ކ. މާލެ
|
10 ޖެނުއަރީ 2018 | ބުދަ 18:23
ބާކްލީ ޗެލްސީގެ ފަރިތަކުރުންތަކުގައި
ބާކްލީ ޗެލްސީގެ ފަރިތަކުރުންތަކުގައި
ގެޓީ އިމޭޖަސް
ބާކްލީ ޗެލްސީއަށް ސޮއިކުރުން
ބާކްލީ ޗެލްސީއަށް ބަދަލުވި މައްސަލަ ފުލުހަށް ހުށަހަޅައިފި
މި މައްސަލަ ފުލުހުންނަށް ހުށަހެޅީ ލިވަޕޫލްގެ މޭޔަރ

އެވަޓަންއަށް ކުޅުނު އިނގިރޭސިވިލާތުގެ ފޯވާޑް އެ ޓީމު ދޫކޮށް ޗެލްސީއަށް ބަދަލުވުމާއި ގުޅިގެން އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.

މި ޓްރާންސްފާ ތަހުގީގު ކޮށްދިނުމަށް އެދި މައްސަލަ ފުލުހުންނަށް ހުށަހެޅީ ލިވަޕޫލްގެ މޭޔަރ ޖޯ އެންޑަސަންއެވެ. އޭނާއަކީ އުމުރު ދުވަހު އެވަޓަންއަށް ސަޕޯޓުކުރަމުން އަންނަ މީހެކެވެ. އެންޑަސަން ވަނީ ބާކްލީ ޗެލްސީއަށް ބަދަލުވި ޓްރާންސްފާ ތަހުގީގު ކޮށްދިނުމަށް އެދި ސިޓީއެއް އެ ސަރަހައްދުގެ ފުލުހުންނަށް ހުށަހަޅާފައެވެ. އެންޑަސަން ވަނީ މި މައްސަލައިގައި ޕްރިމިއާ ލީގު އަދި އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުގެ އިސްވެރިންނަށް ވެސް  ސިޓީ ފޮނުވާފައެވެ. އެވަޓަން ނިސްބަތްވާ އިނގިރޭސިވިލާތުގެ މަރސީސައިޑްގެ ފުލުހުން ވަނީ އެންޑަސަން ފޮނުވި ސިޓީގައިވާ ކަންކަން ބަލަމުންދާ ކަމަށް ބުނެފައެވެ.

ލިވަޕޫލްގެ މޭޔަރގެ ރަސްމީ ލެޓާހެޑުގައި އެންޑަސަން ފޮނުވި ސިޓީގައި ވަނީ ޗެލްސީއިން ބާކްލީ ގަތުމަށް ހުށަހެޅި އަގާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ސީޒަނުގައި ބާކްލީ އެއްވެސް މެޗެއް ކުޅެފައިނުވާކަން ފާހަގަކުރައްވަމުން އެންޑަސަން މި ސީޓީގައި ލިޔުއްވާފައި ވަނީ އޭނާއަށް ޗެލްސީއިން ހުށަހަޅާފައިވާ އަގަކީ އޭނާއަށް ހައްގު އަގުކަމަށް ގަބޫލް ނުކުރެވޭ ކަމަށެވެ.

އެންޑަސަންގެ ސިޓީގައި ފާހަގަ ކުރައްވާފައިވަނީ މިއީ އެވަޓަންއަށް ލިބުނު ބޮޑު ލަނޑެއް ކަމަށާއި މިއީ ބާކްލީގެ އޭޖެންޓް މާކެޓުގައި އޭނާގެ އަގު ދަށް ކުރުމަށް ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށެވެ. ޕްރިމިއާ ލީގާއި އިނގިރޭސި އެފްއޭގެ އިސްވެރިންނަށް ވަކިން ފޮނުވި ސިޓީގައި އެންޑަސަންވަނީ އެވަޓަންގެ ސަޕޯޓަރުންނަށް މި ޓްރާންސްފާގެ ހަގީގަތް އެނގުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވާފައެވެ.

މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ބާކްލީ ޗެލްސީއާއެކު ފަސް އަހަރާއި ބައިގެ ކޮންޓްރެކްޓެއްގައި ސޮއި ކޮށްފައިވާއިރު އޭނާ އެ ކްލަބަށް ބަދަލުވީ 15 މިލިއަން ޕައުންޑްގެ ފީއަކަށެވެ. ބާކްލީ ޗެލްސީގެ ފަރިތަކުރުންތަކުގައި ވެސް ބައިވެރިވަމުން އަންނައިރު އޭނާ އެ ޓީމުގެ ބޭނުން ކުރަމުން އަންނަނީ އަށް ނަމްބަރު ޖާޒީއެވެ.

އުމުރުން 24 އަހަރުގެ މިޑްފީލްޑަރު ހޯދުމަށް ޗެލްސީއިން މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ވެސް މަސައްކަތް ކޮށްފައިވެއެވެ. އެހެން ނަމަވެސް އެފަހަރު ޗެލްސީއިން ހުށަހެޅި ކޮންޓްރެކްޓަށް ފުރަގަސްދީ އޭނާ ވަނީ އެވަޓަންގައި މަޑުކޮށްފައެވެ. އެއަށް ފަހު އެވަޓަންއިން އޭނާއަށް ހުށަހެޅި ކޮންޓްރެކްޓްއަށް ވެސް އޭނާ ފުރަގަސްދިނެވެ.

މިދިޔަ އޮގަސްޓު މަހު ފަލަމަސްގަޑަށް ލިބުނު އަނިޔާއަކާއި ގުޅިގެން މި ސީޒަނުގައި ބާކްލީ އެއްވެސް މެޗެއް ކުޅެފައި ނުވާއިރު މި ޖެނުއަރީ މަހުގެ ނިޔަލަށް އޭނާ ފިޓުވާނެ ކަމަށް ބެލެވެއެވެ. އެންޑަސަން މި ޓްރާންސްފާ ތަހުގީގު ކޮށްދިނުމަށް އެދިފައިވާއިރު ފުލުހުން ކޮންމެ ގޮތަކަށް ނިންމުން ނިންމި ކަމުގައި ވިޔަސް މި ޓްރާންސްފާގެ އެއްވެސް ކަމެއް ބަދަލުވެގެން ނުދާނެއެވެ. އިނގިރޭސި މީޑިއާއިން މިކަން ބޮޑަށް ސިފަކޮށްފައިވަނީ ބޮޑު ޖޯކެއްގެ ގޮތުގައެވެ.

ބާކްލީ އެވަޓަންއާ ގުޅުނީ އޭނާގެ އުމުރުން އެންމެ 13 އަހަރުގައި 2005 ވަނަ އަހަރުއެވެ. 2011 ވަނަ އަހަރު އެވަޓަންއަށް ފުރަތަމަ މެޗު ކުޅެދިން ބާކްލީ ވަނީ އެ ޓީމަށް ކުޅުނު 150 މެޗުގައި 21 ލަނޑު ޖަހައިދީފައެވެ. ހަމައެހެންމެ އޭނާވަނީ އިނިގރޭސިވިލާތުގެ ގައުމީ ޓީމަށް 22 މެޗު ކުޅެދީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ފީފާ ވޯލްޑް ކަޕްގައި އެ ޓީމަށް ކުޅެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް