ޤަތަރާ އެކު ގަލްފުގެ ޤައުމުތަކުން ގުޅުން ކަނޑާލާފައިވާ މި ދަނޑިވަޅުގައި، މިހަފްތާ ތެރޭގައި އަނެއްކާ ވެސް ޤަތަރާއި ޔޫއޭއީއާ ދެމެދު އުފެދައިވާ މައްސަލަތައް ވަނީ އިތުރަށް ހޫނުވެފައެވެ. ޤަތަރުގެ ވައިގެ ސަރަހައްދުން ދަތުރުކުރަނިކޮށް ޔޫއޭއީގެ ދެ މަތިންދާބޯޓަކަށް ޤަތަރުގެ ވައިގެ ސިފައިން ޖެއްސުން ކުރި ކަމަށް ބުނެ އައިކާއޯއަށް މައްސަލަ ހުށަހަޅާނެ ކަމަށް އޫއޭއީ އިން ބުނާއިރު، ޔޫއޭއީ އިން ޤަތަރުގެ ޝާހީ ޢާއިލާގެ ބޭފުޅަކު ހައްޔަރުކޮށްގެން އުޅޭ މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.
ޝައިޚް ޢަބްދުﷲ ބިން އަލީ އަލްޘާނީއަކީ ޤަތަރުގެ ކުރީގެ އަމީރު ޝައިޚް ޢަލީ ބިން ޢަބްދުﷲ އަލްޘާނީ ދަރިކަލެކެވެ. ޝައިޚް ޢަލީ ބިން ޢަބްދުﷲ އަލްޘާނީ ޤަތަރުގެ އަމީރުކަން ކުރެއްވީ 1960 ވަނަ އަހަރުން ފެށިގެން 1972 ވަނަ އަހަރާ ހަމަޔަށެވެ. އެހެން ނަމަވެސް 1972 ވަނަ އަހަރު ޝައިޚް ޢަލީ ބިން ޢަބްދުﷲ އަލްޘާނީ ވެރިކަމުން ދުރުކޮށް ޚަލީފާ ބިން ޙަމަދު އަލްޘާނީ ޤަތަރުގެ އަމީރުކަމާ ހަވާލުވެވަޑައިގަތެވެ. އޭގެ ފަހުގައި ޝައިޚް ޢަބްދުﷲ ބިން އަލީ އަލްޘާނީގެ އަޑު އިވެނީ ވަރަށް މަދުންނެވެ. އަދި ޝާހީ ޢާއިލާގެ ތެރޭގައި އެމަނިކުފާނުގެ މާބޮޑު ބާރުތަކެއް އޭގެ ފަހުގައި ނެތެވެ.
އެ އަށް ފަހު ޝައިޚް ޢަބްދުﷲ ބިން އަލީ އަލްޘާނީ އަނެއްކާ ވެސް ފެންމަތިވީ 2017 ވަނަ އަހަރެވެ. އަދި 2017 ވަނަ އަހަރުގެ ޖޫން މަހު ސަޢޫދީ ޢަރަބިއްޔާ އާއި އެކުވެރި ޢަރަބި ޢިމާރާތުން އިސްވެ އޮވެ ބަޙްރައިން އާއި މިޞްރާއި ދިވެހިރާއްޖެ އިން ޤަތަރާ އެކު އޮންނަ ސިޔާސީ ގުޅުން ކަނޑާލިއެވެ. އަދި ގަލްފުގެ ޤައުމުތަކުން ޤަތަރަށް ދެވެން އޮންނަ މަގުތައް އެޤައުމުތަކުން ބަންދުކޮށް، ސަރަހައްދީ ރޮނގު ވެސް ބަންދުކުރިއެވެ. އެއާ އެކު، ގަލްފުގެ ޤައުމުތަކުގެ ނިންމުމަށް މަރުހަބާ ވިދާޅުވެ، ޝައިޚް ޢަބްދުﷲ ބިން އަލީ އަލްޘާނީ ސަޢޫދީ އަދި ޔޫއޭއީގެ ޓީވީ ޗެނަލްތަކަށް އަރާވަޑައިގެން، ޤަތަރުގެ ޝާހީ ޢާއިލާއަށް ފާޑުވިދާޅުވެ، ގަލްފުގެ ޤައުމުތަކުގެ ނިންމުމަށް މަރުހަބާ ވިދާޅުވިއެވެ.
ޤަތަރުގެ މައްސަލައަށް އަށް މަހަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރު، މައްސަލައިގެ ކުރީކޮޅު ޝައިޚް ޢަބްދުﷲ ބިން އަލީ އަލްޘާނީ ޓީވީތަކުން ފެނުނު ނަމަވެސް، ފަހުން މާބޮޑަށް ޚަބަރެއް ނުވެއެވެ. އަދި އެ އަށް ފަހު އަނެއްކާ ވެސް ދެން ފެނުނީ މިދިޔަ އާދިއްތަ ދުވަހު ސޯޝަލް މީޑިއާއަށް ދޫކުރެއްވި ވީޑިއޯއަކާ އެކުއެވެ.
އެވީޑިއޯގައި ޢަރަބި ބަހުން ޝައިޚް ޢަބްދުﷲ ބިން އަލީ އަލްޘާނީ ވިދާޅުވީ އެމަނިކުފާނު އަބޫދާބީއަށް ވަޑައިގެންނެވީ ޔޫއޭއީގެ މެހުމާނެއްގެ ހައިސިއްޔަތުން ކަމަށާއި، އެހެން ނަމަވެސް މިހާރު ހުންނެވީ އެތަނުގައި ބަންދުވެފައި ކަމަށެވެ. އަދި އަބޫދާބީ އިން ބޭރަށް ވަޑައިނުގެންނެވޭނެ ކަމަށް އަބޫދާބީގެ ވަލީޢަހުދު މުޙައްމަދު ބިން ޒައިދު އަންގަވާފައިވާ ކަމަށެވެ. އަދި އެމަނިކުފާނަށް ކަމެއް ވެއްޖެ ނަމަ އެކަމުގެ ޒިންމާ ޤަތަރުގެ ރައްޔިތުންގެ ބޮލުގައި އަޅުވަން އަމީރު މުޙައްމަދު މަސައްކަތްކުރައްވާނެ ކަމަށާއި، އެހެން ނަމަވެސް ކަމެއް ވެއްޖެ ނަމަ އެކަމުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ އަބޫދާބީގެ ވަލީޢަހުދު މުހައްމަދު ބިން ޒައިދު ކަމަށް ޝައިޚް ޢަބްދުﷲ ބިން އަލީ އަލްޘާނީ ވިދާޅުވިއެވެ.
#عاجل بالفيديو الشيخ عبدالله بن علي آل ثاني يقول إنه محتجز في #أبو_ظبي بعد استضافة الشيخ محمد بن زايد له ويقول إن دولة #قطر بريئة من أي مكروه قد يحدث له pic.twitter.com/6Gc7XOZT75
— الجزيرة مباشر (@ajmubasher) January 14, 2018
ޝައިޚް ޢަބްދުﷲ ބިން އަލީ އަލްޘާނީގެ އެއްބަނޑު އެއްބަފާ ބޭފުޅެއް ކަމަށްވާ ޝައިޚް ޚާލިދު ބިން ޢަލީ އަލްޘާނީ އަންގާރަ ދުވަހު އަލްޖަޒީރާއަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ ޝައިޚް ޢަބްދުﷲ ބިން އަލީ އަލްޘާނީގެ ޙާލުކޮޅު ވަރަށް ދެރަވެފައިވާ ކަމަށެވެ.
ޝައިޚް ޢަބްދުﷲ ބިން އަލީ އަލްޘާނީގެ ވީޑިއޯ ޢާއްމު ކުރެއްވުމާއި އެކު ޔޫއޭއީގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ޝައިޚް ޢަބްދުﷲ ބިން އަލީ އަލްޘާނީ އަބޫދާބީގައި ހުންނެވީ އަމިއްލަފުޅު ނިންމެވުމެއްގެ ދަށުން، މިނިވަންކަމާއިއެކު މެހުމާނެއްގެ ހައިސިއްޔަތުންކަމަށެވެ. އަދި ޤަތަރުގެ ސަރުކާރުގެ ފުރައްސާރަތަކުން މިންޖުވެގެން ޝައިޚް ޢަބްދުﷲ ބިން އަލީ އަލްޘާނީ އަބޫދާބީއަށް ވަޑައިގަތުމުން އެމަނިކުފާނަށް އަބޫދާބީ އިން ކިޔާފައި ވަނީ ހޫނު މަރުޙަބާއެއް ކަމަށް ވެސް ޔޫއޭއީގެ ޚާރިޖިއްޔާއިން ބުންޏެވެ.
މިމައްސަލައިގައި ޤަތަރުން ބުނީ ޝައިޚް ޢަބްދުﷲ ބިން އަލީ އަލްޘާނީގެ ވާހަކަފުޅުން ދޭހަވަނީ އެމަނިކުފާނު ހުންނެވީ ޔޫއޭއީ އިން ބަންދުކޮށްފައި ކަމަށެވެ. އަދި ޔޫއޭއީ އިން ޤަތަރާ އެކު ގުޅުން ކަނޑާލާފައިވުމާއި، ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާތީ، އެމައްސަލައިގެ އިތުރު ތަފްޞީލް ހޯދެން ނެތް ކަމަށް ޤަތަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ލުލްވާ އަލް ޚަތަރު ވިދާޅުވިއެވެ.
ޤަތަރުގެ އިންސާނީ ހައްޤުތަކާ ބެހޭ ކޮމިޓީ އިން އަންގާރަ ދުވަހު ބުނީ ޝައިޚް ޢަބްދުﷲ ބިން އަލީ އަލްޘާނީގެ ޢާއިލާގެ ފަރާތުން އެމައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި މިއީ އިންސާނީ ހައްޤުތަކާއި ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ޚިލާފަށް އަބޫދާބީ އިން ކުރި ކަމެއް ކަމަށް ޤަތަރުން ސިފަކުރިއެވެ.
މިހުރިހާ ކަމަކާ އެކު، ބުދަ ދުވަހު ފެނުނީ ޝައިޚް ޢަބްދުﷲ ބިން އަލީ އަލްޘާނީ ކުވައިތަށް ވަޑައިގަތްތަނެވެ. ފުރޮޅުލީ ގޮނޑީގައި ހޮސްޕިޓަލަށް ވަޑައިގަތް އިރު، ޙާލުކޮޅު ފެނުނީ ވަރަށް ދެރަކޮށެވެ. އަދި ޙާލުކޮޅު ދެރަވީ އަބޫދާބީގައި ބަންދުކޮށްފައި ހުންނަވަނިކޮށް ކުރިމަތިވި ފިއްތުންތަކާއި ހާސްކަމުގެ ސަބަބުން ކަމަށް އާއިލާއިން ބުނެއެވެ.