ކ. މާލެ
|
19 ޖެނުއަރީ 2018 | ހުކުރު 12:03
ޕްރެޑައިޒް އައިލެންޑް ރިސޯޓުގެ މެނޭޖަރު އަބްދުﷲ ފަތުހީ ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަނީ
ޕްރެޑައިޒް އައިލެންޑް ރިސޯޓުގެ މެނޭޖަރު އަބްދުﷲ ފަތުހީ ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަނީ
ރާއްޖެ އެމްވީ
ވިލާ ގްރޫޕު
ސަރުކާރުން އުޅެނީ ރިސޯޓު ހިންގުން ހުއްޓުވަން: ޕްރެޑައިޒް
ބަނގުރާ ދޫކުރާ ތަންތަން ފިޔަވައި އެހެން ތަންތަނަކަށް ނުގެންދެވޭނެ: ކަސްޓަމްސް

ކަސްޓަމުން ހިންގާ ތަހުގީގަކަށް ޕްރެޑައިޒް އައިލެންޑް ރިސޯޓުގައި ހުރި ރަލާއި އޫރު މަސްތައް އެ ރަށުން ގެންދަން އުޅެނީ އެ ރިސޯޓް ހިންގުން ހުއްޓުވަން ކަމަށް ތުހުމަތުކޮށްފިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ފަސް ރިސޯޓު ބަލާ ފާސްކުރަން ފެށީ ރޯޔަލް އައިލެންޑް ރިސޯޓަށް ދޫކުރި ބަނގުރާތަކެއް އެ ރިސޯޓާ ގުޅުން ހުރި އެހެން ރިސޯޓުތަކަށް ގެންގޮސްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައެވެ. ރޯޔަލް އައިލެންޑް ފިޔަވައި ގާސިމްގެ ހަތަރު ރިސޯޓު ކަމަށްވާ ސަން އައިލެންޑާއި ފަން އައިލެންޑާއި ހޮލިޑޭ އައިލެންޑް ރިސޯޓުގެ އިތުރުން ޕެރެޑައިޒް އައިލެންޑް ރިސޯޓުގައި ހުރި ބަނގުރަލާއި އޫރު މަސްތައް ގެންދިއުމަށް ކަސްޓަމްސް އިން ރޭ ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް ކަސްޓަމްސް އާއި ފުލުހުންގެ ޓީމުތައް އެ ރަށްތަކުން ބުރާސްފަތި ދުވަހުގެ ރޭ ވަނީ ފައިބައިފައެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ކަސްޓަމްސްގެ އޮޕަރޭޝަނާ ގުޅިގެން ރާއްޖެޓީވީގެ ނޫސްވެރިން ވަނީ ޕްރެޑައިޒް އައިލެންޑް ރިސޯޓަށް ގޮސް، އެ ޓީމުން އަމަލު ކުރި ގޮތް ބަލާފައެވެ. އަދި ރިސޯޓުގެ މެނޭޖުމަންޓާއި ވިލާ ގްރޫޕުގެ ގާނޫނީ ވަކީލުން ވަނީ އެ އޮޕަރޭޝަނާ ގުޅޭ ގޮތުން ރާއްޖެޓީވީއާ ވާހަކަ ދައްކާފައެވެ.

ޕްރެޑައިޒް އައިލެންޑް ރިސޯޓުގެ މެނޭޖަރު އަބްދުﷲ ފަތުހީ ވިދާޅުވީ އެ ރިސޯޓުގައި 700 އަށް ވުރެ ގިނަ ޓޫރިސްޓުން އެބަތިބި ކަމަށާއި އެ ރިސޯޓުގައި ތިބި ޓޫރިސްޓުންނަށް ދެމުންދާ ހިދުމަތަށް ބުރޫއަރާނެ ގޮތަށް ރިސޯޓުގައި ހުރި ތަކެތި ގެންގޮސްފި ނަމަ ފޫނުބެއްދޭނެ ވަރުގެ ގެއްލުމަކާ ކުރިމަތިލާންޖެހޭނެ ކަމަށެވެ.

ކަސްޓަމްސް އާއި ފުލުހުންގެ ޓީމު ޕްރެޑައިޒް އައިލެންޑް ރިސޯޓުން ފޭބުމާ އެކު ރާއްޖެޓީވީއާ ވާހަކަ ދައްކަވަމުން ފަތުހީ ވިދާޅުވީ ސަރުކާރުގެ މަގުސަދަކީ ބަހަނާއެއް ދައްކައިގެން ރިސޯޓުގެ ހިންގުން ހުއްޓުވުން ކަމަށެވެ. ރިސޯޓުގެ ތާރީހުގައި މިވަރުގެ ބޮޑު ކަމެއް އަދި ދިމާނުވާ ކަމަށާއި ކަސްޓަމްސް އާއި ފުލުހުންގެ އަމަލުތައް ހުރި ގޮތުން ޓޫރިސްޓުންނަށް ބިރާ ކުރިމަތިވެ، ނަސްފާނީ އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް ވެސް ފަތުހީ ވިދާޅުވިއެވެ.

"ހިދުމަތް ދެމުންދަނިކޮށް، އުޒުރެއް ދައްކައިގެން އެތަކެތި ގެންދިއުމުގެ އިންޓެންޝަނަކީ ރިސޯޓު ހުއްޓުވުން. އެ ނޫން ގޮތަކަށް މިކަން ނުވިސްނޭ،" ޕެރެޑައިޒް އައިލެންޑް ރިސޯޓްގެ މެނޭޖަރު ވިދާޅުވިއެވެ.

ކަސްޓަމްސް އިން ބުނެފައި ވަނީ ހަތަރު ރިސޯޓަކަށް ގަވާއިދާ ޚިލާފަށް ގިނަ އަދަދެއްގެ ބަނގުރާ ގެންގޮސް ބޭނުން ކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. ގާސިމްގެ އެ ހަތަރު ރިސޯޓަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭ ފައިސާ ގަވާއިދާ އެއްގޮތަށް ނުދައްކާތީ މިދިޔަ އަހަރުގެ މާޗްމަހުގެ 22 ވަނަ ދުވަހުން ފެށިގެން ކަސްޓަމްސް އިން ޚިދުމަތް ދިނުން މެދުކަނޑާލައި، ބަނގުރާ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ރިސޯޓްތަކެއް ކަމަށެވެ.

ކަސްޓަމްސްއިން ބުނީ ބަނގުރާ ދޫކުރެވޭ ތަންތަން ފިޔަވައި އެހެން ތަންތަނަށް ގަވާއިދާ ޚިލާފަށް ގެންދިއުމަކީ ބަނގުރާ ރާއްޖެއަށް އާއްމުވުމަށް ހުޅުވިގެންދާނެ ދޮރެއް ކަމަށެވެ. ނަމަވެސް ވަކީލުން ވަނީ އެއީ މަނާކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް