ކ. މާލެ
|
23 ޖެނުއަރީ 2018 | އަންގާރަ 10:39
ހާބަރު ފުޑްކޯޓުގައި ހައުސިން މިނިސްޓަރު މުއިއްޒު--
ހާބަރު ފުޑްކޯޓުގައި ހައުސިން މިނިސްޓަރު މުއިއްޒު--
ހައުސިންގް މިނިސްޓްރީ
ދުންފަތް ކޮންޓްރޯލް ކުރުން
އެސްޓީއޯ އިން ބޭނުންވީ ފުޑްކޯޓުގައި ސިނގިރޭޓް ހުއްދަކުރަން، އެކަމަކު ހުއްދައެއް ނުދިން
ހުއްދަ ނުދޭން ނިންމީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ބޯޑުން

މާލޭ ހުޅަނގުދެކުނު ހާބަރު ސަރަހައްދުގައި ތަރައްގީ ކުރާ ފުޑްކޯޓުތަކުގައި ސިނގިރޭޓް ބޮވޭ ގޮތަށް ހަދަން އެސްޓީއޯ އިން ނިންމާފައި ވިޔަސް، އެތަނުގައި ސިނގިރޭޓް ބުއިން ހުއްދަ ކުރެވެން ނެތް ކަމަށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ބޯޑުން އަންގައިފި އެވެ.

ރާއްޖެޓީވީއަށް އެނގިފައިވާ ގޮތުގައި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބޯޑުން އެގޮތަށް ނިންމާފައި ވަނީ ފުޑްކޯޓުތައް އިމާރާތްކޮށްފައިވާ ގޮތުން، ސިނގިރޭޓްގެ ދުމުގެ އަސަރު ގިނަ ބަޔަކަށް ކުރާނެތީއެވެ. ފުޑް ކޯޓުތައް ހަދާފައި ވަނީ މަތި ހިޔާކޮށްގެން ކަމަށް ވާތީ، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގައި ބުނާ މިންގަނޑަށް އެތަން ނުފެދޭތީ ކަމަށް އެ ބޯޑުން އެސްޓީއޯ އަށް ވަނީ އަންގާފައެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބޯޑަކީ ސަރުކާރުގެ ކަމާ ބެހޭ މިނިސްޓްރީތަކުން މަންދޫބުންނާއި ދުންފަތް ކޮންޓްރޯލު ކުރުމާ ބެހޭ ތަޖުރިބާކާރުންނާއި އާންމު ސިއްހަތުގެ ތަޖުރިބާކާރުންނާއި ތަކެތި ގަންނަ މީހުންގެ ހައްގުތަކާ ބެހޭ މީހުންގެ އިތުރުން މަދަނީ އަދި ވިޔަފާރި ޖަމްއިއްޔާތަކުގެ މަންދޫބުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. އެ ބޯޑުގެ ޗެއާ ކުރައްވަނީ ހެލްތު މިނިސްޓަރެވެ.

ފުޑް ކޯޓުތަކުގައި ދުންފަތުގެ އިސްތިއުމާ ކުރުމުގެ ހުއްދަ ނުދޭން ނިންމާފައި ވަނީ ދުންފަތުގެ އިސްތިއުމާލު ކުރެވޭ ގޮތަށް، އެތަނުން ބައެއް ތަންތަން ކުއްޔަން ދޫކުރަން އެސްޓީއޯ އިން ނިންމާފައި ވަނިކޮށެވެ. އެ މައްސަލާގައި ހެލްތު ޕްރޮޓެކްޝަންސް އެޖެންސީ (އެޗްޕީއޭ) އިސްނަގައިގެން އެސްޓީއޯއާ އެކު ވެސް މަޝްވަރާ ކުރިއެވެ. ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ފުޑްކޯޓުތަކަކީ ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ގޮތަށް ހުންނަ ތަންތަން ކަމަަށާއި އެފަދަ ތަންތަނުގެ މާހައުލު ވާންޖެހޭނީ ހުރިހާ އުމުރުފުރައަކަށް ވެސް ރައްކާތެރި ތަނެއްގެ ގޮތުގައި ކަމަށް އެޗްޕީއޭ އިން އެސްޓީއޯ އަށް ވަނީ ލަފާ ދީފައެވެ. އެޗްޕީއޭ އިން ޑިމާންޑް ކުރަމުން ދަނީ ހާބަރު ފުޑްކޯޓަކީ ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަނަކަށް ހެދުމަށެވެ.

ހާބަރު ފުޑްކޯޓު ސަރަހައްދު-- ފޮޓޯ/ ހައުސިން މިނިސްޓްރީ

ރާއްޖެއެމްވީން ބެލިބެލުމުން އެނގުނު ގޮތުގައި ކެފޭ، ހޮޓާ، ރެސްޓޯރެންޓްތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ހުއްދަ ދޭ އުސޫލަށް ހާބަރު ސަރަހައްދުގައި ހަދާ ފުޑްކޯޓުތައް ނުފެތެއެވެ. އެ ގަވާއިދުގައި ބުނާ ގޮތުން ކެފޭގައި ހިދުމަތް ދޭ ސަރަހައްދުގެ 400 އަކަފޫޓަކީ ކަސްޓަމަރުންނަށް ހިދުމަތް ދޭ ސަރަހައްދަށް ވާންޖެހޭނެއެވެ. ކެފޭގެ ދެބައިކުޅަ އެއްބަޔަށްވާ ސަރަހައްދުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ހުއްދަ ދޭނަމަ، އެތަނަކީ ހާމަކަން ބޮޑު ތަނަކަށް ވާންޖެހޭނެ ކަމަށާއި މަތި ހިޔާކޮށްފައިވާ ތަނަކަށްވެގެން ނުވާނެ ކަމަށް ބުނެފައިވެއެވެ.

ހާބަރު ސަރަހައްދުގެ ފުޑްކޯޓުތަކަކީ ޕާޓްޝަން ޖަހައިގެން ވަކިކޮށްފައިވާ ތަނަކަށް ނުވުމާއި ސަތަރި ދަމައިގެން ހިޔާކުރާ ތަނަކަށް ވާތީ، އެތަނަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ހުއްދަ ދެވޭ ތަނަކަށް ނުވެއެވެ. އެފަދަ ތަނެއްގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ހުއްދަ ދޭނަމަ، އެތަނުން ހިދުމަތް ހޯދާ ހުރިހާ އެންމެނަށް ދުންފަތުގެ އަސަރު ކުރާނެއެވެ.

އެކަމާ ގުޅޭ ގޮތުން އެސްޓީއޯގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ އެކަމާ ގުޅޭ ގޮތުން އެސްޓީއޯ އިން މީޑީއާއަށް ފަހުން މައުލޫމާތު ދޭނެ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް