ކ. މާލެ
|
22 ޖެނުއަރީ 2018 | ހޯމަ 10:41
މަހާ ޖައްރާފު ބޭނުން ކޮށްގެން ށ. ޅައިމަގު ގިރާ ސަރަހައްދާ ދިމާލުން ވެލި ނަގަނީ
މަހާ ޖައްރާފު ބޭނުން ކޮށްގެން ށ. ޅައިމަގު ގިރާ ސަރަހައްދާ ދިމާލުން ވެލި ނަގަނީ
މުހައްމަދު ފަޒީން
ފުނަދޫ އެއާރޕޯޓް
ފުނަދޫ އެއާރޕޯޓް އެޅުމަށް ޅައިމަގު ގިރާ ސަރަހައްދު ކައިރިން ވެލި ނަގާތީ ރައްޔިތުން ކަންބޮޑުވެއްޖެ!
ށ. ޅައިމަގު ގިރާ ސަރަހައްދަށް މިދިޔަ ޑިސެމްބަރު މަހު އުދަ އެރުމުގެ ސަބަބުން ވެސް ބޮޑެތި ގެއްލުންތަކެއްވި
އެސަރަހައްދަކީ މަސްވެރިން އެންދެމުމަށާއި ފަރުމަސް ބޭނުމަށް ބޭނުންކުރާ ސަރަހައްދެއް
ވެލި ނަގަން ފަށާފައި ވަނީ މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން

ށ. ފުނަދޫ އެއާރޕޯޓް އެޅުމަށްޓަކައި ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެ އަތޮޅު ޅައިމަގު ގިރާ ސަރަހައްދާ ވަރަށް ކައިރިން ވެލި ނަގަމުންދާތީ ޅައިމަގު ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

"ރާއްޖެއެމްވީ"އަށް ވާހަކަ ދެއްކި ޅައިމަގު ބައެއް ރައްޔިތުން ބުނީ އެރަށަކީ ބޮޑު ފަޅެއް ނެތް އަދި ވަށާ ތޮށި ވެސް ލާފައިނުވާ ރަށެއް ކަމަށާއި އެރަށުން އެންމެ ބޮޑަށް ގިރާ ސަރަހައްދާ ވަރަށް ކައިރިން އެމްޓީސީސީގެ މަހާޖައްރަފު ބޭނުންކޮށްގެން އެ ސަރަހައްދުން ވެލި ނަގަމުންދާ ކަމަށެވެ.

ޅައިމަގު މީހުން ބުނީ ހާއްސަކޮށް އެރަށަކީ މަސްވެރި ރަށެއް ކަމުން އެންދެމުމަށާއި ފަރުމަހުގެ މަސްވެރިކަމަށް ބޭނުން ކުރަމުންދާ އެސަރަހައްދުން ވެލި ނެގުމަކީ މަސްވެރިން ވެސް ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެމީހުން ބުނީ މަހާ ޖައްރާފު ބޭނުން ކޮށްގެން ވެލި ނަގަނީ އެރަށުގެ ގިރާ ސަރަހައްދާ ކައިރިން ކަނޑުގެ ސަރަހައްދެއްގައި ނަމަވެސް އެއީ އެހާ ފުން ކަނޑެއް ނޫން ކަމަށެވެ. އެހެންކަމުން އެކަމުގެ ގެއްލުންތައް ކުރިއަށް އޮތްތަނުގައި ރަށަށް ފޯރުމަކީ ވަރަށް ބޮޑަށް ބެލެވޭ ކަމެއް ކަމަށް ވެސް ރައްޔިތުން ބުނެއެވެ.

އެމީހުން ބުނީ ޅައިމަގު ކައުންސިލް އިދާރާއަށް އެކަމުގެ ޝަކުވާ ހުށަހަޅާފައިވާ ކަމަށާއި ކައުންސިލުން ވެސް އެކަމުގެ މައުލޫމާތު އޮޅުން ފިލުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ޅައިމަގު ގިރާ ސަރަހައްދާ ކައިރިން ވެލި ނަގަނީ ފުނަދޫ އެއާރޕޯޓް އެޅުމަށް ބިން ހިއްކުމުގެ މަޝްރޫއުގެ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އޭއައިއޭ) ރިޕޯޓްގައިވާ ގޮތަށްތޯ މިހާތަނަށް ކައުންސިލުން ކުރި މަސައްކަތުން އޮޅުންފިލާފައި ނުވާ ކަމަށް ވެސް ރައްޔިތުން ބުނެއެވެ.

އެމީހުން ބުނީ ރަށު ކައުންސިލުން ފުނަދޫ ކައުންސިލަށް ގުޅުމުން، އެ މަޝްރޫއު ހިންގަމުންދަނީ އީއައިއޭ ރިޕޯޓްގައިވާ ގޮތަށް ކަމަށް ބުނެފައިވާ ކަމަށާއި ނަމަވެސް އެއީ ގަބޫލުކުރެވޭ ކަމެއް ކަމަށް ނުވާތީ އެންވަޔަރަމަންޓް މިނިސްޓްރީއަށް މިކަމުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހިއްސާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް ޅައިމަގު ގިރާ ސަރަހައްދު ކައިރިން ވެލި ނަގަނީ އީއައިއޭ ރިޕޯޓުގައިވާ ގޮތަށް ކަމާއި އަދި އެކަމުގެ ސަބަބުން ރަށަށް އެއްވެސް ގެއްލުމެއް، ނުވަތަ ނޭދެވޭ އަސަރެއް ކުރާނެކަން ނުވަތަ ނުކުރާނެކަން މިހާތަނަށް މިނިސްޓްރީން ހާމަކޮށްދީފައި ނުވާ ކަމަށް ވެސް ރައްޔިތުން ބުނެއެވެ.

"ރާއްޖެއެމްވީ"އާ ވާހަކަ ދެއްކި ޅައިމަގު ބައެއް ރައްޔިތުން ބުނީ ފުނަދޫގައި އެއާރޕޯޓް އެޅުމަކީ ޅައިމަގު ރައްޔިތުން ވެސް އުފާކުރާ ކަމެއް ކަމަށާއި އެއްބާރުލުން ވެސް ލިބޭނެ ކަމަށެވެ. ނަމަވެސް ޅައިމަގު ގިރާ ސަރަހައްދާ އެހާ ކައިރިން ވެލި ނެގުމަކީ ކުރިއަށް އޮތްތަނުގައި އެރަށަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށް ފެންނަ ކަމަށާއި އަދި މަސްވެރިންނަށް ވެސް އެކަމުގެ ގެއްލުންތައް ލިބޭނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.

ޅައިމަގު މީހުން ބުނީ މަހާޖައްރާފު ބޭނުންކޮށްގެން އެ ރަށު ގިރާ ސަރަހައްދު ކައިރިން ވެލި ނަގަން ފެށީ މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ޅައިމަގު ރައްޔިތުން ބުނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ދިމާވި އުދަ އެރުމުގެ ހާދިސާގައި ވެސް އެރަށުގެ ގިރާ ސަރަހައްދަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

މިކަމާ ގުޅޭ މައުލޫމާތު ހޯދުމަށް އެންވަޔަރަމަންޓް މިނިސްޓްރީ އާއި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގުޅުނު ނަމަވެސް މައުލޫމާތު ލިބޭ ގޮތް ވަނީ ނުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
22 ޖެނުއަރީ 2018 | ހޯމަ 15:12
Moosa
Rangalhu muloomaathu fethurun edhen