ކ. މާލެ
|
20 ޖެނުއަރީ 2018 | ހޮނިހިރު 15:36
ގާސިމްގެ ރިސޯޓެއް ބަލާފާސްކުރަން ކަސްޓަމްސްއާއި ފުލުހުން އަރަނީ
ގާސިމްގެ ރިސޯޓެއް ބަލާފާސްކުރަން ކަސްޓަމްސްއާއި ފުލުހުން އަރަނީ
މުހައްމަދު ޝަރުހާން
ވިލާ ގްރޫޕްގެ ރިސޯޓްތައް
ގާސިމްގެ ރިސޯޓްތަކުގައި ފުލުހުން ހަރަކާތްތެރިވަނީ އޮޕަރޭޝަންގެ ސެކިއުރިޓީ ބެލެހެއްޓުމަށް: ޕޮލިސް
މިއީ ކަސްޓަމްސްގެ އެދުމުގެ މަތިން ނެރެފައިވާ ބަލާފާސް ކުރުމުގެ އަމުރެއް
އަމުރު ނެރެފައި ވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ރޭ 01:30ގައި، އަމުރުގެ މުއްދަތަކީ ފަސް ދުވަސް
ބަލާފާސްކުރަން ދީފައިވަނީ ޖުމްލަ 18 ގަޑިއިރު

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރި ވެރިޔާ ގާސިމް އިބްރާހީމްގެ ރިސޯޓްތަކުގައި ފުލުހުން ހަރަކާތްތެރި ވަނީ މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ އެދުމުގެ މަތިން ސެކިއުރިޓީ ބެލެހެއްޓުމަށް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކަސްޓަމްސްގެ ފަރާތުން ހިންގަމުންދާ އޮޕަރޭޝަނެއްގައި ކަސްޓަމްސްގެ ފަރާތުން ފުލުހުންގެ އެހީތެރިކަން ހޯދުމަށް އެދިފައިވާތީ މި އޮޕަރޭޝަންގެ ސެކިއުރިޓީގެ ކަންތައްތައް ފުލުހުން ބަލަހައްޓައި ދެމުންދާ ކަމަށެވެ. 

ހޮނިހިރު ދުވަހު މެންދުރު ކަސްޓަމްސްގެ އޮފިސަލުން ވަނީ ފުލުހުންނާއެކު ކޯޓު އަމުރެއްގެ ދަށުން ގާސިމްގެ ފަސް ރިސޯޓަށް އަރާފަ އެވެ. މިދިޔަ ބުދަ ދުވަހުގެ ރޭގައި ވެސް ކަސްޓަމްސް އިން ވަނީ ފުލުހުންނާއެކު ގާސިމްގެ ރިސޯޓްތަކަށް އަރާފަ އެވެ. އެ އަމުރުގެ ދަށުން ބަލާފާސްކުރަން ދިން 18 ގަޑި އިރު ހަމަވެފައިވާތީ، އަލުން އާ އަމުރަކާއެކު ހޮނިހިރު ދުވަހު މިވަނީ ގާސިމްގެ ރިސޯޓްތަކަށް އަރާފަ އެވެ. 

މިހާރު ހިންގާ އޮޕަރޭޝަނަށް ކްރިމިނަލް ކޯޓުން އަމުރު ދޫކޮށްފައި ވަނީ ގާސިމްގެ ފަަސް ރިސޯޓެއް ބަލާ ފާސްކުރުމަށެވެ. މި އަމުރު ދޫކޮށްފައި ވަނީ މިމަހުގެ 19 ވަނަ ދުވަހުގެ 01:30 ގައި، ކުރިން ވެސް އަމުރު ދޫކުރެއްވި ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް އެވެ. 

މި އަމުރުގެ ބާރު ހިނގާނީ އަމުރު ނެރުނު ވަގުތުން ފެށިގެން ފަސް ދުވަހުގެ މުއްދަތަށެވެ. ރިސޯޓްތައް ބަލާ ފާސްކުރުމަށް ދީފައިވާ ވަގުތަކީ ބަލާފާސްކުރާ ކޮންމެ ދުވަހެއްގެ ހެނދުނު 06:00 އިން ފެށިގެން ދުވާލާއި ރޭގަނޑު ހިމެނޭގޮތަށް ޖުމްލަ 18 ގަޑިއިރެވެ. 

ކަސްޓަމްސްއިން ގާސިމްގެ ރިސޯޓްތައް ބަލާފާސްކުރަނީ ބަނގުރަލުގެ މައްސަލައަކާއި ގުޅިގެންނެވެ.

ވިލާގެ ބައެއް ރިސޯޓްތަކަށް ފުލުހުންނާއި ކަސްޓަމްސް އޮފިޝަލުން ހިމެނޭގޮތަށް 16 މީހުން އަރާފައިވެއެވެ. އަދި ބައެއް ރިސޯޓްތަކުގެ ބޭރުގައި ފުލުހުންގެ ބައެއް އުޅަނދުތައް ވެސް ހަރަކާތްތެރިވަމުން އެބަދެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް