުށަ މި އަޅަނީ އެއީ ޕޮލިހުންނާއި ކަސްޓަމްސް އަދި މީރާއިން ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ބުނެ،" ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވި ގޮތުގައި ގާނޫނުލް އުގޫބާތުގައި ބުނާ ގޮތުގައި މުދަލުގެ ވެރިފަރާތުގެ ރުހްމަކާ ނުލައި މުދާ ގެންދިއުމަކީ ފޭރުމެވެ. ފަން އައިލެންޑް ރިސޯޓުން ބަނގުރާ ގެންދިޔައީ ކޯޓް އަމުރެއް ނެތި، އަދި އެ މުދަލުގެ ވެރިފަރާތުގެ ވެސް ރުހުމެއް ނެތި ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވެ، ފުލުހުންނާއި ކަސްޓަމްސްގެ ބޭފުޅުންނަށް [ފަން އައިލެންޑް ރިސޯޓްގައި] އަޅުގަނޑު ދެންނެވިން، ނޯޓިސް ދިނިން ތިކުރަނީ ގާނޫނާ ހިލާފު ކަމެކޭ، ތީ މުދާ ފޭރުމޭ. ކޮންމެ ބޭފުޅެއްގެ މައްޗަށް ވެސް ވަކިވަކިން ދައުވާ ކުރާނެ ކަމުގެ އިންޒާރު ވެސް ދިނިން،" ޝަމީމް ވިދާޅުވިއެވެ.

ކަސްޓަމްސްއިން ބުނެފައި ވަނީ ވިލާގެ ރިސޯޓްތަކުގައި ހުރި ބަނގުރާ، އެ އޮފީހުން ބެލުމުގެ ދަށަށް ގެންދަނީ ކޯޓް އަމުރާއި ޖިނާއީ އިޖުރާއަތާ އެއްގޮތަށް ކަމަށެވެ. ނަމަވެސް ޝަމީމް ވިދާޅުވީ ކޯޓް އަމުރުގައި ރިސޯޓްތަކުގައި ހުރި ބަނގުރާ ގެންދިއުމުގެ ވާހަކަ ނެތް ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް