މިދިޔަ އަހަރުގެ ތެރޭގައި މިޔަންމާގެ ރަޚީން ސްޓޭޓްގައި އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަނުގައި ރޮހިންޖާ މުސްލިމުން މަރާފައިވާނެ ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ފުރަތަމަ ފަހަރަށް އެއްބަސްވެއްޖެއެވެ.
އެ ގައުމުގެ އަސްކަރިއްޔާއިިން ބުނީ ސަލާމަތީ ބާރުތަކުގެ ހަތަރު މީހަކު އިން ދިން އަވަށުގައި 10 މީހުން މަރާލުމުގައި ބައިވެރިވެފައިވާ ކަމަށް އިންކުއަރީއަކުން ހާމަވެފައިވާ ކަމަށެވެ.
ތަހުގީގު ރިޕޯޓުގައި ބުނެފައިވަނީ އެެ ވިލެޖްގެ ރައްޔިތުން "ބަންގާޅީ ޓެރެރިސްޓުން"ގެ ގޮތުގައި ލޭބަލްކޮށްފައިވާ ބައެއްގެ ގައިގައި ތަޅައިގަނެ ބަދަލު ހިފުމުގެ ކަންތައްތަކެއް ހިންގިއިރު އެ ހަތަރު މީހުން އެ މީހުންނަށް އެހީވެދީފައިވާ ކަމަށެވެ.
މިޔަންމާގެ އަސްކަރިއްޔާގެ މައްޗަށްވަނީ ވަކީ އަގީދާއެއްގެ ބަޔަކު ނައްތާލުމަށް މަަސައްކަތް ކުރިކަމަށް ތުހުމަތުކުރެވިފައެވެ.
މިދިޔަ އަހަރުގެ އޯގަސްޓްމަހު ހަމަނުޖެހުންތައް ފެށުނުފަހުން، އަވަށްޓެރި ބަންގްލަދޭޝްއަށް 650،000 އަށްވުރެ ގިނަ މީހުން ހިޖުރަކޮށްފައިވެއެވެ. މިޔަންމާ ސިފައިން ހިންގި އޮޕަރޭޝަނުގައި އެއްފަހަރާ އެތައްބަޔަކު މަރާލުމާއި،ރޭޕްކުރުމާއި ލާއިންސާނީ އަނިޔާ ހިންގާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މީގެ އިތުރުން އެ ގައުމުގެ ބުޑިސްޓުންގެ ތާއީދާއެކު އަސްކަރިއްޔާއިން ރޮހިންޖާ މުސްލިމުންގެ އަވަށްތަކުގައި ހުޅުޖަހައި ޢާއްމުން މަރާފާއިވާކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
އާއްމުންނަށް އަމާޒުކޮށް ހަމަލާދިން ކަމަށް ބުނާ ވާހަކަތައް މިޔަންމާގެ އަސްކަރިއްޔާއިން ދޮގު ކުރެއެވެ. އަދި އަސްކަރިއްޔާއިން ދަނީ ހަމަލާދީފައިވާނީ ރޮހިންޖާ ހަނގުރާމަވެރިންނަށް ކަމަށް ތަކުރާރުކޮށް ބުނަމުންނެނެވެ.
މިޔަންމާއިންވަނީ އެގަމުގެ މައްޗަށް ކުރެވޭ ތުހުމަތުތައް ބެލުމަށް ނޫސްވެރިންނާއި ބޭރުގެ ތަހުގީގު ޓީމުތައް ރަޚީން ސްޓޭޓަށް ވަނުމަށް ދެކޮޅު ހަދަމުންނެވެ.
އަސްކަރިއްޔާއިން މިދިޔަ މަހުވަނީ 10 އިންސާނެއްގެ ކަށިގަނޑު ފެނުނު ކަށްވަޅެއްގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައެވެ.
އެ ތަހުގީގުގެ ނަތީޖާ އަސްކަރިއްޔާގެ ކޮމާންޑަރ އިން ޗީފް ގެ ފޭސްބުކް ޕޭޖްގައި ޕަބްލިޝްކޮށްފައިވާއިރު އޭގައި ބުނެފައިވާގޮތުގައި އެ ގަތުލުއާއްމު ހިނގާފައިވަނީ ސެޕްޓެމްބަރު މަހުގެ 2 ވަަނަ ދުވަހުއެވެ.
"އެއީ ތެދެއް އަވަށުގެ ރައްޔިތުން އަދި ސަލާމަތީ ބާރުތަކުންވަނީ 10 ބަންގާޅީ ޓެރެރިސްޓުން މަރާލި ކަމަށް އެެއްބަސްވެފައި" ރޮހިންޖާ ހަނގުރާމަވެރިންނަށް ބޭނުންކުރާ އެހެން ނަމެއްކަމަށްވާ ބެންގާޅީ ޓެރެރިސްޓްގެ ގޮތުގައި މުޚާތަބުކޮށް ބުނެފައިވެއެވެ.