ކ. މާލެ
|
20 ޖެނުއަރީ 2018 | ހޮނިހިރު 14:56
ކުރީގެ ރައީސް މުހައްމަދު ނަޝީދު، ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަނީ
ކުރީގެ ރައީސް މުހައްމަދު ނަޝީދު، ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަނީ
އަޒުމޫން އަހުމަދު
ރައީސް ނަޝީދު ލަންކާގައި
ރިޔާސީ އިންތިޚާބާ ގުޅޭ މުހިންމު ވާހަކަތަކެއް ހިއްސާ ކުރެއްވުމަށް ރައީސް ނަޝީދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ!
ރައީސް ނަޝީދު ނޫސްވެރިންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވަނީ ޖެނުއަރީ 22 ގައި
ރިޔާސީ އިންތިޚާބުގެ އިތުރުން ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން ވާހަކަ ދައްކަވާނެ
އިދިކޮޅު ފަރާތްތަކުން ދަނީ ސްރީލަންކާގައި މުހިންމު މަސައްކަތްތަކެއް ކުރަމުން

މިއަހަރުގެ ރިޔާސީ އިންތިޚާބާއި ގުޅޭ މުހިންމު ވާހަކަތަކެއް ހިއްސާ ކުރެއްވުމަށް ރައީސް ނަޝީދު ސްރީލަންކާގައި ނޫސްވެރިންނާ ބައްދަލު ކުރެއްވުމަށް ތައްޔާރުވެއްޖެއެވެ.

ރާއްޖެއެމްވީ އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ގުޅޭ މުހިންމު ވާހަކަތަކެއް ހާމަކުރެއްވުމަށް ރައީސް ނަޝީދު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުން ތާވަލްކޮށްފައި ވަނީ އަންނަ ހޯމަ ދުވަހަށެވެ.

ކޮޅުނބުގެ ތާޖް ސަމުދްރާ ހޮޓެލްގައި ބާއްވާ މިބައްދަލުވުމުގައި މިނިވަން އިންސާފްވެރި އަދި ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭ ރިޔާސީ އިންތިޚާބަކަށް އޮތް ފުރުޞަތުތަކާއި، ރާއްޖޭގެ ސިޔާސީ މަޝްރަޚާއި އިދިކޮޅު ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކެވުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ރާއްޖޭގެ ސިޔާސީ މަޝްރަޚާ ގުޅޭ މުހިންމު ގިނަ މަސައްކަތްތަކެއް އަވަށްޓެރި ލަންކާގައި ކުރަމުންދާއިރު، ފާއިތުވި ހަފްތާތަކުގައި އިދިކޮޅު ފަރާތްތަކުން ވަނީ ލަންކާގައި ތިބޭ ބޭރުގެ ސަފީރުންނާ ބައްދަލުކޮށްފައެވެ.

އިދިކޮޅު ފަރާތްތަކާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު އެމެރިކާ އިން ރާއްޖެ އާއި ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި ވަނީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންނަށް އެމީހުންގެ އިންތިޚާބީ ޒިންމާ އަދި މަސްއޫލިއްޔަތު އަދާ ކުރުމަށް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވޭނެ އިންތިޒާމްތައް ފަހިކޮށްދިނުން މުހިންމު ކަމަށް ވިދާޅުވެފައެވެ.

އިނގިރޭސިވިލާތުން ރާއްޖެ އާއި ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ވަނީ، 2018 ވަނަ އަހަރަކީ ރާއްޖޭގެ ޑިމޮކްރެސީ އަށް ބޮޑު އަހަރެއް ކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް އެބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރުމުގެ ފުރުޞަތު ނަގާލާފައިވާތީ އެކަމުގެ ކަންބޮޑުވުން ހިއްސާ ކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ.

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައިވާ ގޮތުން މިހިނގާ ރިޔާސީ ދައުރުގެ މުއްދަތު މިއަހަރުގެ ނޮވެމްބަރު މަހު ހަމަވާއިރު، އޭގެ ކުރިން ރިޔާސީ އިންތިޚާބު ބާއްވައި، ރައީސަކު އިންތިޚާބު ކުރަން ޖެހެއެވެ. އިންތިޚާބު ގާތްވެފައިވާއިރު، އިދިކޮޅު ގިނަ ލީޑަރުންނަށް އިންތިޚާބުގައި ވާދަކުރެއްވޭނެ ކަމުގެ ކަށަވަރުކަން ލިބިފައެއް ނުވެއެވެ. އެމްޑީޕީގެ ލީޑަރު އަދި ކުރީގެ ރައީސް ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އަށް ޖަލު ހުކުމެއް އިއްވާފައިވާއިރު، ޤާނޫނު އަސާސީ އަށް ގެނެސްފައިވާ އިސްލާހާއެކު ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށްވެސް ރިޔާސީ ރޭހަށް ނުކުންނެވުމުގެ ފުރުޞަތު ވަނީ ބަންދުވެފައެވެ. މީގެ އިތުރުންވެސް ސިޔާސީ ގިނަ ފަރާތްތަކަކަށް ޖަލު ހުކުމެއް އިއްވާފައިވާއިރު، ސިޔާސީ ބައެއް ފަރާތްތަކުގެ ޝަރީއަތްތައް އަދިވެސް ދަނީ ކުރިއަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް