ކ. މާލެ
|
19 ޖެނުއަރީ 2018 | ހުކުރު 00:06
ފުލުހުންނާއި ކަސްޓަމްސް އޮފިޝަލުން ޕެރަޑައިސް އައިލެންޑުން މިރޭ ފައިބަނީ
ފުލުހުންނާއި ކަސްޓަމްސް އޮފިޝަލުން ޕެރަޑައިސް އައިލެންޑުން މިރޭ ފައިބަނީ
ރާއްޖެއެމްވީ
ވިލާގެ ރިސޯޓްތަކަށް އެރުން
ވިލާގެ ރިސޯޓްތަކުން ފުލުހުންނާއި ކަސްޓަމްސްއިން ފައިބައިފި، ބަނގުރަލާއި އޫރު މަހެއް ނުގެންދޭ!
ސަން އައިލެންޑާއި ޕެރަޑައިސް އައިލެންޑްގައި ހުރި ބަނގުރަލާއި އޫރުމަސް ގެންދަން އުޅުނު
ގުދަނުގެ ދޮރު ވައްޓާލާފައި ވެސް އެތަކެތި ގެންދާނެ ކަމަށް އިންޒާރު ދިން
ނަމަވެސް ތަކެތި ނުގެންދިޔައީ ކީއްވެގެން ކަމެއް ކަސްޓަމްސްއިން ހާމައެއް ނުކުރޭ

ވިލާ ގްރޫޕްގެ ސަން އައިލެންޑް ރިސޯޓާއި ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ހުރި ބަނގުރަލާއި އޫރުމަސް ގެންދިއުމަށް ކަސްޓަމްސް އިން މަސައްކަތް ކުރިއަސް، އެ ތަކެތި ނުގެންގޮސް އެ ދެ ރިސޯޓުން ފައިބައިފި އެވެ.

ކޯޓު އަމުރެއްގެ ދަށުން ވިލާގެ ފަސް ރިސޯޓެއް ކަސްޓަމްސްއި ފުލުހުން ފާސް ކުރަމުން ގެންދިޔައީ ރޯޔަލް އައިލެންޑަށް އެތެރެކުރި ބަނގުރާތަކެއް ވިލާގެ އެހެން ރިސޯޓަކަށް ގެންދިޔަ ކަމުގެ ތުހުމަތުގަ އެވެ. މިއީ ކުށެއް ކަމަށް ހަދައި ކޯޓް އަމުރެއްގެ ދަށުން ރިސޯޓްތައް ޗެކުރަމުން ދިޔަ ނަމަވެސް، ވިލާ ގްރޫޕުން ބުނަނީ ގާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަމަށެވެ.

ވިލާގެ ރިސޯޓްތައް ބަލައި ފާސްކުރުމަށް 18 ގަޑިއިރުގެ މުއްދަތު ދީފައިވާއިރު، ކޯޓް އަމުރުގައި ތުހުމަތުކޮށްފައިވާ އެއްވެސް ކުށެއް ނުދެއްކުނު ކަމަށް، ވިލާ ގްރޫޕްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ސަފާ ޝަރީފް ވިދާޅުވި އެވެ.

ޕެރަޑައިސް އައިލެންޑްގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސަފާ ވިދާޅުވީ ފުލުހުންނާއި ކަސްޓަމްސްއިން ބޭނުންވަނީ ބަނގުރަލާއި އޫރު މަސް ސްޓޮކް ގެންދިއުމަށް ކަމަށެވެ. ނަމަވެސް ގާނޫނާ އެއްގޮތަށް ކަންކަން ކޮށްފައިވާއިރު، އަދި ތުހުމަތުކުރި ކުށެއް ނުދެއްކި އެ ތަކެތި ނުގެންދެވޭނެ ކަމަށް ފުލުހުންނާއި ކަސްޓަމްސްއަށް ދެންނެވި ކަމަށް ސަފާ ވިދާޅުވި އެވެ.

ޕެރަޑައިސްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ފުލުހުންނާއި ކަސްޓަމްސްގެ އޮފިޝަލުން އެ ރިސޯޓުން ފޭބި ނަމަވެސް، ދޮރު ވައްޓާލާފައި ވެސް ގުދަނަށް ވަންނަންޖެހޭނެ ކަމަށް ކުރިން އިންޒާރު ދިން ކަމަށެވެ.

"އަޅުގަނޑުމެން ގާނޫނީ ނުކުތާތައް ނަގަން ފެށީމަ އެބޭފުޅާ [ކަސްޓަމްސްގެ އޮފިޝަލް] ވިދާޅުވި ތިމަންނަ މީ ގާނޫނީ މީހެއް ނޫނެ. އޮޕަރޭޝަންގެ މީހެކޭ،" އޮފިޝަލް ވިދާޅުވި އެވެ.

ޕެރަޑައިސްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ބަލައި ފާސްކުރުން ނިމުނީތޯ ފުލުހުންނާއި ކަސްޓަމްސްގެ އޮފިޝަލުންނަށް ދެންނެވުމުން ފުރައިގެން ދިޔައީ "މިވަގުތަށް ނިމުނީ" ކަމަށް ބުނެފަ އެވެ. ކޯޓް އަމުރުގައި ބުނެފައިވާ ގޮތުން ބަލައި ފާސްކުރުމަށް 18 ގަޑިއިރު ދީފައި އޮތަސް، ކޯޓް އަމުރުގެ މުއްދަތު 7 ދުވަހަށް ދެމި އޮންނާނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: މުޙައްމަދު ޒާހިރު
- ކޮމެންޓް