ކ. މާލެ
|
22 ޖެނުއަރީ 2018 | ހޯމަ 11:54
ހޯމަ ދުވަހު ކޮލަމްބޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވާހަކަ ދައްކަވަނީ
ހޯމަ ދުވަހު ކޮލަމްބޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވާހަކަ ދައްކަވަނީ
ރާއްޖެ އެމްވީ
ރައީސް ނަޝީދު
އެއްބައިވަންތަަކަމުގެ ސަރުކާރެއް ދެމެހެއްޓުމަށް ގާނޫނު އަސާސީ އިސްލާހު ކުރާނަން: ރައީސް ނަޝީދު
އެއް ކެނޑިޑޭޓް ހޮވޭ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ބޮޑު އަޣްލަބިއްޔަތެއް އޮންނާނެ
އިއްތިހާދުގެ ސަރުކާރެއް ހިފަހެއްޓޭނެ ގޮތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރިއަށްދޭ
ގާނޫނާ ޚިލާފު އިންތިހާބެއް ފަސޭހަކަމާއެކު ބޭއްވިޔަ ނުދޭނަން

ގިނަ ޕާޓީތައް ހިމެނޭ އިއްތިހާދުގެ ސަރުކާރުތައް ރޫޅިގެންދަނީ ގާނޫނީ ފަރުވާއެއް ނެތުމުން ކަމަށާއި އެހެންކަމުން، އިއްތިހާދުގެ ސަރުކާރެއް ކާމިޔާބުކުރަން ގާނޫނު އަސާސީއަށް އިސްލާހު ގެންނަންޖެހޭ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގްވާމީ މީޑިއާތަކާއެކު ސްރީ ލަންކާގައި ހޯމަ ދުވަހު ރައީސް ނަޝީދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ރާއްޖެއެމްވީ" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ގުޅިފައި އޮންނަ ސަރުކާރެއް ކާމިޔާބުކުރަން ގާނޫނު އަސާސީއަށް އިސްލާހު ގެންނަންޖެހޭ ކަމަށާއި އިއްތިހާދު ރޫޅޭ ވަގުތު ސަރުކާރު ވެސް ރޫޅެންޖެހޭނެ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހަމައެކަނި މަޝްވަރާ ކުރަނީ އެއް ކެނޑިޑޭޓަކާގުޅޭ ގޮތުން ނޫން ކަމަށާއި، އިއްތިހާދެއްގެ ސަރުކާރެއް ހިފަހެއްޓޭނެ ގޮތަކާމެދު ވެސް މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މިފަހަރު އަޅުގަނޑުމެން ނިކުންނައިރު ނިކުންނާނީ ގާނޫނު އަސާސީއަށް ގެންނަންޖެހޭ ބަދަލުގެ އިސްލާހާއި ވެސް އެކުގައި،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އިއްތިހާދުގެ ސަރުކާރެއް ރޫޅިގެން ދިއުމަށް ޖާގަނުދޭންވީ ކަމަށާއި އިއްތިހާދު ރޫޅިގެންދަނީ އެކަމަށް ގާނޫނީ ފަރުވާއެއް ނެތުމުން ކަމަށެވެ. 

"އިންތިހާބަށް މި އަންނަނީ އިއްތިހާދަކުން، ރައްޔިތުން ވޯޓް ދެނީ އިއްތިހާދަކަށް، އެހެން ނަމަވެސް ސަރުކާރަށް ވަޑައިގެންފައި މި އިއްތިހާދު ރޫޅި ދަނީ، ދިޔައީމާ ސަރުކާރެއް ނުރޫޅޭ، އަޅުގަނޑަށް ހިޔެއް ނުވޭ އެއީ ގާނޫނީ ގޮތުންވެސް އަދި އާންމު އާދައިގެ ވިސްނުމުން ވެސް ދެކޮޅުޖެހޭ ވާހަކައެއް ހެންނެއް، އަޅުގަނޑުމެން ދެކޭ ގޮތުގައި މި އިސްލާހު ގެނެވިގެން އެ ބަދަލު ގެނެވޭނީ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އިދިކޮޅު ޕާޓީތަކުގެ ކެނޑިޑޭޓް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ދުވަހު ގާނޫނު އަސާސީއަށް ބަދަލު ގެންނަންޖެހޭނެ ކަމަށާއި، އެ ދުވަހު އުފެދޭ ސަރުކާރު ދިފާއި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ "މާބޮޑު" އަޣްލަބިއްޔަތެއް އޮންނާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، އެ ދެ ބޭފުޅުން ވެސް އިންތިޚާބު ބޮއިކަޓް ކުރައްވަން ބޭނުންފުޅުނުވާ ކަމަށެވެ. ރިޔާސީ އިންތިހާބުގައި އެއް ކެނޑިޑޭޓަކު ނެރެން އެއްބަސްވެފައިވާކަން ފާހަގަކުރެއްވި އެވެ.

ރައީސް ނަޝީދު، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވީ ކޯލިޝަނަކާއެކުގައެވެ. ނަމަވެސް، ސަރުކާރުގެ ފުރަތަމަ އަހަރުތެރޭގައި އެ ކޯލިޝަން ރޫޅުނެވެ. ހަމައެގޮތަށް، ރައީސް އަބްދުﷲ ޔާމީން ވެސް، 2013 ގެ އިންތިހާބު ކާމިޔާބު ކުރެއްވީ ކޯލިޝަނަކާއެކުގަ އެވެ. އެހެން ނަމަވެސް، ރައީސް ޔާމީންގެ ސަރުކާރަށް ވެސް ދެ އަހަރު ނުވަނީސް ކޯލިޝަން ވަނީ ރޫޅިފައެވެ. 

ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ރައީސް ނަޝީދު ވިދާޅުވީ އިންތިހާބުތަކުގައި މިހާތަނަށް ވައްކަން ކުރެވިފައިހުރީ 10-15 އިންސައްތަ ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެކަން އެއަށްވުރެ ބޮޑަށް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން މޮޅުވާން މިޖެހެނީ އެހެންވީމާ 70-80 ޕަސެންޓް، އެ ޕަސެންޓް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހޯދާނަން، ތެދަށް ކެނޑީމައި މޮޅުވާ ވަރަށް އަޅުގަނޑުމެން އިރާދަކުރެވިއްޔާ މޮޅުވާނަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން، ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވެވޭނެ ފުރުސަތު ހޯއްދަވައި ދެއްވުމަށް އެދި، އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލައިގައި މިއަހަރުގެ މާޗް މަހުގެ ތެރޭގައި އދ. އިން ގޮތެއް ނިންމާނެ ކަމަށެވެ.

ޕްރެސް ކޮންފަރެންސްގައި ރައީސް ނަޝީދު ވާހަކަ ދައްކަވަނީ

އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އދ. އިން ހޯއްދަވައި ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި، އދ. ގެ ނިންމުން ވެގެންދާނީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ތަބާވާންޖެހޭނެ ނިންމުމަކަށް ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ފަރާތުން 2016 ވަނަ އަހަރުގެ އޮކްޓޯބަރުގައި އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކޮމެޓިއަށް އެ މައްސަލަ ހުށަހަޅާފައި ވަނީ، މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާ (އައިސީސީޕީއާރް)ގެ ދަށުންނެވެ. އެގޮތުން އެ މައްސަލައިގައި ވަނީ، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގުތައް ބަޔާންކޮށްފައިވާ އައިސީސީޕީއާރް 25 ވަނަ މާއްދާއާއި، 28 ވަނަ މާއްދާގެ އިތުރުން 22 ވަނަ މާއްދާއާ ދިވެހި ސަރުކާރުން ޚިލާފުވެފައިވާ ކަމަށެވެ.

 

ރައީސް ނަޝީދު ވިދާޅުވީ އދ. އިން ނިންމާ ގޮތަށް ރައީސް ޔާމީން އަމަލުނުކުރައްވަފާނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެފަދަ ހާލަތެއްގައި ގުޅިފައިވާ ޕާޓީތަކުން އެއް ކެނޑިޑޭޓް ނެރެގެން ރައީސް ޔާމީން ބަލިކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ވާދަކުރެއްވުމުގެ ފުރުސަތު ނުދެއްވައި، ގާނޫނާ ޚިލާފަށް އިންތިހާބު ބާއްވަން ރައީސް ޔާމީން މަސައްކަތް ކުރައްވާނަމަ، ފަސޭހަކަމާއެކު އެފަދަ އިންތިހާބެއް ބޭއްވިޔަ ނުދެއްވާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިޚާބު ބޮއިކަޓް ނުކުރައްވަވާނެ ކަމަށާއި ޑިމޮކްރަސީއަށް ދިވެހި ރައްޔިތުން ކުރަމުންދާ އުންމީދު ގެއްލިގެންދިޔަ ނުދެއްވާނެ ކަމަށެވެ. ގާނޫނީ ވެރިކަމަަކަށާއި ރައްޔިތުން އިޚްތިޔާރުކުރާ ވެރިޔަކު ހޮވުމުގެ ހައްގު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް